އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ (ކ) އާއި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު (ވ)
އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ (ކ) އާއި ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމު (ވ)
ދުބާއީގެ އެގްޒެކިއުޓާސް ކުންފުނިން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނެއްކާވެސް މިއަދު އަނބުރާ އޭސީސީ އަށް ފޮނުވާލައިފި އެވެ.

ޕީޖީ އޮފީހުން ބުނީ ވެންޓިލޭޓަރުގެ މައްސަލަ އަނބުރާ ފޮނުވާލީ އިސްލާހުކުރަންޖެހޭ ކަންކަން ހުރުމުން ކަމަށެވެ. އެ އިސްލާހުތަކަށް ފަހު މައްސަލަ އަލުން ހުށަހެޅުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އަންގާފައިވާނެެ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މިމައްސަލަ އޭސީސީން ތަހުޤީޤްކުރުމަށްފަހު ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ އިސް ބައެއްގެ މައްޗަށް ދައުވާ ކޮށްދޭން 14 އޮކްޓޫބަރު 2020 ގައި ޕީޖީއަށް ފޮނުވުމުން، ޕީޖީން ނިންމީ މައްސަލަ ތަހުގީގުކޮށްފައި އޮތް ގޮތުން އެއްވެސް ފަރާތަކަށް ދައުވާ ނުކުރުމަށެވެ.

ނަމަވެސް އެ މައްސަލާގައި ޕީޖީ ހުސެއިން ޝަމީމަށް ކުރިމަތިކުރި ޕްރެޝަރުތަކާއެކު މައްސަލަ އަލުން މުރާޖާކޮށް އިތުރަށް ތަހުގީގު ކުރުމަށް އޭސީސީއަށް އެންގުމުން، މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު އަނެއްކާވެސް އޭސީސީން އެމައްސަލަ ނިންމައި ޕީޖީއަށް ފޮނުވިއެވެ. ނަމަވެސް ކުށުގެ އުންސުރުތައް ހަމާނުވާކަމަށް ބުނެ ޕީޖީން އެމައްސަލަ އަނެއްކާވެސް އަނބުރާ ފޮނުވާލީއެވެ.

އެމައްސަލަ އަނބުރާ ފޮނުވާލިތާ އަހަރެއްހާ ދުވަސްފަހުން އޭސީސީން އަނެއްކާވެސް މައްސަލަ ޕީޖީއަށް ފޮނުވާފައިވެއެވެ. އަދި ވެންޓިލޭޓަރުގެ އެއްބަސްވުން އެކުލަވާލުމާއި އެ ތަކެތި ހޯދުމުގެ މުޅި ޕްރޮސެސްގައި ދައުލަތަށް ގެއްލުންވާގޮތަށް ހިންގާފައިވާ ކަންތައްތައް ފާހަގަކޮށް މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތަތަކުގެ މައްޗަށް، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ އުފުލުމަށް ވަނީ އެދިފައެވެ.

ދައުވާ ކުރާނެ އިތުރު މައްސަލައެއް ހޯދައި އޭސީސީން ޕީޖީ ފޮނުވި ކަމަށް ބުނި ނަމަވެސް އޭސީސީން ބުނީ އެ މައްސަލާގައި ހިމެނޭ ފައިސާ ދައުރުވެފައިވާ ގޮތާއި އެ ފައިސާއިން އެއްވެސް މިންވަރެއް ތުހުމަތުކުރެވޭ ފަރާތަކަށް ނުވަތަ އެ ފަރާތްތަކާ ގުޅުން ހުރި މީހުންނަށް ލިބިފައިވާކަން ތަހުޤީޤަށް ލިބުނު މައުލޫމާތުން އެނގެން ނެތް ކަމަށެވެ.

ދުބާއީން ގެންނަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރުތައް ގަންނަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް 34 މިލިޔަން ރުފިޔާ ދިވެހި ދައުލަތުން ދިނެވެ. ކަމާބެހޭ އުސޫކުތަކާއި ގަވާޢީދުތަކާ ޚިލާފަށް ދައްކާފައިވާ ކަމަށް ބުނާ މިފައިސާ ދޫކުރީ ފިނޭންސް މިނިސްޓަރ އަމީރެވެ.

ސަރުކާރުން މިހާރު މަސައްކަތް ކުރާކަމަށް ބުނަނީ ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރި ކުންފުނިން ބަދަލުގެ ގޮތުގައި 31 މިލިއަން ރުފިޔާ ހޯދުމަށެވެ. ނަމަވެސް މިކަމުގައި ލިބުނީ ކިހާވަރެއްގެ ކުރިއެރުމެއް ކަމެއްވެސް އަދި ނޭނގެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން