ހުޅުމާލޭގެ ތަރައްގީގެ އެއްމެހާ ކަންކަން ކުރަމުން ގެންދާ އެޗް.ޑީ.ސީން އެ ކުންފުނީގެ ސްމާޓް ސިޓީ ބްރޭންޑް ކަމަށްވާ ސްމާޓްކޮމް، 11 ޑިސެމްބަރ 2021 ގައި އިފްތިތާހު ކޮށްފިއެވެ.

ސްމާޓްކޮމް އިފްތިތާހު ކުރުމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލޮޕްމަންޓް، އަލްއުސްތާޛް ފައްޔާޒް އިސްމާއީލްގެ އިތުރުން ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކުގެ އިސް ބޭފުޅުން، އެޗް.ޑީ.ސީގެ އޯޕަން އެކްސެސް ނެޓްވޯކް ޕާޓްނަރ ކުންފުނިތައް ކަމަށްވާ ދިރާގު، އުރީދޫ، އަދި މީޑިއާނެޓްގެ އިސް ވެރިން، ސްމާޓް ސިޓީގެ މަސައްކަތް ތަކުގައި މި ވަގުތު އެޗް.ޑީ.ސީ އާއެކު މަސައްކަތްކުރާ އެހެނިހެން ފަރާތްތަކާއި، އެކުންފުނީގެ އިސްވެރިން އަދި މިކަންކަމުގައި ހަރަކާތްތެރިވާ މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އެޗް.ޑީ.ސީން ބުނީ ހުޅުމާލޭގެ ތަފާތު ކޮމިއުނިޓީތައް ޑިޖިޓަލީ ގުޅުވާލުމަކީ ސްމާޓްކޮމްގެ ދުރު ތަސައްވަރުކަމަށާއި، ސްމާޓްކޮމްގެ މައިގަނޑު އަމާޒުތަކުގެ ތެރޭގައި ސިޓީގެ ކަންކަން ކުރިއަށް ގެންދިއުމަށް، ތަފާތު ސްމާޓް ހައްލުތައް ތައާރަފު ކުރުން ހިމެނޭކަމަށެވެ. އަދި މުޖުތަމައުގެ އެއްމެހާ ފަރުދުން ހިމެނޭހެން ހުރިހާފަރާތްތައް ގުޅިގެން މި ތަސައްވުރަށް ވާސިލުވުމަށް ތަފާތު ޕާޓްނަރޝިޕްތައް އުފެއްދުމަކީ ވެސް އެއް އަމާޒުކަމަށް އެކުންފުނިން ބުނެއެވެ. މީގެ އިތުރުން ސްމާޓްކޮމް މެދުވެރިކޮށް ޓެކްލޮލޮޖީއާއި އުފެއްދުންތެރިކަން ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންގެ ދިރިއުޅުމަށް ލުއިފަސޭހަކަން ގެނެސްދެވިގެންދާނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ސްމާޓްކޮމް ބްރޭންޑްގެ ދަށުން މުސްތަގްބަލުގައި ތައާރަފުވެގެންދާ ތަފާތު ސްމާޓް ސޮލިއުޝަންސް ތަކުގެ ސަބަބުން ސިޓީގެ ތައުލީމާއި ސިއްހަތާއި ދަތުރުފަތުރުގެ ކަންކަން، ރައްޔިތުންނާއި އާއްމު ތަންނަނުގެ ރައްކާތެރިކަން ކަށަވަރުވުން، ވިޔަފާރިއާއި އިގްތިސާދު ކުރިއެރުން، އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްވުން ފަދަ ގިނަގުނަ ފައިދާތަކާއި ލުއިފަސޭހަތައް ރައްޔިތުންނަށާއި ވިޔަފާރިތަކަށް، އަދި ސަރުކާރުގެ އިދާރާތަކަށްވެސް ލިބިގެން ދާނެކަމަށް އެޗް.ޑީ.ސީއިން ހާމަކޮށްފައިވެއެވެ. ވަކިން ހާއްސަކޮށް ޕާޓްނަރޝިޕްތަކާއި، އިންކިއުބޭޝަން ފެސިލިޓީތަކާއި، އަދި މިކަހަލަ ތަފާތު ޕްރޮގްރާމްތަކާއެކު، ޓެކްނޮލޮޖީ އިންޑަސްޓްރީއަށް ޝައުގުވެރިކަން ހުންނަ ހުނަރުވެރި ޒުވާނުންނަށް ފުރުސަތުތައް ފަހިވެ، އަދި މިދާއިރާގައި ހަރަކާތްތެރިވާ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށާއި، އަލަށް މި އިންޑަސްޓްރީއަށް ނިކުންނަން ބޭނުންވާ ވިޔަފާރިތަކަށްވެސް ފުރުސަތުތައް ފަހިވެގެންދާނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

ޑިޖިޓަލް ޓެކްނޮލޮޖީގެބޭނުން ކޮށްގެން ހުޅުމާލެ ސްމާޓް ސިޓީއަކަށް ހެދުމުގެ މަގުސަދުގައި އެޗް.ޑީ.ސީއިން މިހާރުވެސް އަންނަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިހާތަނަށް ވަނީ ހުޅުމާލޭގައި އޯޕަން އެކްސެސް ނެޓްވޯކަކާއިއެކީގައި ޑިޖިޓަލް އިންފްރާސްޓްރަކްޗަރއެއް ގާއިކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައެވެ. އެޗް.ޑީ.ސީގެ އަމާޒަކީ ސްމާޓްކޮމް މެދުވެރިކޮށް ހުޅުމާލެއަކީ ދިވެހިރާއްޖޭގެ އެއްމެ ފުރަތަމަ ސްމާޓް ސިޓީއަށް ހެދުމެވެ. އަދި ސްމާޓް ސިޓީގެ ޚިދުމަތްތައް ނުވަތަ ސްމާޓް ސޮލިއުޝަންތައް ހުޅުމާލޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކަށްވެސް ފޯރުކޮށްދިނުމެވެ.

މިގޮތުން، އެޗް.ޑީ.ސީއިން މިހަރު ގެންދަނީ އިންޓަނެޓް އަދި ޓީވީފަދަ ޚިދުމަތްތައްދޭ ހުރިހާ ފަރާތްތަކަށް އެއްވިއުގައެއް މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތްދެވޭގޮތަށް ފަރުމާކޮށްފައިވާ އޯޕަން އެކްސެސް ނެޓްވޯކެއް ގާއިމުކޮށް އޭގެ ޚިދުމަތްތައް ތައާރަފް ކުރުމަށް ހަލުއިކަމާއެކު މަސައްކަތް ކުރަމުންނެވެ. މި އޯޕަން އެކްސެސް ނެޓްވޯކް މެދުވެރިކޮށް މިއަހަރުގެ ފަހު ކުއާޓާގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަދި ހާއްސަކޮށް ހިޔާފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިރާގު، އުރީދޫ އަދި މީޑިއާ ނެޓްގެ ޚިދުމަތްތައްދޭން ފަށާފައިވާކަމަށް އެޗް.ޑީ.ސީއިން ހާމަކޮށްފައިވެއެވެ.

އަދި ދެވަނަ ފިޔަވަހީގައި މޮބައިލް ކަވަރޭޖް ރަނގަޅު ކުރުމުގެ ގޮތުން މުއާސަލާތީ ޚިދުމަތްދޭ ހުރިހާ ކުންފުނި ތަކަށްވެސް އެއްޓަވަރުތަކެއް ބޭނުންކޮށްގެން ޚިދުމަތް ދެވޭފަދަ މުއާސަލާތީ ޓަވަރު ތަކަކާއި، ސްޓްރީޓް އަދި ރޫފްޓޮޕް ޕޯލް ތަކެއް ޖެހުމުގެ މަސައްކަތްތައްވެސް ކުރިއަށްދާކަން އެކުންފުނިން ފާހަގަކޮށްފައިވެއެވެ. އެގޮތުން މިހާތަނަށް ހިޔާ ފްލެޓް ސަރަހައްދުގައި ވަނީ ހަތަރު ޓަވަރެއް ޖަހައި، ދިރާގާއި އުރީދޫގެ މޮބައިލް ޚިދުމަތްތައް މި ޓަވަރުތައް މެދުވެރިކޮށް ދޭން ފަށާފައެވެ. މީގެއިތުރުން ދިރާގު އަދި އުރީދޫގެ މޮބައިލް ކަވަރޭޖް ވެސް މިޓަވަރުތައް މެދުވެރިކޮށް މިހާރު ފަށާފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.

ހުރިހާ ޚިދުމަތްދޭ ފަރާތްތަކަށް ބޭނުންކުރެވޭ ގޮތަށް ހުންނަ މިފަދަ ޑިޖިޓަލް އިންފްރާސްޓަރގެ ސަބަބުން ރައްޔިތުންނަށް އަވަސްކަމާއެކު ޚިދުމަތްތައް ފޯރުކޮށްދެވި، ގިނަގިނައިން މަގު ކޮނުންފަދަ ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލުވެގެން ދާނެކަމަށް އެޗް.ޑީ.ސީއިން ފާހަގަކޮށްފައިވެއެވެ. އަދި މިފަދަ އޯޕަން އެކްސެސް ނެޓްވޯކް ތަކަކީ އޭގެ ޒަރީއާއިން އެތަކެއް ސްމާޓް ސޮލުއިޝަންތަކެއް ތައާރަފު ކުރެވޭނެ ވިއުގައެއްކަމަށް އެޗް.ޑީ.ސީއިން ހާމަކޮށްފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން