ރާއްޖޭގެ ކަނޑުފަޅުގެ ފައިދާ ބޭރުގެ އެހެން ގައުމަކަށް ދިނުމަކީ ކުރަން ހެއުވާވަރުގެ ކަމެއް ނޫންކަމަށް މަޝްހޫރު ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ވިދާޅުވެއްޖެއެެވެ.

ޒައިދު މިހެން ވިދާޅުވީ އިންޑިއާއިން ހައިޑްރޮގްރަފީ ސާވޭ ކޮށްގެން ހަދާ ރާއްޖޭގެ ޗާޓުތައް ވިއްކައިގެން އިންޑިއާއަށް މަންފާ ހޯދޭނެކަމަށް އެމްއެންޑީއެފުން ހާމަކުރުމާއި ގުޅިގެން އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުންނެެވެ. އެކަމާ ގުޅިގެން ޝައިހް އަލީ ޒައިދު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލާއި ކަނޑުފަޅުގެ ފައިދާ އެހެން ގައުމަކަށް ދިނުމަކީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި ވަގުތީ ފައިދާ އަކަށް ނަމަވެސް އެފަދަ ކަންކަމަކީ އެެއްގޮތަކަށްވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ޒައިދު ވިދާޅުވިއެވެ.





"ރާއްޖެ އަކީ މިނިވަން މުސްތަގިއްލު ގައުމެއްކަން އެންމެންވެސް ހަދާން ބަހައްޓަންޖެހޭ." މި ސަރުކާރު ވެރިކަމަށް ގެނައުމަަށް މަސައްކަތް ކުރެއްވި ޒައިދު ވިދާޅުވިއެވެ.

އެމްޢެންޑީއެފުން މަޖިލީހާއި ހިއްސާކޮށްފައިވާ މައުލޫމާތުތަކުން ހާމަވާ ގޮތުގައި ރާއްޖޭގެ ޗާޓުތައް ވިއްކައިގެން މާލީ ގޮތުން ބޮޑު މަންފާއެއް ލިބެނީ އިންޑިއާއަށެވެ. އިންޑިއާއިން ރާއްޖޭގައި ޗާޓު ވިއްކާ ނަމަ، ދިވެހި ސަރުކާރަށް 35 އިންސައްތަ ކޮމިޝަން ލިބޭއިރު، އިންޑިއާއިން އެ ޗާޓުތައް ބޭރުގެ ބަޔަކަށް ވިއްކާ ނަމަ، ރާއްޖެއަށް ލިބޭނީ ރޯޔަލްޓީގެ ގޮތުގައި ލިބޭ 25 އިންސައްތަ އެކަނިކަން ފާހަގަކޮށްލެވެއެވެ.

އިންޑިޔާއެެކު ވެފައިވާ ހައިޑްރޯގްރަފީ އެއްބަސްވުމާއި ހައިޑްރޮގްރަފީ ސާވޭ ހެދުމާ ބެހޭ އެއްބަސްވުމުގެ ދަށުން އިންޑިއާއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސާވޭކޮށް ބައިނަލްއަގްވާމީ ހަމަތަކާ އެއްގޮތަށް ހައިޑްރޯގްރަފީ ޗާޓުތައް ކުރަހައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި އެއްބަސްވުމުގެ ދަށުން އެކަމާ ގުޅޭ އޮފީހެއް އެމްއެންޑީއެފްގައި ގާއިމްކޮށް، މިކަމަށް ބޭނުންވާ ދިވެހިން ތަމްރީނު ކުރުމަށް ވެސް ނިންމާފައިވާ ކަމަށް އެމްއެންޑިއެފުން ބުނެފައި ވެއެެވެ. މި އެއްބަސްވުމުގެ ދަށުން ސާވޭ ކުރާނީ ރާއްޖެއިން ބޭނުންވާ ސަރަހައްދުތައް ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައި ވެއެވެ.



ކިޔުންތެރިންގެ ހިޔާލު