އިންޑިއާގެ މަޝްހޫރު ކޮމެޑީއަން ބާރްތީ ސިންގ ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން އިއުލާންކޮށްފިއެވެ.

ބާރްތީ ސިންގ އަދި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗިޔާގެ ދެމަފިރިންނަށް ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފައިވަނީ ޔޫޓިއުބް އަދި އިންސްޓަގްރާމް މެދުވެރިކޮށެވެ. މިދެމަފިރިން މީސްމީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި ބަލިވެއިންކަން ހާމަކުރަމުން ބާރްތީ ވަނީ މިދިޔަ ހަމަސް ދުވަހު ކެމެރާ ކުރިމަތީ އޭނާ ޕްރެގްނަންސީ ޓެސްޓު ހެދިކަމަށްވެސް ބުނެފައެވެ.

ބާރްތީ ބުނެފައިވާގޮތުގައި މިދިޔަ ހަމަސްދުވަހު އޭނާ ޕްރެގްނަންސީ ޓެސްޓު ހެދިތަން ވީޑިއޯކުރީ ބަލިވެއިންކަން އެނގޭ ހާއްސަ ވަގުތުކޮޅު ކުރެވޭ އިހުސާސްތައް ވީޑިއޯ ކުރުމަށެވެ.

ބާރްތީ މެން ދެމަފިރިން ދަރިއަކު ހޯދަން ވިސްނާނީ 2020 ވަނަ އަހަރުކަމަށް މީގެ ކުރިން ހާމަކޮށްފައިވީނަމަވެސް ކޮވިޑާ ގުޅިގެން އެވިސްނުން މަޑު ޖައްސާލަން ޖެހުނު ކަމަށް ބާރްތީ ވަނީ މީގެ ކުރިން ހާމަކޮށްފައެވެ. އަދި ދަރިއަކު ލިބޭކަން އެނގުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމުން ދަރިއަކު ލިބޭކަން ޔަގީންވުމުން އެކަން ހާމަކުރާނެކަމަށްވެސް އޭނާ މީގެ ކުރިން ބުނެފައިވެއެވެ.

2008 ވަނަ އަހަރު ދަ ގްރޭޓް އިންޑިއަން ލާފްޓަރ ޗެލެންޖު ޝޯވްގެ ރަނަރަޕްގެ މަގާމާއެކު މަޝްހޫރުކަން ލިބިގެންދިޔަ ބާރްތީ ސިންގ ވަނީ އިންޑިއާގެ ގިނަ ކޮމެޑީ ޓީވީ ޝޯވް ތަކުން ފެނިގެން ގޮސްފައެވެ. އަދި ޓީވީ ސީރީޒް ޕިޔާރް މެއިން ޓްވިސް ގެ އެކްޓަރއެއްގެ ގޮތުގައިވެސް ބާރްތީ ފެނިގެންގޮސްފައިވެއެވެ. މީގެ އިތުރުން ޖަލަކް ދިކްލާޖާ، ނަޗްބަލިޔޭ، ޑާންސް ދީވާނޭ، ދަ ކަޕިލް ޝަރމާ ޝޯވް، ބިގްބޮސް، ކަތުރޯންކީ ކިލާޅީ އަދި ކަތުރާ ކަތުރާ ޝޯވް އިންވެސް ފެނިގެންގޮސްފައިވާ ބާރްތީ ވަނީ ގިނަ ޓީވީ ޝޯވްތަކެއް ހުޝަހަޅައިދިނުމުގައިވެސް ފެނިގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން