6 މޭގައި ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގެ މައްސަލައިގައި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ހަމަޖައްސާފައިވާ އިނގިރޭސި ވިލާތުގެ ކާސްޓީ ބްރިމްލޯ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރައްވައިފިއެވެ.

މުލިއާގޭގައި އިއްޔެ ބޭއްވި މިބައްދަލުކުރެއްވުމާއި ގުޅޭ އެއްވެސް ތަފްސީލެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމައެއް ނުކުރެއެވެ.

މިބައްދަލުކުރެއްވުމަށްފަހު ކާސްޓީ ބްރިމްލޯ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިބައްދަލުކުރެއްވުމުގައި ޓެރަރިޒަމްގެ އަމަލުތަކާއި ރައީސް ނަޝީދަށް އަމާޒުވި ހަމަލާއާ ގުޅޭގޮތުން މަޝްވަރާކުރެއްވިކަމަށެވެ.

ރައީސް ނަޝީދުގެ ވަކީލް ވަނީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲއާއި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އަދި ހަމަލާގެ ކަންކަން ބެލުމަށް އެމްޑީޕީން އެކުލަވާލި 6 މޭ ކޮމިޓީގެ މެމްބަރުންނާވެސް ވަކިވަކިން ބައްދަލުކުރައްވާފައެވެ.



ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ބޮމުގެ ހަމަލާގެ ތަހުގީގު ކުރިއަށްދާ ގޮތް ބެއްލެވުމަށް އެ މަނިކުފާނުގެ ފަރާތުން ވަކީލެއްގެ ގޮތުގައި ކާސްޓީ ބްރިމްލޯ ހަމަޖެއްސީ މިދިޔަ އޮގަސްޓްމަހުގެ ތެރޭގައެވެ. ކާސްޓީ ބްރިމިލޯއަކީ ލަންޑަންނުގެ ޑައުޓީ ސްޓްރީޓް ޗެމްބާސްގެ މެމްބަރެކެވެ.

އޭނާ ވަނީ މީގެކުރިން އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ނަޝީދާ ދެކޮޅަށް އުފުލި ދައުވާ ގުޅިގެންވެސް އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފައެވެ.

ނަޝީދު އަވާހަރަކޮށްލަން ދިން ހަމަލާގެ ތަހުޤީޤްތައް އަދިވެސް ކުރިއަށްދާއިރު، މިމައްސަލައިގައި ހިމެނޭ ބައެއް މީހުންގެ ޝަރީޢަތްތައްވެސް މިހާރު ފެށިގެން ކުރިއަށް އެބަދެއެވެ.



ކިޔުންތެރިންގެ ހިޔާލު