ރާއްޖޭގެ ޖަމިއްޔާތަކުން ބިދޭސީން ދިފާއުކޮށް ބަޔާންތައް ނެރެނީ ބޭރުގެ ބައިނަލްއަގުއާމީ އެހީދޭ ފަރާތްތަކުން މާލީ މަންފާ ހޯދުމުގެ ބޭނުމުގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނާއިބް ރައީސް ރީކޯ މޫސާ މަނިކު ތުހުމަތު ކުރައްވައިފިއެެވެ.

މޫސަ މިފަދަ ތުހުމަތެއް ކުރެއްވީ ބިދޭސީންނަށް މިނިމަމް ވޭޖް ކަނޑަނޭޅުމަކީ ހިއުމަން ޓްރެފިކިންގެ މައްސަލަ އިތުރަށް ގޯސްވެގެންދާނެ ކަމެއް ކަމަށް ބުނެ، މިހާރު އިއުލާނުކޮށްފައިވާ މިނިމަމް ވޭޖު އިސްލާހުކޮށް ބިދޭސީން ވެސް މިނިމަމްވޭޖްގެ ތެރޭގައި ހިމެނުމަށް ރާއްޖޭގެ ހަތަރު ޖަމިއްޔާ އަކުން ސަރުކާރަށް ގޮވާލުމާއި ގުޅިގެންނެެވެ. އެޖަމިއްޔާތަކުން ބުނެފައި ވަނީ ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް އެންމެ ކުޑަވެގެން ދެވޭނެ މުސާރަ ކަނޑަނާޅައިފިނަމަ ދިވެހީންނަށް ވަޒީފާގެ ފުރުސަތު ލިބުމަށް ވެސް ހުރަސް އެޅޭނެ ކަމަށެވެ. މިއީ މިނިމަމް ވޭޖާއެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން ގެންދާވެސް ކަމެކެވެ.

އެކަމަށް އިޝާރަތް ކުރައްވައި އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ ބިދޭސީ މަސައްކަތްތެރިންގެ ނަމުގައި ރާއްޖެއަށް އެތެރެވެ ރާއްޖޭގެ ޤާނޫނުތަކާއި ޤަވާއިދުތަކާއި ޚިލާފަށް އެތައް ކަންތައްތަކެއްކޮށް ފިލައިގެން އުޅެ، މަސްތުވާތަކެއްޗާ ޑޮލަރުގެ ވަގުވިޔަފާރިކޮށް އެތައް ޖަރީމާއެއް އެމީހުން ހިންގަމުން ގެންދާ ކަމަށެވެ. އެހެން ނަމަވެސް އެކަމާ ދެކޮޅަށް ބަހެއް ނުބުނެ ތިބެ އައިއެލްއޯގެ އުސޫލުތައް ކަމަށް ބުނެ ބައެއް ޖަމިއްޔާތަކުން މި ކިޔަނީ ކޮންއެއްޗެއްތޯ، ސުވާލު އުފެދޭ ކަމަށް މޫސަ ވިދާޅުވިއެވެ.





"ބައެއް ޖަމްއިއްޔާތަކުން ދައްކާ ވާހަކަތަކަކީ ރާއްޖޭގައި ބިދޭސީން ވީހާގިނައެއްކޮށް ބައިތިއްބައިގެން ބައިނަލްއަޤްވާމީ އެހީދޭޖަމާއަތްތަކުން ރާއްޖޭގަ އޮންނަ މިފަދަ ޖަމިއްޔާތަކަށް މާލީ މަންފާއެއް ހޯދަން ކުރާކަމެއްނޫންބާވައޭ ހިތަށްއަރާ؟" މޫސަ ސުވާލު އުފެއްދެވިއެވެ.

މިޝަން ފޯ މައިގްރެންޓް ވޯކާސްއާއި މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސްއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް އަދި ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން ގުޅިގެން ނެރުނު ބަޔާނެެއް ބުނެފައިވަނީ ބިދޭސީ މަސައްތެރިން މިނިމަމް ވޭޖެއްގެ ތެރޭގައި ނުހިމެނުމަކީ އޭގެ ނުސީދާ ގެއްލުން ދިވެހި މަސައްކަތްތެރިންނަށް ވެސް ލިބޭނެ ކަމެއް ކަމަށެވެ.

އަންނަ ޖެނުއަރީ މަހުން ފެށިގެން ދިވެހި މުވައްޒަފުންނަށް އެންމެ ދަށް މުސާރައިގެ ގޮތުގައި ދެވޭނީ 4،500ރ. ކަމަށް ކަނޑައަޅައި އެންމެ ކުޑަވެގެން ދެވޭނެ މުސާރަ މިހާރު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މިނިވަން ވޭޖް ކަނޑައަޅާފައިވަނީ ރާއްޖޭގެ ވިޔާފާރިތަކާއި ޚިދުމަތްތައް ހަތަރު ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެހެން ނަމަވެސް ބިދޭސީންނަށް މުސާރަ ދޭއިރު ދޭނެ އެންމެ ދަށް މުސާރައެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު