މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ގޯޑަން އެންޑްރޫ ސްޓުވާޓް ވަކިކޮށްފިއެވެ.

މިކަމާ ގުޅިގެން އެމްއޭސީއެލުން ނެރުނު ބަޔާނުގައި ބުނީ ގޯޑަން އެ މަގާމުތަކުން ވަކިކުރީ ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން އެގޮތަށް ނިންމައި، އެންގުމުން ކަމަށެވެ. ނަމަވެސް އެންޑްރޫ މަގާމުން ވަކިކުރި ސަބަބެއް އެމްއޭސީއެލުން ހާމަކޮށްފައެއް ނުވެއެވެ.

އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ގޯޑަން އެންޑްރޫ ސްޓުއާޓް އައްޔަންކޮށްފައިވަނީ، މިދިޔަ އަހަރުގެ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.

ގޯޑަން، އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކިކުރިކަން އަންގައި އެކުންފުނިން ނެރުނު ބަޔާނުގައި އޭނާ ކޮށްދެއްވި އެންމެހާ މަސައްކަތްތަކަށް އެކުންފުނީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.

އެމްއޭސީއެލްގެ ސީއީއޯގެ އަދި އެމްޑީގެ މަގާމުން ގޯޑަން ވަކިކޮށްފައިވާއިރު، އިއްޔެގެ ވަގުތެއްގައި ވަނީ އެކުންފުނީގެ ޗީފް އޮޕަރޭޝަންސް އޮފިސަރ (ސީއޯއޯ) ގެ މަގާމަަށް ޑެރަން ވިލިއަމްސް ނަމަކަށް ކިޔާ ބިދޭސީއަކު އައްޔަނުކޮށްފަ އެވެ. ވިލިއަމްސް އަކީ އެއާޕޯޓްތައް ހިންގުމުގައި 20 އަހަރު ހޭދަކޮށްފައިވާ، އެދާއިރާގައި ވަރަށް ތަޖުރިބާ ހުރި ބޭއްފުޅެއް ކަމަށް އެމްއޭސީއެލުން ބުނެއެވެ.

މިސަރުކާރު ވެރިކަމަށް އައިފަހުން އެމްއޭސީއެލްގެ މަތީ މަގާމުތަކަށް ބިދޭސީން އައްޔަނު ކުރާތީ ގިނަބަޔަކު ފާޑުކިޔަމުން ދިޔަނަމަވެސް އެމަގާމުތަކަށް ބިދޭސީން އައްޔަނު ކުރަނީ އެކަށީގެންވާ ދިވެހީން މަގާމުތަކަށް ނުލިބޭތީކަމެއް އެކުންފުންޏަކުން މިހާތަނަށް ވެސް ހާމަކޮށްފައެއް ނުވެއެވެ.



އެމްއޭސީއެލްގެ ސީއޯއޯގެ މަގާމަށް ބޭރު މީހަކު އައްޔަނު ކުރުމަށް ފަހު ނެރުނު ބަޔާނުގައި އެކުންފުނިން މުޅިން ވެސް ވިސްނައިދޭން މަސައްކަތް ކޮށްފައިވަނީ އޭނާގެ މޮޅު ވާހަކައެވެ. އެގޮތުން އެމްއޭސީއެލުން ބުނީ މިހާރުގެ ސީއޯއޯ ވިލިއަމް އަކީ ދުނިޔޭގެ އެންމެ ބުރަ، އަދި ބިޒީ އެއާޕޯޓު ކަމަށްވާ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ވީޕޯ އެއާސައިޑް އޮޕަރޭޝަނުގައި ދިހަ އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ މީހެއް ކަމަށެވެ. މީގެއިތުރުން، އޭނާ އިނގިރޭސި ވިލާތުގެ އެއާޕޯޓުތަކުން ވެސް ތަޖުރިބާ ހާސިލުކޮށްފައިވާ ކަމަށް އެމްއޭސީއެލުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު