ޞާބިރާ އަހުމަދު (ވ)، ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިންތަކަކާއިއެކު.
ޞާބިރާ އަހުމަދު (ވ)، ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިންތަކަކާއިއެކު.
ޞާބިރާ އަހުމަދު ނުވަތަ ސޯބި އާންޓީ، މިނަމަކީ ވޭތުވެދިޔަ 28 އަހަރުތެރޭގައި ދިވެހިންގެ ތެރޭގައި އާންމު ނަމެކެވެ. ގިނަ ބަޔަކަށް ސޯބި ފެނިގެން ގޮސްފައިވަނީ ނޫނީ އެނގެނީ އާންޓީއެއް ނުވަތަ ޓީޗަރެއްގެ ގޮތުގައި ނަމަވެސް ޓީވީ ޕްރެޒެންޓާރެއްގެ ހައިސިއްޔަތުންވެސް މިފަހަކާ ޖެހެންދެން އާންމުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ސޯބިއަށް ވަނީ ލިބިފައެވެ.

ކުރިމަތިލި ކޮންމެ ދާއިރާއަކުންވެސް ނަމޫނާ ދައްކަމުންދިޔަ ޒުވާން ސޯބިރާ ވަނީ ޕްރީސްކޫލް ޓީޗަރެއްގެ ގޮތުގައި ގިނަ ދުވަސްތަކަކު މަސައްކަތްކުރަމުން، އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ދާއިރާއިން މަރސްޓަރސް ފެންވަރަށް ކިއަވައި ބުރޫޖް ޕްރީސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލްގެ މަގާމުންވެސް ފެނިގެންގޮސްފައެވެ. އަދި މިހާރު ސޯބިރާ އަކީ މިފަހަކުން މާލޭގައި ހުޅުވި ކޮއްކޮމެން ޕްރީސްކޫލްގެ ޕްރިންސިޕަލްވެސްމެއެވެ. މީގެއިތުރުން ސޯބި ވަނީ އެވިޑް ކޮލެޖް، އަދި ވިލާ ކޮލެޖުގެ ލެކްޗަރާއެއްގެ ގޮތުގައިވެސް ފެނިގެންގޮސްފައެވެ. މިހާރުވެސް މޯލްޑިވްސް ޕޮލިޓެކްނިކްގައި ލެކްޗަރާއެއްގެ ގޮތުގައި ސޯބި ދަނީ މަސައްކަތްކުރަމުންނެވެ.

ތަޢުލީމީ ދާއިރާގެ އިތުރުން، 1994 ވަނަ އަހަރުން ފެށިގެން ސޯބި އަކީ ޓީވީ އާއި ދުރު މޫނެއްވެސް ނޫނެވެ. އެގޮތުން ސޯބި ވަނީ ޓީވީ ޕްރެޒެންޓަރެއްގެ ގޮތުގައި ޓެލެވިޒަން މޯލްޑިވްސް އަދި ވީމީޑިއާއިންވެސް ފެނިގެންގޮސްސައެވެ.



ނަމަވެސް މިހުރިހާ މަސައްކަތެއްގެ ތެރެއިންވެސް ސޯބި އެންމެ ފާހަގަކުރެވެނީ ވޮލަންޓިއަރެއްގެ ގޮތުން ނުވަތަ ދަރުމަވެރިއެއްގެގޮތުގައި ގައުމަށްޓަކައި، އިންސާނިއްޔަތަށްޓަކައި ކުރަމުންދާ މަސައްކަތުންނެވެ.

އެގޮތުން 2001 ވަނަ އަހަރުން ފެށިގެން 2016 ވަނަ އަހަރާއި ހަމައަށް ގާލްގައިޑް އެސޯސިއޭޝަންގެ އެކި މަގާމްތަކުން ވޮލަންޓިއަރ ކުރަންފެށި ސޯބި ވަނީ މޯލްޑިވްސް ގާލްގައިޑް އެސޯސިއޭޝަންގެ އެސިސްޓަންޓް ކޮމިޝަނަރ ފޯ ޔޫތުގެ މަގާމުގެ އިތުރުން، އަހުމަދިއްޔާ ސްކޫލްގެ ގައިޑަރ އިންޗާރޖް، އަދި ސްޓަރ ޔުނިޓް ލީޑަރ ކަމުގެ މަގާމުންވެސް ފެނިގެން ގޮސްފައެވެ.





މީގެއިތުރުން، 2011 ވަނަ އަހަރު ދިވެހި ރެޑް ކްރެސެންޓުން ހިންގި ތަމްރީނު ޕްރޮގްރާމަކާއެކު، އިންސާނިއްޔަތައްޓަކައި ދަރުމަވެރިކަން އިސްކުރި ސޯބިރާ ވަނީ މިހާތަނަށް އެކި ތަމްރީނުތައް ފުރިހަމަކޮށް، ރާއްޖޭގައި ކުރިމަތިވި އެތައް ހާދިސާ އަދި ކާރިސާއެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިއެއްގެ ހައިސިއްޔަތުން އިސްސަފުން ފެނިގެން ގޮސްފައެވެ. އެގޮތުން، ނަފްސާނީ އިޖުތާމީ އެހީތެރިއެއްގެ ގޮތުންނާއި، ފުރަތަމަ އެހީ ފޯރުކޮށްދިނުމާއި، ކުއްލި ހާލަތުގައި އިޖާބަ ދިނުމާއި، ޓްރެއިނަރެއްގެ އިތުރުންވެސް އެކި ދާއިރާތަކުން ވޮލަންޓިއަރެއްގެ ހައިސިއްޔަތުން ސޯބިރާ ވަނީ ފާހަގަވެގެންގޮސްފައެވެ.



ހުސްވަގުތު ހޯދައިގެން ރާއްޖޭގެ އެކި ކަންކޮޅުގައި މިހާތަނަށް ހިނގާދިޔަ އެތައް ހާދިސާ އަދި ކާރިސާއެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިއެއްގެ ހައިސިއްޔަތުން ފާހަގަކޮށްލެވުނު ސޯބިރާ ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައިވެސް، އެތައް ވަގުތެއް އާއިލާއާއި ދުރުގައި ގައުމަށްޓަކައި ދަރުމައަށް މަސައްކަތް ކުރުމުގައި ހޭދަކޮށްފައެވެ. ދިރިއުޅުމުގެ ގިނަ ވަގުތުތަކެއް ހިލޭސާބަހަށް ވޮލަންޓިއަރކޮށް ދަރުމައަށް މަސައްކަތް ކުރުމުގައި ހޭދަ ކުރަމުންދާ ސޯބިރާ "ރަސް އޮންލައިން" އާއި ވާހަކަ ދައްކަމުން، ވިދާޅުވެފައި ވަނީ އިންސާނިއްޔަތަށް މަސައްކަތްކޮށް ގައުމަށްޓަކައި ކޮށްދެވޭ ކިތަންމެ ކުޑަކަމަކުންވެސް ހިތަށް ލިބޭ ފިނިކަމާއި ހިތްހަމަ ޖެހުމުގެ ވާހަކަ ބަޔާން ކޮށްދިނުމަކީ ދަތި ކަމެއް ކަމަށެވެ.

"ވޮލަންޓިއަރ ކުރަނީ، ލިބިފައި ހުރި ތަމްރީނަކާއި ތަޖުރިބާއެއްގެ ބޭނުންކޮށް ބަޔަކަށް އެހީތެރިކަމެއް ފޯރުކޮށްދެވުމުން އެލިބޭ ހިތްހަމަޖެހުމަށް. ވޮލަންޓިއަރ ކުރުމުން މުޖުމަތައު އިތުރަށް ހޭލުންތެރިކުރުމުގައި ބައިވެރިވުމުގެ ފުރުސަތުވެސް ލިބިގެންދޭ." ސޯބި ވިދާޅުވިއެވެ.



ދެކުދިންގެ މަންމައެއްގެ އިތުރުން، ވަޒީފާއަށްދަމުން، އަދި މަތީތަޢުލީމު ހާސިލުކުރަމުން، ދިވެހި ރެޑް ކްރެސެންޓުގެ ދަރުމަވެރިއެއްގެ ގޮތުގައި މަސައްކަތް ކުރާތާ ނުވަތަ ހަރަކާތްތެރިވާތާ 10 އަހަރު ވެގެންދިޔައިރުވެސް އެއްވެސް ފޫހިކަމެއް ވަރުބަލިކަމެއް ނެތި ސޯބި އަދިވެސް އެދަނީ ދިވެހި ރެޑް ކްރެސެންޓު މެދުވެރިކޮށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ލާމަސީލު ނަމޫނާ ދައްކަމުންނެވެ. ދަރުމައަށް މަސައްކަތްކުރާ އެކި އުމުރުފުރާގެ މީހުންނަށް ނަމޫނަ ދައްކަމުންނެވެ. ސޯބިއަށް ލިބޭ ހުރިހާ ހުސްވަގުތެއްގައި ވެސް އަދި ހުސް ވަގުތު ހޯދައިގެން ވެސް ކުރަމުން އެގެންދަނީ އެމަސައްކަތެވެ. ސޯބިގެ ހުރިހާ އުފަލަކީ ވެސް އަދި ހިތްހަމަ ޖެހުމަކީވެސް އެއީއެވެ.


ކިޔުންތެރިންގެ ހިޔާލު


19

ހިކަނދިކަމަނަ

09-Dec-2021

އެސައިންމަންޓް ނުހަދާ ގަޑިހަމަނުކޮށް ގްރެޖުއޭޓްވި ޓީޗަރެއް. ރެކޯޑްކުރާ ޕްރޮގްރާމް ޓީވީން ދެއްކުމުގެ ކުރިން އަމިއްލަޢެފްބީން ލައިވް ބަލާލަން ލިބޭ ޕްރެޒެންޓަރެއް. އަގަށް ފައިސާއަށް ޙިދްމަތްދޭ ދަރުމަވެރިއެއް. ނަމޫނާއަކަށް މިޖީލްގެ ދަރިންނަށް ދައްކަން ވެދާނެބާ. ސާބަސް ޕަކާސް


3

އަންދު

09-Dec-2021

ވަރަށް ބަރާބަރު މީހެއް.ލަވް ޔޫ ސޯބީ.



ޓްރެންޑިން