الحمد لله، والصلاة والسلام على رسول الله، صلى الله عليه وسلم، وبعد:

މީސްތަކުންނާއިގެން އިމާމްވެ ނަމާދު ކުރާ މީހާ އަކީ ކޮޅަށްހުރުމުގެ ކުޅަދާނަކަން ނެތް މީހަކަށްވީނަމަވެސް އެފަދަ މީހެއްގެ ފަހަތުގައި ނަމާދު ކުރުން ޞައްޙަވެގެންވެއެވެ.

މި ޙާލަތުގައި އިމާމުން ކަންތައް ކުރަން ޖެހޭނެ ގޮތުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.

ފުރަތަމަ ޙާލަތު: އިމާމް މީހާ ނަމާދު ފަށާފައިވަނީ ގޮނޑީގައި އިށީނދެ އިނދެގެންނަމަ, އޭނާގެ ފަހަތުގައި ނަމާދު ކުރަން ތިބި މީހުންވެސް ނަމާދު ކުރަންވާނީ އިށީނދެ ތިބެގެންނެވެ. މިކަމުގެ ދަލީލަކީ:

1-عَنْ عَائِشَةَ أُمِّ الْمُؤْمِنِينَ أَنَّهَا قَالَتْ صَلَّى رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي بَيْتِهِ وَهُوَ شَاكٍ فَصَلَّى جَالِسًا وَصَلَّى وَرَاءَهُ قَوْمٌ قِيَامًا فَأَشَارَ إِلَيْهِمْ أَنْ اجْلِسُوا فَلَمَّا انْصَرَفَ قَالَ إِنَّمَا جُعِلَ الإِمَامُ لِيُؤْتَمَّ بِهِ فَإِذَا رَكَعَ فَارْكَعُوا وَإِذَا رَفَعَ فَارْفَعُوا وَإِذَا صَلَّى جَالِسًا فَصَلُّوا جُلُوسًا "رواه البخاري( الأذان/657) މާނައަކީ: އުއްމުލް މުއިމިނީނަ ޢާއިޝާ ރަޟިޔަالله ޢަންހާ ވިދާޅުވިއެވެ." ރަސޫލާ ﷺ އާލާސްވެ އުޅުއްވިއިރު ގޭގައި އިށީނދެ އިންނަވައިގެން ނަމާދު ކުރެއްވިއެވެ. އެކަލޭގެފާނުގެ ފަހަތްޕުޅުގައި ބަޔަކު މީހުން ކޮޅަށްތިބެ ނަމާދު ކުރަމުންގެންދާތީ އިށީނުމަށް އަތުން އިޝާރާތް ކުރެއްވިއެވެ. ނަމާދުން އަވަދިވެ ވަޑައިގެން ޙަދީޘް ކުރެއްވިއެވެ. "އިމާމް އަކު ލެވިފައިވަނީ އޭނާ ނަމާދުކުރާ ގޮތަކަށް ކުރުމަށެވެ. އޭނާ ރުކޫޢުކޮށްފިނަމަ ރުކޫޢު ކުރާށެވެ. ތެދުވެއްޖެނަމަ ތެދުވާށެވެ. އިށީނދެ އިނދެ ނަމާދުކުރާނަމަ ތިޔަބައިމީހުންވެސް އިށީނދެ ތިބެ ނަމާދު ކުރާށެވެ."

2. އިމާމް ބުޚާރީ ރަޙިމަހުالله އަނަސް ބިން މާލިކް ރަޟިޔަالله ޢަންހުގެ ކިބައިން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ. (إِنَّمَا جُعِلَ الْإِمَامُ لِيُؤْتَمَّ بِهِ فَإِذَا صَلَّى قَائِمًا فَصَلُّوا قِيَامًا فَإِذَا رَكَعَ فَارْكَعُوا وَإِذَا رَفَعَ فَارْفَعُوا وَإِذَا قَالَ سَمِعَ اللَّهُ لِمَنْ حَمِدَهُ فَقُولُوا رَبَّنَا وَلَكَ الْحَمْدُ وَإِذَا صَلَّى قَائِمًا فَصَلُّوا قِيَامًا وَإِذَا صَلَّى جَالِسًا فَصَلُّوا جُلُوسًا أَجْمَعُونَ "رواه البخاري(الأذان/648) .) މާނައަކީ: “އިމާމް މީހާ ލެވިފައިވަނީ އޭނާ ނަމާދުކުރާ ގޮތަކަށް ތިޔަބައިމީހުން ނަމާދު ކުރުމަށެވެ. އޭނާ ކޮޅަށްހުރެ ނަމާދު ކޮށްފިނަމަ ތިޔަބައިމީހުންވެސް ކޮޅަށްތިބެ ނަމާދު ކުރާށެވެ. އޭނާ ރުކޫޢުކޮށްފިނަމަ ރުކޫޢު ކުރާށެވެ. ތެދުވެއްޖެނަމަ ތެދުވާށެވެ. ސަމިޢަالله ލިމަން ޙަމިދަހޫ ކިޔައިފިނަމަ "ރައްބަނާ ވަލަކަލް ޙަމްދު" ކިޔާށެވެ. ކޮޅަށްހުރެ ނަމާދު ކޮށްފިނަމަ ކޮޅަށް ތިބެ ނަމާދު ކުރާށެވެ. އިށީނދެ އިނދެ ނަމާދުކޮށްފިނަމަ ތިޔަބައިމީހުން އެންމެން އިށީނދެ ތިބެ ނަމާދު ކުރާށެވެ."

ދެވަނަ ޙާލަތު: އިމާމް ކޮޅަށް ހުރެ ނަމާދު ފަށާފައި, ނަމާދު ތެރޭގައި މެދުވެރިވާ ކަމެއްގެ ސަބަބުން ކޮޅަށް ހުންނަން ދަތިވެ ގޮނޑީގައި އިށީނދެއްޖެނަމަ, ފަހަތުގައި ތިބި މައުމޫމުން ނަމާދު ކުރަންވާނީ ކޮޅަށް ތިބެއެވެ. މިކަމުގެ ދަލީލަކީ: عن عَائِشَةَ رضي الله عنها قَالَتْ: ثَقُلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَقَالَ أَصَلَّى النَّاسُ قُلْنَا لا هُمْ يَنْتَظِرُونَكَ قَالَ ضَعُوا لِي مَاءً فِي الْمِخْضَبِ قَالَتْ فَفَعَلْنَا فَاغْتَسَلَ فَذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ ثُمَّ أَفَاقَ فَقَالَ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَصَلَّى النَّاسُ قُلْنَا لا هُمْ يَنْتَظِرُونَكَ يَا رَسُولَ اللَّهِ قَالَ ضَعُوا لِي مَاءً فِي الْمِخْضَبِ قَالَتْ فَقَعَدَ فَاغْتَسَلَ ثُمَّ ذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ ثُمَّ أَفَاقَ فَقَالَ أَصَلَّى النَّاسُ قُلْنَا لا هُمْ يَنْتَظِرُونَكَ يَا رَسُولَ اللَّهِ فَقَالَ ضَعُوا لِي مَاءً فِي الْمِخْضَبِ فَقَعَدَ فَاغْتَسَلَ ثُمَّ ذَهَبَ لِيَنُوءَ فَأُغْمِيَ عَلَيْهِ ثُمَّ أَفَاقَ فَقَالَ أَصَلَّى النَّاسُ فَقُلْنَا لا هُمْ يَنْتَظِرُونَكَ يَا رَسُولَ اللَّهِ وَالنَّاسُ عُكُوفٌ فِي الْمَسْجِدِ يَنْتَظِرُونَ النَّبِيَّ عَلَيْهِ السَّلَام لِصَلَاةِ الْعِشَاءِ الآخِرَةِ فَأَرْسَلَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى أَبِي بَكْرٍ بِأَنْ يُصَلِّيَ بِالنَّاسِ فَأَتَاهُ الرَّسُولُ فَقَالَ إِنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُكَ أَنْ تُصَلِّيَ بِالنَّاسِ فَقَالَ أَبُو بَكْرٍ وَكَانَ رَجُلًا رَقِيقًا يَا عُمَرُ صَلِّ بِالنَّاسِ فَقَالَ لَهُ عُمَرُ أَنْتَ أَحَقُّ بِذَلِكَ فَصَلَّى أَبُو بَكْرٍ تِلْكَ الْأَيَّامَ ثُمَّ إِنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَجَدَ مِنْ نَفْسِهِ خِفَّةً فَخَرَجَ بَيْنَ رَجُلَيْنِ أَحَدُهُمَا الْعَبَّاسُ لِصَلاةِ الظُّهْرِ وَأَبُو بَكْرٍ يُصَلِّي بِالنَّاسِ فَلَمَّا رَآهُ أَبُو بَكْرٍ ذَهَبَ لِيَتَأَخَّرَ فَأَوْمَأَ إِلَيْهِالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِأَنْ لا يَتَأَخَّرَ قَالَ أَجْلِسَانِي إِلَى جَنْبِهِ فَأَجْلَسَاهُ إِلَى جَنْبِ أَبِي بَكْرٍ قَالَ فَجَعَلَ أَبُو بَكْرٍ يُصَلِّي وَهُوَ يَأْتَمُّ بِصَلَاةِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالنَّاسُ بِصَلاةِ أَبِي بَكْرٍ وَالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قاعد "رواه البخاري (الأذان/655) މާނައަކީ: ޢާއިޝާ ރަޟިޔަالله ޢަންހާ ވިދާޅުވިއެވެ. ރަސޫލާ ﷺ ސުވަރުގެ ވަޑައިގެންނެވުމުގެ އާލަސްކަންފުޅު ގަދަވެގެންދިޔަ ވަގުތުގައި އަރިހުގައި ތިއްބެވި ޞަޙާބީންނާއި ސުވާލު ކުރެއްވިއެވެ. "މީސްތަކުން ނަމާދު ކޮށްފި ހެއްޔެވެ?" ދެންނެވުނެވެ. ނޫނެކެވެ. މީސްތަކުން ތިއްބެވީ ކަލޭގެފާނުގެ އިންތިޡާރުގައެވެ." އެހިނދު ފެންއެއްޗެއް ގެނައުމަށް އަމުރު ކުރެއްވިއެވެ. އަދި އެއިން ވުޟޫ ކުރެއްވިއެވެ. ނަމަވެސް އެކަލޭގެފާނު ހޭފުޅުނެތުނީއެވެ. ހޭފުޅު ލެއްވުމާއެކު ސުވާލު ކުރެއްވިއެވެ. "މީސްތަކުން ނަމާދު ކޮށްފި ހެއްޔެވެ?" ދެންނެވުނެވެ. "ނޫނެކެވެ. އެބައިމީހުން ތިބީ ކަލޭގެފާނުގެ އިންތިޡާރުގައެވެ." އަނެއްކާވެސް ފެންއެއްޗެއް ގެންނަން އަންގަވާ އެއިން ވުޟޫ ކުރެއްވިއެވެ. ނަމަވެސް އަނެއްކާވެސް އެކަލޭގެފާނު ހޭފުޅު ނެތުނީއެވެ. ހޭފުޅު އެރުމާއި އެކު ސުވާލު ކުރެއްވިއެވެ. "މީސްތަކުން ނަމާދުކޮށްފި ހެއްޔެވެ?" ދެންނެވުނެވެ. "ނޫނެކެވެ. އެބައިމީހުން ތިބީ ކަލޭގެފާނުގެ އިންތިޡާރުގައެވެ." މިގޮތަށް ތިންފަހަރަށް ތަކްރާރުވުމުން މީސްތަކުނައިގެން ނަމާދު ކުރެއްވުމަށް އަބޫބަކުރު ރަޟިޔަالله އަންހު އަށް އަމުރު ކުރެއްވިއެވެ. ބޭކަލަކު ވަޑައިގެން އެވާހަކަ އަބޫބަކުރު ރަޟިޔަالله ޢަންހަށް ދެންނެވި ހިނދު ޢުމަރު ރަޟިޔަالله ޢަންހުގެ ކިބައިން އިމާމްވެ ނަމާދު ކުރުމަށް އަބޫބަކްރު ރަޟިޔަالله ޢަންހު އެދިވަޑައިގަތެވެ. ނަމަވެސް ޢުމަރު ރަޟިޔަالله އަންހު އެކަމާ ދެކޮޅު ހައްދަވާ އަބޫބަކްރު ރަޟިޔަالله އަންހު އިސްކުރެއްވިއެވެ. ފަހުން ރަސޫލާ ﷺ އަށް ނަމާދަށް ނިކުމެވަޑައިގެންނެވޭ ވަރުވީމާ ޢައްބާސާއި ޢަލީގެ އަތުލަފި ކުރެއްވުމާއި އެކު މިސްކިތަށް ނިކުމެވަޑައިގަތެވެ. އޭރު އަބޫބަކްރު ރަޟިޔަالله ޢަންހު މީސްތަކުންނާއިގެން މެންދުރު ނަމާދު ކުރައްވަނީއެވެ. އަބޫބަކްރު ރަޟިޔަالله ޢަންހަށް ރަސޫލާ ﷺ ނިކުމެވަޑައިގެންނެވި ތަން ފެނިވަޑައިގަތީމާ ފަހަތަށް ޖެހިވަޑައިގަންނަވަން މަސައްކަތް ކުރެއްވިއެވެ. ނަމަވެސް އެގޮތަށް އެކަންތައް ނުކުރުމަށް ރަސޫލާ ﷺ އަތުން އިޝާރާތް ކުރެއްވިއެވެ. ދެން އަބޫބަކްރު ރަޟިޔަالله ޢަންހުގެ ކައިރީގައި ރަސޫލާ ﷺ ބެއިންދުމަށް އެހީތެރިންގެ ކިބައިން އެދިވަޑައިގަތުމުން އެބޭފުޅުން އެގޮތަށް ކަންތައް ކުރެއްވިއެވެ. އެހިނދު އަބޫބަކްރު ރަޟިޔަالله އަންހު ނަމާދު ކުރެއްވީ ރަސޫލާ ﷺ އިމާމަކަށް ބައްލަވައިގެންނެވެ. އަދި ފަހަތުގައި ތިއްބެވި ބޭކަލުން ނަމާދު ކުރެއްވީ އަބޫބަކްރު ރަޟިޔަالله ޢަންހު އިމާމަކަށް ބައްލަވައިގެންނެވެ. ރަސޫލާ ﷺ އިންނެވީ އިށީނދެ ވަޑައިގެންނެވެ.

މި ޙަދީޘުން ދަލީލު ނެގޭ ގޮތަކީ ނުވަތަ ވަޖްހުއްދިލާލާ އަކީ: އަބޫބަކްރު ރަޟިޔަالله އަންހު ނަމާދު ފެއްޓެވީ ކޮޅަށް ހުންނަވައިގެންނެވެ. އެޔަށްފަހު ރަސޫލާ ﷺ ވަޑައިގެން އަބޫބަކްރު ރަޟިޔަالله ޢަންހު ނަމާދު ނިންމެވި ހިސާބުން ފެށިގެން މީސްތަކުންނައިގެން ނަމާދު ކުރެއްވިއެވެ. ރަސޫލާ ﷺ އިންނެވީ އިށީނދެ ވަޑައިގެންނެވެ. އަދި ފަހަތުގައި ތިއްބެވި ޞަޙާބީން ތިއްބެވީ ކޮޅަށެވެ. މިއިން ދޭހަކޮށްދެނީ އިމާމް މީހާ ކޮޅަށްހުރެ ނަމާދު ފަށުމަށްފަހު ކަމެއް މެދުވެރިވެގެން އިށީންނަން ޖެހުނު ނަމަވެސް ފަހަތުގައި ތިބި މީހުން ނަމާދު ކުރަން ޖެހޭނީ ކޮޅަށްތިބެ ކަމެވެ. والله أعلم.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން