ރައްޔިތުމީހާއަށް ވަގުތުން ބިލު ޙަވާލު ކުރުމުގެ ޚިދުމަތް ތަޢާރަފްކުރުން
ރައްޔިތުމީހާއަށް ވަގުތުން ބިލު ޙަވާލު ކުރުމުގެ ޚިދުމަތް ތަޢާރަފްކުރުން
ރައްޔިތުމީހާއަށް ވަގުތުން ބިލު ޙަވާލު ކުރުމުގެ ޚިދުމަތް ފެނަކައިން މިއަދު ތަޢާރަފްކޮށްފިއެވެ.

ފެނަކައިން ބުނީ މިއަދު ތަޢާރަފްކުރި މި ޚިދުމަތާއެކު، ޚިދުމަތުގެ އަގު ނެގުމަށް މިހާރު ތައްޔާރު ކުރެވޭ ބިލަކީ ހުރިހާގޮތަކުންވެސް ރައްކާތެރި އަދި ފަސޭހަކަން ލިބިގެންދާނެ ޚިދުމަތަކަށް ވެގެންދާނެ ކަމަށެވެ. ހަމައެއާއެކު ޔުޓިލިޓީ ބިލުތަކުގައި ދިމާވާ މައްސަލަތައް މުވައްޒަފުންނަށް ދެނެގަނެވި، ޚިދުމަތް ލިބިގަންނަ ރައްޔިތުމީހާއަށް އަވަސް ޙައްލެއް ލިބިގެންދާނެ ކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ހަމައެއާއެކު ރައްޔިތު މީހާ ގޭގައި ބަހައްޓާފައި ހުންނަ މީޓަރުން ނެގޭ ރީޑިންގ ނެގުމާއިއެކު ޚިދުމަތް ހޯދާފަރާތުން އެމަހެއްގައި ދައްކަންޖެހޭ ފައިސާގެ ތަފްޞީލު ވަގުތުން ލިބުމާއި އަދި ބިލުގައި މައްސަލައެއް ވާނަމަވެސް ލަސްނުކޮށް އެ މައްސަލައެއް ފެނަކައިގެ މުވައްޒަފުންނާއި ޙިއްޞާކުރެވި ޚިދުމަތް ދިނުމުގައި ލުއިތަކެއް ވެގެންދާނެ ކަމަށް ފެނަކައިން މަޢުލޫމާތުދެއެވެ.

ފެނަކައިން ބުނީ ޚިދުމަތުގެ ބިލު ވަގުތުން ލިބުމާއިއެކު "ފެނަކަ ބިލް ޕޭ" އެޕްލިކޭޝަން މެދުވެރިކޮށް ވަގުތުން ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ. ހަމައެއާއެކު ރީޑިންގ ޑިވައިސް މެދުވެރިކޮށް ތައްޔާރުކުރެވޭ ބިލުތަކަކީ، ތާރމަލް ރޯލަށް ޕްރިންޓް ކުރެވޭ ބިލުތަކަކަށްވުމުން، މީގެ ކުރިން ބިލު ޕްރިންޓް ކުރުމަށް ފެނަކައިން ކުރަމުން އައި ޚަރަދު އެތަށްގުނައެއް ކުޑަވެގެންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

"މަސައްކަތުގެ މައިދާނުގައި ފެނަކައިން ހޯދަމުންދާ ކާމިޔާބީ ގުޅިފައިވަނީ، ތަހުޒީބީ މުޖުތަމަޢަކަށް ފެތޭގޮތުން، ޓެކްނޮލޮޖީއާއިއެކު ޒަމާނީ ވަޞީލަތްތައް ބޭނުންކުރެވި، ފަންނީ ޤާބިލު މުވައްޒަފުން ކުރަމުން އަންނަ ބުރަމަސައްކަތަށް އިތުރު ލުއިފަސޭހަ ކަމެއްލިބި، ޚިދުމަތް ފޯރުކޮށްދިނުމުގައި ހޭދަވާވަގުތު ސަލާމަތްކޮށް ދިނުމެވެ." ފެނަކައިން ބުނެފައިވެއެވެ.

މި ޚިދުމަތް ފެށުމަށް މިއަދު ގދ. ފަރެސްމާތޮޑާގައި ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުމީހާގެ އަތަށް ވަގުތުން ބިލް ހަވާލުކުރެވޭ ޚިދުމަތް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތް އޮނަރަބަލް އަޙްމަދު ނަސީމް އާއި މިނިސްޓަރ އޮފް ހައުސިންގ، ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އޮނަރަބަލް މުހައްމަދު އަސްލަމް އެވެ.

ފެނަކައިން ބުނީ އެ ކުންފުނީގެ އަމާޒަކީ ފަންނީ ޤާބިލު މުވައްޒަފުންނާއިއެކު ޚިދުމަތް ފަހަތުން ރައްޔިތުމީހާ ދުވާދުވުން ހުއްޓުވުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު