ޒަހީނުއްދީން ސަޢީދު   17 ނޮވެމްބަރު 2021 - 0:37
ދިވެހި ގައުމީ ޓީމު މެޗަކުން މޮޅުނުވެ މަހިންދަ ރާޖަޕަކްސަ ޓްރޮފީ (ފޯ ނޭޝަންސް ކަޕް)" މުބާރާތުން އަލްވަދާއު ކިޔައިފިއެެވެ.

މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅުނު ރާއްޖެއާއި ސީޝެލްސް ބައްދަލުކުރި މެޗް ނިމުނީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި އެއްވަރުވެގެންނެވެ. މިނަތިޖާ އާއެކު ރާއްޖެ ވަނީ މުބާރާތަށް އަލްވަދާއު ކިޔާފައެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ވިއްސާރައިގެ ސަބަބުން ދަނޑުގައި ވަރަށް ބޮޑަށް ޗަކަހެދިފައި އޮތުމުން އެކަމުގެ އުނދަގޫ ދެޓީމުގެ ކުޅުންތެރިންނަށްވެސް ވަރަށް ބޮޑަށް ވަނީ ކުރިމަތިވެފައެެވެ. މި މެޗުގައި ލަނޑުޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެެވެ.

އެގޮތުން ޓީމުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެންއެރި ހަސަން ރާއިފް އަހްމަދް (ހަންނަ) އަށް ފުރަތަމަ ހާފުގައި އޭރިއާ ތެރެއިން ލިބުނު ފުރުސަތާއި، ދެވަނަ ހާފުގައި އޭރިއާ ތެރެއިން އަސަދުﷲ އަބްދުﷲ އަށް ލިބުނު ފުރުސަތު ހިމެނެއެވެ.

މެޗުގެ ފަހު ވަގުތުކޮޅު އަސްއަދު (އަޑުބަރޭ) އަލީ ކުޅެން ނުކުތްތާ މިނެޓެއް ނުވަނީސް ސީޝެލްސްގެ ކެޕްޓަން ސްޓީވް މެރީއަށް ކުޅުމުން ބޭރުގައި ކުރި ފައުލަކާއި ގުޅިގެން އޭނާއަށް ވަނީ ރަތްކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ.

މެޗު އެއްވަރުކޮށްލައިގެން ލިބުނު ޕޮއިންޓާއެކު، ޖުމްލަ 5 ޕޮއިންޓު ހޯދައިގެން ސީޝެލްސް މުބާރާތުގެ ފައިނަލަށް ވަނީ ދަތުރުކޮށްފައެވެ. ފައިނަލްގެ ފަހު ޖާގަ ހޯދާ ޓީމެއް އެނގޭނީ މިރޭ ބަންގްލަދޭޝާއި ސްރީލަންކާ ބައްދަލުކުރާ މެޗަށްފަހުއެވެ. މިމެޗުން މޮޅުވެގެން ލަންކާއަށް ފައިނަލަށް ދިއުމުގެ ފުރުސަތު އެބައޮތެވެ. މެޗު އެއްވަރުކޮށްލައިގެންވެސް ބަންގްލަދޭޝަށް ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު ވަނީ ފަހިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން