ޒަހީނުއްދީން ސަޢީދު   24 ނޮވެމްބަރު 2021 - 23:54
އާރަށް ވިއްކާލައިގެން ލިބުނު ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުކޮށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައި އެމައްސަލަ ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމާ ދެ ބޭފުޅުން، ޓޫރިޒަމް މިނިސްޓްރީއާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި އެރަށް ތަރައްގީ ކުރުމުގެ ބޭނުމުގައި ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެެވެ.

އެމައްސަލައިގައި މަނީ ލޯންޑަރިންގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ. ރައީސް ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ރިޝްވަތު ދިނުމުގެ ދައުވާ ދައުލަތުން ވަނީ ކޮށްފައެެވެ.

ރައީސް ޔާމިނަށް މަނީލޯންޑަރިންގެ އިތުރު ދައުވާއެއް އުފުލާފައިވާއިރު، އެމަނިކުފާނު މިހާރުވެސް ގެންދަވަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ދައުލަތުން އުފުލި މަނީލޯންޑަރިންގެ ދައުވާ ސާބިތުވެ ފަސް އަހަރުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރައްވަމުންނެެވެ. އެމައްސަލައިގައި 5 މިލިއަން ޑޮލަރުން ރައީސް ޔާމިން ވަނީ ޖޫރިމަނާކޮށްފައެވެ.

ރައީސް ޔާމިނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސްޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާއިރު އެމައްސަލައިގެ އަޑުއެހުންތަށް ނިމި މިހާރު ވަނީ ހުކުމަކާއި ހަމަޔަށް ގޮސްފައެެވެ. މިމަހުގެ ތެރޭގައި އެމައްސަލައިގައި ހުކުމް ކުރާނެ ކަމަށް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކުރައްވާފައެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން