ރައްޔިތުންނާއި އެންމެ ގާތުން އިންތިޚާބު ކުރެވޭ ވެރިކަމަކީ ޖުމުހޫރީ ވެރިކަން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެެވެ.

ގާސިމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ޖުމުހޫރީ ދުވަހުގެ މުނާސަބާތުގަައި ދިވެހި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ ފޮނުއްވި މެސެޖެއްގައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމް އިބްރާހިމް ފޮނުއްވި ތަހުނިޔާ މެސެޖްގައި ވިދާޅުވީ، ‏ރައްޔިތުންގެ ސީދާ ވޯޓަކުން، ރައްޔިތުންނާއި އެންމެ ގާތުން އިންތިޚާބު ކުރެވޭ ވެރިކަމަކީ ޖުމްހޫރީ ވެރިކަން ކަމަށެވެ.

ގާސިމްގެ މެސެޖްގައި ދިވެހިރާއްޖޭގެ 54 ވަނަ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުމާއި ތަހްނިޔާ ރައީސުލް ޖުމްހޫރިއްޔާ ގެ ދެކަނބަލުންނަށާއި ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަނީ ފޮނުއްވާފައެވެ.



ގާސިމަކީ ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ ވުޖޫދަށް ގެނައުމަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެކެެވެ. އާ ގާނޫނު އަސާސީން ރައްޔިތުން މިއަދު މިދެކޭ ފޮނިމީރުކަން ރައްޔިތުންނަށް ހޯއްދަވައިދެެއްވުމުގައި ގާސިމް ވަރަށް އިސް ދައުރެއް ވަނީ އަދާކުރައްވާފައެެވެ. އެގޮތުން މިހާރު އަމަލު ކުރަމުން މިދާ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އެކުލަވާލައި ފާސްކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ ރައީސްކަން، ގާސިމް ކުރަށްވާފައިވަނީ ސިޔާސީ ގޮތުން ރާއްޖެއަށް މިއިން ދުވަހަކު ނާންނަވަރުގެ ވަރުގަދަ ހަލަބޮލި މާހައުލެއްގެ ތެރޭގައެވެ.

ޖުމުހޫރީ ވެރިކަމަށް ތާއިދުކުރަށްވައި ގާސިމް ވާހަކަފުޅު ދައްކަވާފައިވާއިރު އެމަނިކުފާނަކީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮތުމަށް އަބަދުވެސް ވަކާލާތު ކުރައްވަމުން ގެންދަވާ ބޭފުޅެކެެވެ. ވެރިކަމުގެ ނިޒާމް ބަދަލު ކުރުމަށް ގާސިމް ތާއިދުކުރެއްވި ކަމަށް ދެކެވޭ ވާހަކަ ތަކާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރްލަމާނީ ނިޒާމަކަށް ބަދަލުކުރުމަށް އެމަނިކުފާނު ތާއީދުކުރައްވާފައި ނުވާނޭ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ މައި މަރުކަޒު، މ. ކުނޫޒްގައި މިއަހަރުގެ އޮގަސްޓްމަހުގެ ފަހުކޮޅު ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވެފައިވަނީ ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް ގެންނަން ހެޔޮވާވަރުގެ ނިޒާމެއް ނޫންކަމަށެވެ.

ގާސިމް ވިދާޅުވީ މީގެ މަދު އަހަރުތަކެއް ކުރިން ދިވެހިރާއްޖޭގެ ރައްޔިތުން ވަނީ، ރާއްޖޭގައި އޮންނަން ބޭނުންވަނީ ޖުމްހޫރީ ނިޒާމެއްކަމަށް ބުނެފައި ކަމަށެވެ. ރިޔާސީ ނިޒާމެއްގައި، ރަޢީސަކަމުގައި ހުންނަ މީހަކު މަދުވެގެން އަހަރަކު އެއްފަހަރު ރައްޔިތުމީހާ ގާތަށްގޮސް އެމީހުންގެ ހާލު ބަލަންޖެހޭކަން ފާހަގަކުރައްވައި ގާސިމް ވިދާޅުވީ، ބަރުލަމާނީ ނިޒާމުގައި މިފަދަ ކަންކަން ނޯންނާނެ ކަމަށެވެ. އެހެންކަމުން ރައްޔިތުންނަށް އެންމެ ރަނގަޅުވާނީ ރިޔާސީ ނިޒާމުކަމަށް ގާސިމް ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު