މުސްލިމުންގެ މެދުގައި އޮންނަންޖެހޭ އެކުވެރިކަމާއި އުޚުއްވަތްތެރިކަން ދަމަހައްޓައި، ޙަސަދަވެރިކަމާއި ބައިބައިވުމުން ދުރުހެލިވުމަށް މުޅި އިސްލާމީ އުންމަތަށް ބާރުއަޅައި މިއަހަރުގެ ފިޠުރު ޢީދު ނަމާދުގެ ޚުތުބާގައި، ގޮވާލައިފިއެވެ.

ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި "ފިޠުރު ޢީދުގެ އުފަލާއި އަދަބުތައް" މި މައުޟޫއަށް މިއަދު އިއްވި ޚުތުބާގައި ބަޔާންކޮށްފައިވަނީ، 1447 ވަނަ އަހަރުގެ މި ބަރަކާތްތެރި ފިޠުރު ޢީދު ދުވަހަކީ މާތްﷲ އަޅަމެންނަށް ދެއްވި ހިދާޔަތަށްޓަކައި އެކަލާނގެއަށް ޝުކުރުވެރިވެ، ތަކުބީރުގެ އަޑުން މުޅި ފަޒާ ގުގުމާލަންވީ ދުވަސް ކަމަށެވެ. އަދި މުސްލިމުންގެ ޢީދުތައް ޒީނަތްތެރިކުރަންވީ ތަކުބީރުގެ މަތިވެރި ކަލިމަތަކުން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

ޚުތުބާގައި ބުނިގޮތުގައި، ރަމަޟާން މަސް އަހަރެމެންނާ ވަކިވެދިޔައީ އަހަރެމެންގެ ހެޔޮ އަމަލުތަކުގެ މައްޗަށް ހެކިދޭނެ ހެކިވެރިއެއްގެ ގޮތުގައެވެ. މާތްﷲ ޝަރުޢުކުރެއްވި ގޮތަށް ރޯދަހިފައި، ރޭއަޅުކަންކުރި މީހުންނަށް އެ މަސް ޝަފާއަތްތެރިވާނެކަން ހަނދާންކޮށްދެމުން، ރަމަޟާން މަހަށް ފަހުގައި ވެސް ނަމާދު ގާއިމުކޮށް، އަޅުކަމުގައި ހީވާގިވެ އުޅުމަށް ނަސޭހަތްތެރިވިއެވެ. ރޯދައަކީ އިންސާނާ ތަރުބިއްޔަތުކޮށްދޭ މަދަރުސާއެއްކަން ފާހަގަކޮށް، އިސްލާމްދީނުގެ އަމާޒަކީ ދީނީ ހަމަތަކުގެ މަތީގައި މުޅި އުންމަތް އަޚުވަންތަ ކުރުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މުސްލިމް އަޚުންނާއި އުޚުތުންނަށް މުޚާޠަބުކޮށް ޚުތުބާގައި ބުނީ، ޙަސަދަވެރިކަމާއި ބައިބައިވުމާ ދުރުހެލިވެ، އެކަކު އަނެކަކަށް އިޙުތިރާމްކޮށް އެކުވެރިވާންޖެހޭ ކަމަށެވެ. އަދި ކޮންމެ މީހަކުވެސް އަނެކާގެ ޙައްޤުތައް އަދާކުރުމަށާއި، އެންމެ އިސްކަމެއްގެ ގޮތުން މާތްﷲ ގެ ޙައްޤުތައް އަދާކޮށް އެކަލާނގެއަށް އެކަނި އަޅުކަންކުރުމަށް ގޮވާލިއެވެ. މީގެ އިތުރުން މައިންބަފައިންގެ ޙައްޤުތަކަށް ރައްކާތެރިވުމަށްވެސް ޚުތުބާގައި ވަސިއްޔަތްކުރިއެވެ.

ޢީދުގެ އުފާ ފާޅުކުރުމުގައި ޝަރުޢީ މިންގަނޑުތަކުން ބޭރުނުވުމަށާއި، އިސްލާމީ ސަގާފަތާ ބީރައްޓެހި ކުޅިވަރުތަކަށް ޢީދުގައި ޖާގަ ނުދިނުމަށް ޚުތުބާގައި ހަނދާންކޮށްދިނެވެ.

ޚުތުބާ ނިންމާލަމުން ރަމަޟާން މަހުގެ ރޯދައަށްފަހު ޝައްވާލު މަހުގެ ސުންނަތް ހަ ރޯދަ ހިފުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، އެކަމަށް ބާރުއެޅުއްވިއެވެ. އަދި އެއީ މުޅި އަހަރު ދުވަހު ރޯދަހިފުމުގެ މަތިވެރި ދަރުމައާއި ސަވާބު ލިބިގެންދާނެ އަމަލެއްކަން ބަޔާންކޮށްދެއްވިއެވެ.

މާލޭގެ އިތުރުން ރާއްޖޭގެ މީހުންގެ ދިރިއުޅޭ ހުރިހާ ރަށެއްގައި މިއަދު ޢީދު ނަމާދު ކޮށްފައެވެ. ބައެއް ރަށްރަށުގައި ޢީދު ނަމާދު ކޮށްފައިވަނީ ބޮޑު ޖަމާއަތުގައެވެ.



ކިޔުންތެރިންގެ ހިޔާލު