އަމިއްލަ އެދުމަށް ގައުމު ގުރުބާން ނުކުރެއްވުމަށް އިދިކޮޅު ކޯލިޝަން ވަގުތީ ގޮތުން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބުދު ﷲ ރައީސް އިބްރާހިމް މުހަންމަދު ސާލިޙަށް ގޮވާލައްވައިފިއެވެ.

އަބުދުއްރަހީމް މިކަމަށް ގޮވާލެއްވީ މިނިވަންކަމުގެ ދިފާއުގައި ދިވެހިން، މިނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ހަވީރު ބޭއްވި އެއްވުމުގައި ވާހަކަ ދައްކަވަމުންނެެވެ. ގިނަ ބަޔަކު ބައިވެރިވި މި އެއްވުމުގައި ވާހަކަ ދައްކަވަމުން އިދިކޮޅު ކޯލިޝަން ހިންގެވުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި އަބުދުއްރަހީމް ވިދާޅުވީ، ރައްޔިތުންގެ އަޑު ސަރުކާރުން އަހައި އެކަމަށް އިޖާބަދޭންޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުން ޒިންމާވާ ގޮތަށް ބޭރުގެ ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް ގާނޫނު ބުނާގޮތުން މަޖިލީހަށް ހާމަކުރަންޖެހޭ ކަމަށާއި އެއްބަސްވުންތައް ހާމަނުކުރަނީ ރާއްޖޭގެ މިނިވަންކަން ވިއްކާލައިފައިވާތީ ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެެ.

"އަޅުގަނޑު ރައީސް ސާލިޙަށް ދަންނަވާލާނީ ރައްޔިތުންގެ އަޑު އައްސަވާށޭ. އަމިއްލަ އެދުމަށްޓަކައި ދިވެހިންގެ ދިވެހި ގައުމު ގުރުބާން ނުކުރައްވާށޭ. އަމިއްލަ އެދުމަށްޓަކައި އިސްލާމްދީން ގުރުބާން ނުކުރައްވާށޭ." އަބުދުއްރަހީމް ވިދާޅުވިއެވެ.

އިތުރަށް ވާހަަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވީ، ދިވެހިން ފުރާނައިން ގުރުބާންވެ، ކޮންމެ ފަދަ އަގެއް ދައްކައިގެން ވެސް މިނިވަންކަން ހިމާޔަތް ކުރާނެ ކަމަށެވެ. އަދި ރައްޔިތުން ތިބީ ސަރުކާރާއި މެދު ހިތްހަމަ ނުޖެހިފައި ކަމަށާއި، ރައްޔިތުން ތިބީ "ކެކި" އަރައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"ރައްޔިތުން މިއަދު ތިބީ މިނިވަންކަމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީ އެއްވާން ނިކުމެ. ދިވެހިން ބޭނުންވަނީ މި ފަސްގަނޑުގައި އިސްލާމްދީން އެކަނި އޮންނަން. ދިވެހިން ބޭނުމެއް ނުވޭ ބާތިލް ދީނަކަށް މި ފަސްގަނޑުން ޖާގަ ދޭކަށް. ދިވެހިން ބޭނުމެއް ނުވޭ މިގައުމުގައި އެހެން ގައުމެއްގެ އަސްކަރީ ބާރެއް އޮންނާކަށް. ދިވެހިން ބޭނުންވަނީ ކާބަފައިން ގެނެސްދިން އަމާން ހަމަޖެހޭ ސުލްހަވެރި ދިވެހިރާއްޖެ. އެ ރާއްޖެ ދަރިންނަށް ވާސިލްކޮށްދޭން. އެކަމަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީ އެއް ވާން މިތިބީ ތައްޔާރަށް." ވަރަށް ޖޯޝާއި ފޯރީގައި ވާހަކަ ދައްކަވަމުން އަބުދުއްރަހީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު