އެސްޓީއޯއިން ގާއިމްކުރުމަށް މަސައްކަތްކުރަމުންދާ ގޮދަން ފުށް ބަންދުކުރާ ކާރުޚާނާ އަޅާނެ ބިމެއް ހޯދުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ ގޮދަން ފުށް ބަންދުކުރާ ކާރުޚާނާ އަޅާނެ ބިމެއް ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، ހާއްސަ ކަންތައްތަކަކަށް ބަލަމުންދާކަމަށެވެ. އެގޮތުން އެތަން ހުންނަން ޖެހެނީ ޕޯޓް ސަރަހައްދާއި ކައިރީގައިކަމަށްވާއިރު، ޕޯޓާއި ކައިރިން ބިމެއް ލިބޭނެ ކަމަށް އުއްމީދުކުރެވޭކަމަށް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ ކާރުޚާނާ ތަރައްޤީކުރުމުގެ މަސައްކަތް ފަށާތާ، ދޮޅު އަހަރުތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެއީ ފުދޭވަރަކަށް ބޮޑު ފެކްޓަރީއެއްކަމަށް ވެސް އަމްރު ވިދާޅުވިއެވެ.

އަމްރު ވިދާޅުވީ، އެސްޓީއޯއިން ހަދާ ގޮދަށްފުށް ބަންދުކުރާ ކާރުޚާނާ ޤާއިމުކުރަނީ ތަފާތު ބާވަތްތަކުގެ ފުށް އުފެއްދޭ ގޮތަށް ކަމަށެވެ. އަދި އަމިއްލަ ފަރާތްތަކާއި ކާބޯތަކެތި އުފެއްދުމުގެ ދާއިރާގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކާއި ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެކި ވަތްތަރުގެ ފުށް މިކާރުޚާނާއިން ރާއްޖޭގެ ބާޒާރަށް ނެރޭނެކަމަށް އަމްރު ވިދާޅުވިއެވެ.

އެސްޓީއޯއިން ގޮދަށްފުށް ބަންދު ކުރުމަށް ނިންމާފައިވަނީ ބޭރުން ގޮވާން އެތެރެކޮށް ރާއްޖޭގައި ޤާއިމު ކުރާ ކާރުޚާނާގައި ތައްޔާރުކޮށް ބަންދު ކުރާ ގޮތަށެވެ.

މިފެކްޓަރީގެ ސަބަބުން ކާޑު އެތެރެކުރުމަށް ކުރަން ޖެހޭ ޚަރަދަށް ބޮޑު ލުޔެއް ލިބި، ފުށް ރައްކާކޮށްފައި ބެހެއްޓޭ މުއްދަތުވެސް އިތުރުވެގެން ދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން