އަވައްޓެރި ގައުމުތަކާ ޖެހިގަންނަން ހިންގާ ކެމްޕޭނުތަކަކީ ދިވެހިން ބަދުނާމުކުރަން ކުރާ ކަމެއް ކަމަށާއި އެކަންކަން ހުއްޓުވަންޖެހޭ ކަމަށް ވިދާޅު އިދިކޮޅުން ހުއްޓުމެއްނެތި "އިންޑިއާ އައުޓް" ގޮވާތީ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކޮށްފިއެވެ.

ރާއްޖޭގައި އިންޑިއާގެ އަސްކަރީ ސިފައިން ހަރަކާތްތެރިވާ ކަމަށް ބުނެ އެމީހުން ބޭރުކުރުމަށް ގޮވާލާ އިދިކޮޅުން މިއަދު ވެސް މަގުމަތީގެ ހަރަކާތެއް ހިންގާފައިވާއިރު އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވީ "އިންޑިޔާ އައުޓް،" "ލަންކާ އައުޓް،" އަދި "ބަންގްލަދޭޝް އައުޓް،" ފަދަ ބަސްމަގު ބޭނުން ކޮށްގެން އަވައްޓެރި ގައުމުތަކާއި ޖެހިގަންނަން ހިންގާ ކެމްޕޭނުތަކަކީ ދިވެހިން ބަދުނާމުކޮށް ދުނިޔެއިން އެކަހެރި ކުރުވަން މަދު ބަޔަކު ހިންގާ ވަރަށް ދަށް ފެންވަރުގެ ހަރަކާތްތަކެއް ކަމަށެވެ.

އެހެން ގައުމެއްގެ ބަޔަކު މޯލްޑިވްސް އައުޓް ގޮވަން ނުރުހޭ ފަދައިން، އެގައުމުތަކުގެ ރައްޔިތުންނަށްވެސް މިފަދަ ކަންކަމުން އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.



"މީގެ ނުރަނގަޅު އަސަރާ ދިވެހީންނަށް ވެސް ކުރިމަތިލާން ޖެހިދާނެ. މިފަދަ ކަންކަން ހުއްޓުވެން ވާނެ." "އިންޑިއާ އައުޓް" ގެ ނަމުގައި ހިންގާ ކެމްޕޭނަށް އިޝާރާތް ކުރަށްވައި އެކަމުގެ ނަތީޖާއާމެދު ވިސްނާލުމަށް ނަސޭހަތްތެރިވެ ވަޑައިގަންނަވަމުން ވައްޑެ ވިދާޅުވި އެވެ.

އިދިކޮޅު ކޯލިޝަނުން އިންޑިއާ އައުޓް ގޮވަމުންދާތީ ވައްޑެ ވަރަށް ބޮޑަށް ހިތާމަ ކުރަށްވައި އެކަން ކުރުމުގެ ނަތީޖާއާމެދު ވާހަކަ ދައްކަވާފައި ވާއިރު އިދިކޮޅު ކޯލިޝަނުން މިއަދު ވެސް ވަނީ ރާއްޖޭގައި ތިބޭ ކަމަށް ބުނާ އިންޑިއާގެ އަސްކަރީ ސިފައިން ބޭރު ކުރުމަށާއި އިންޑިއާއެކު މިސަރުކާރުން ހަދާފައިވާ ކަމަށް ބުނާ ގޮތް ނޭނގޭ އެއްބަސްވުންތައް ހާމަ ކުރުމަށް ގޮވާލާ މަގުމަތީގައި ބޮޑު ހިނގާލުމެއް ބާއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު