ޖުމްހޫރިއްޔަތެއްގެ އެންމެ މުހިއްމު އަސާސަކީ އިންތިހާބުނުވެ ހިދުމަތް ނުކުރުންކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި ކުރު މެސެޖެއްގަ އެވެ.

ރައީސް ނަޝީދުގެ މި ކުރު މެސެޖުގައި ވިދާޅުވީ ޖުމްހޫރިއްޔަތެއްގެ އެންމެ މުހިއްމު އަސާސަކީ އިންތިހާބުނުވެ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ކަންކަން ނުކުރުންކަމަށެވެ.

ރައީސް ނަޝީދުގެ މެސެޖުގައި އަލިއަލުވާލައްވާފައި އެވަނީ ބަރުލަމާނީ ނިޒާމުގައި ސަރުކާރުގެ އެންމެ އިސް ވެރިންނަކީ ރައްޔިތުން އިންތިހާބު ކޮށްފައި ތިބޭ ބައެއްކަމުގެ ވާހަކަކަމަށް ގަބޫލުކުރެއެވެ.

އެގޮތުން ބަރުލަމާނީ ނިޒާމެއްގައި ރައްޔިތުންނަށް ހިދުމަތް ކުރަން ތިބޭ ވަޒީރުންނަކީ އިންތިހާބުވެފައި ތިބޭ ބައެކެވެ. ނަމަވެސް ރިޔާސީ ނިޒާމެއްގައި ތިބެނީ ރައީސް އައްޔަންކުރާ ވަޒީރުންނެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި ރައީސް ނަޝީދުގެ މި ކުރު މެސެޖުގައި ރަށްދު ދެއްވާފައިވަނީ ރައީސް ޞާލިހު ރޭ ދެއްކެވި ވާހަކަފުޅުގައިވެސް ބަރުލަމާނީ ނިޒާމަށް އެމަނިކުފާނު ތާއީދު ނުކުރަށްވާކަން ދޭހަވާ މޭރުމަކުން ވާހަކަފުޅު ބައްޓަން ކުރަށްވާފައިވާތީ އެ ވާހަކަފުޅަށެވެ.



ރައީސް ނަޝީދު ގެންދަވަނީ ރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ގާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ދެއްކެވި ވާހަކަފުގައި ރައީސް ޞާލިހު ވިދާޅުވީ ޖުމްހޫރީ ނިޒާމު ހަރުދަނާކޮށް ދެމެހެއްޓުމަށް ޚާއްޞަ މަސައްކަތްތަކެއް ކުރަށްވާފައިވާ ކަމަށެވެ.



"އެއީ ވަކިވެގަތުމާއި، ބައިބައިވެ، މުޖުތަމަޢު ރޫޅިދިޔުން ނޫންކަން، ލޯތަކަށް ފެންނަންޖެހޭ. ޑިމޮކްރަސީއަކީ މައިނޯރިޓީއާ، އެކަހެރިން ދުރުގައި އޮތް ގާމަތީރަށްވެސް، ޝާމިލުވާ ނިޒާމެއްކަން ދުނިޔެ ދަންނަތާ، އެތައް އަހަރެއް. އަޅުގަނޑުމެންނަށް އަލަކަސް، ދުނިޔެއަށް އެ ފިލާވަޅު ދަސްވެ ބާވެއްޖެ." ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ހުރިހާ އެންމެންނަކީ، އެއް ވިސްނުމެއްގައި، އެއް މަގަކުން ހިނގާނެ، އެއް ފިކުރެއްގެ ބައެއް ނޫންކަމަށެވެ. އަދި ނުރުހޭ އެތައް ކަމަކާއި، އަހަން ބޭނުންނުވާ އެތައް އަޑަކާއި، ދެކެން ބޭނުންނުވާ އެތައް މަންޒަރެއް، އަބަދުވެސް މުޖުތަމަޢުގައި ހިނގާނެކަމަށެވެ.

ރައީސް ސާލިހު ވިދާޅުވީ ޑިމޮކްރަސީއެއް އެކުވެ ޝާމިލުވަނީ، އެ ހުރިހާ ބައިތައް ހިމެނިގެންކަމަށެވެ. އަދި ގަދައަޅައި ހިފަހައްޓަން ޖެހެނީ، ހަމައެކަނި ޤައުމިއްޔަތުގެ ބަހާތައްކަމަށާއި އެއީ، މާތްވެގެންވާ އިސްލާމްދީނާއި، މިނިވަންކަމާއި، ސިޔާދަތާއި، ތާރީޚާއި އާދަކާދައާއި، ބަހާއި ސަގާފަތްކަމަށެވެ.

"އެއީ ހުރަސްނުކުރެވޭނެ ރޮނގު. އެއީ ދޫނުދެވޭނެ ތަން." ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު