ހުޅުމާލެ
ހުޅުމާލެ
ހުޅުމާލެ އަކީ އެޗްޑީސީގެ އަމިއްލަ ޚަރަދުގައި ހިއްކާފައިވާ ބިމެއް ކަމަށާއި ރަޖިސްޓްރީ ބާތިލުކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ދެ ފިޔަވަހީގެ ރަޖިސްޓްރީ މިއަދު ބާތިލް ކުރުމާގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިރޭ ނެރުނު ބަޔާނުގައި ބުނެފައިވަނީ ހުޅުމާލެއަކީ އެޗްޑީސީގެ އަމިއްލަ ޚަރަދުގައި ހިއްކާފައިވާ އަދި އެކޯޕަރޭޝަނަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއް ކަމަށެވެ.

އެޗްޑީސީން ބުނީ އެކޯޕަރޭޝަނަކީ ދިވެހިރާއްޖޭގެ ކުންފުންޏާއިބެހޭ ޤާނޫނުގެ 15 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ ޤާނޫނީ ގޮތުން މުދާ މިލްކުކުރުމުގެ ހައްޤު ލިބިދީފައިވާ ވަކި ޝައްސެއް ކަމަށެވެ. އަދި ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަން އެކޯޕަރޭޝަނަށް ލިބިދީފައިވާކަން ރަމްޒުކޮށްދޭ ބިމުގެ ރަޖިސްޓަރީ ބާޠިލުކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމި ނިންމުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ޙައްޤާއި، ބިމާއި ބެހޭ ޤާނޫނާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނާ ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ޤާނޫނާއި ޚިލާފު، ނާތަހުޒީބީ ނިންމުމެއް ކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ވާގޮތުން، އެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން ޢާއްމު ރައްޔިތުންނަށާއި، ސަރުކާރުގެ އިދާރާތަކަށް ދޫކޮށްފައިވާ އެންމެހައި ވަޞީލަތްތަކާއި، ބިނާތަކާއި، ނުއުފުލޭ ހަރުމުދަލާއި، ޤައުމީ ސަލާމަތަށް ކަނޑައަޅާފައިވާ ތަންތަނުގެ މިލްކުވެރިކަން ލިބިގެންވަނީ އެޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިން އެތަނެއްގެ މިލްކުވެރިކަން އޮތް ފަރާތަކަށް ކަމަށެވެ.

"ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނެވުނު އިރު، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ ބިންވެސް ވަނީ އަމިއްލަ ބިމެއްގެ ގޮތުގައި މިކޯޕަރޭޝަނުގެ ނަންމަތީގައި ރަޖިސްޓްރީކޮށްދީފައެވެ. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނަށް ބަލާއިރު، ބިމުގެ މިލްކުވެރިކަމަކީ ބިމުގެ ވެރިފަރާތަށް އެބިމާއި ގުޅިފައިވާ އެންމެހައި މަންފާތަކާއި، މަސްލަހަތުތަކާއި އަދި ހައްޤުތައް ލިބިދީފައިވުމެވެ. އަދި، ހަމަ މިޤާނޫނުން އެނގިގެންދަނީ ދިވެހިރާއްޖޭގައި ވަކި ފަރާތަކަށް ބިމުގެ ޤާނޫނީ މިލްކުވެރިކަން ލިބިފައިވާކަން އަންގައިދޭ ޤާނޫނީ ލިޔުމަކީ ބިމުގެ ރަޖިސްޓަރީކަމެވެ. އަދި، ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާއި މިލްކުވެރިކަން ބަދަލު ކުރުމުގެ ޤާނޫނަށް ބަލާއިރު، ވަކި ފަރާތަކަށް ރަޖިސްޓަރީ ކޮށްދީފައިވާ އަމިއްލަ ބިމެއްގެ މިލްކުވެރިކަން ބަދަލުކުރެވޭނީ ޝަރުޢީ ކޯޓެއް މެދުވެރިކޮށެވެ." އެޗްޑީސީގެ ބަޔާނުގައި ވެއެވެ.

ދިވެހިޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ ދަށުންވެސް، އަމިއްލަ މުދަލަކީ ޤާނޫނު ހުއްދަނުކުރާ ގޮތަކަށް ނިގުޅައިގަނެގެންވާނޭ އެއްޗެއް ނޫން ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި ބިމުގެ ރަޖިސްޓަރީގައި ބަޔާންކުރެވިފައިވާ އެބިމުގެ މިލްކުވެރިކަމުގެ ޤާނޫނީ ހައްޤަކީ ކަނޑައެޅި ބަޔާންވެގެންވާ ޤާނޫނީ އިޖުރާއަތުތަކާ އެއްގޮތަށް ނޫންގޮތަކަށް ބާޠިލުކުރެވޭނެ ހައްގެއް ނޫން ކަމަށް އެޗްޑީސީގެ ބަޔާނުގައިވެއެވެ.

"ހުޅުމާލޭގެ ބިމުގެ މިލްކުވެރިކަމާއި އެ މިލްކުވެރިކަމާއި ގުޅިގެން މިކޯޕަރޭޝަނަށް ލިބިފައިވާ އެންމެހައި ހައްޤުތައް މިކޯޕަރޭޝަނަށް ލިބިގެންވީ ހިނދު، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް މާލެ ސިޓީ ކައުންސިލުން ނިންމާފައިވާ ނިންމެވުން އެންމެ ހަރުކަށި އިބާރާތުން މިކޯޕަރޭޝަނުން ކުށްވެރި ކުރަމެވެ. އަދި، މިކަމުގެ ސަބަބުން މިކޯޕަރޭޝަނަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދަން މާލެ ސިޓީ ކައުންސިލްގެ މައްޗަށް ދަޢުވާ އުފުލާނެ ވާހަކަ ދަންނަވަމެވެ." އެޗްޑީސީގެ ބަޔާން ނިންމާލަމުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


4

ޑިމޮކްރަސީ

10-Dec-2021

ރައްޔިތުންގެ ޓެކްސފައިސާއިން ހިއްކާފަ އޮްތް ބމެއް ކީއްވެ އެޗްޑީސީގެ މިލްކިއްޔާތަކަށްހަދައިގެން ރައްޔިތުންނަށް ތިމާމެން ހިތުހުރި އަގެއްގަ ތަންތަން ޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮޮ ވިއްކާ ހިތުހުރި އަގެއްގަ ކުއްޔަށްދީ ރައްޔިތުން ބިކަތަޅުވަނި ތި އެޗްޑީސީ އިން ތިތަންތަން އަތުލަން އެބަޖެހޭ



ޓްރެންޑިން