ސްރީލަންކާގައި ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފުޓުބޯޅަ މުބާރާތުގައި ދިވެހިރާއްޖެއާއި ބަންގުލަދޭޝް މިއަދު ބައްދަލުކުރި މެޗުން ރާއްޖެ ބަލިވެ މުބާރާތުގެ ފައިނަލަށް ދިއުމަށް އޮތް ފުރުސަތު ވަރަށް ހަނިވެއްޖެ އެެވެ.

މިއަދު ހަވީރު، ދިވެހިރާއްޖެއާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގައި ރާއްޖެ ބަލިކޮށް ބަނގުލަދޭޝް ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ފާއިތުވެ ދިޔަ 18 އަހަރުގެ ތެރޭގައި ބަނގުލަދޭޝް ރާއްޖެ ބަލިކުރި ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެެވެ.

މިއަދު ރާއްޖެއާއި ބަންގުލަދޭޝް ބައްދަލުކުރި މެޗުގައި ފުރަތަމަ ލަނޑެއް ކާމިޔާބުކޮށްފައިވަނީ ބަންގުލަދޭޝް ޓީމުންނެވެ. މެޗްގެ 11 ވަނަ މިނެޓްގައި މިގޯލު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ޖަމާލު ބުޔާންއެވެ. ރާއްޖެއަށް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ ޢަލީ އަޝްފާޤު، ދަގަނޑޭ ނަގައިދިން ކޯނަރެއް މުޙައްމަދު ޢުމައިރު ގޯލަށް ފޮނުވާލައިގެންނެވެެ.

އެހެން ނަމަވެސް ދެވަނަ ހާފުގައި މެޗް ނިމެންދަނިކޮށް ބަންގުލަދޭޝް ޓީމަށް ވަނީ ޕެނަލްޓީއެެއް ލިބިފައެވެ. އެ ޕެނަލްޓީއަކީ އޭރިއާ ތެރެއިން ބަންގްލަދޭޝްގެ ޖެވެލް ރާބާއަށް ރާއްޖޭގެ ޒުވާން ގޯލްކީޕަރު ނާޖިހު އަލީ (ނާޖީ) ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެެވެ. ޕެނަލްޓީން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓޯޕޫ ބަރްމަންއެވެ.

މި ނަތީޖާއާއެކު ރާއްޖެ މުބާރާތުގެ ފައިނަލަށް ދިޔުމަށް އޮތް އަމިއްލަ ބާރު ކެނޑި ފައިނަލްގެ އުއްމީދު ވަނީ ވަރަށް ކުޑަވެފަ އެވެ. މި މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ރާއްޖެ ބައްދަލުކުރާނީ ސީޝެލްސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން