މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހެޅި، 18 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންގެ މައްސަލަތަކުގެ ތެރެއިން 37 ޕަސެންޓް ކުދިން ނިސްބަތްވަނީ ކައިވެނި ރޫޅިފައިވާ އާއިލާ ތަކަށް ކަމަށް ޖުވެނައިލް ޖަސްޓިސް (ޑީޖޭޖޭ) އިން ބުނެފިއެވެ.

ޑީޖޭޖޭއިން އާންމުކުރި، އެ ޑިޕާޓްމަންޓަށް ހުށަހެޅި މައްސަލަތަކާ ގުޅޭ ރިޕޯޓެއްގައި ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ހުށަހެޅި، 18 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންގެ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ރޫޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިން ކަމަށެވެ. ކުޑަކުދިންގެ މައްސަލަތަކުގެ ތެރެއިން، އެ ކުދިންގެ އާއިލާގެ ހާލަތަށް ބެލިއިރު، އޭގެ ތެރެއިން 37 އިންސައްތަ ކުދިން ނިސްބަތް ވަނީ ރޫޅިފައިވާ އާއިލާތަކަށް ކަމަށް ރިޕޯޓްގައިވެއެވެ. އަދި ގުޅިފައިވާ އާއިލާތަކަށް ނިސްބަތްވާ 20 ޕަސެންޓް ކުދިން އޭގެ ތެރޭގައި ހިމެނޭއިރު، ޝަރުއީ ބައްޕަ ނެތް 14 ޕަސެންޓް ކުދިންގެ މައްސަލަތަވެސް އޭގެތެރޭގައި ހިމެނޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެެވެ.

މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު، ޑީޖޭޖޭއަށް، 18 އަހަރާއި 15 އަހަރާ ދެމެދުގެ ކުޑަކުދިންގެ 88 މައްސަލައެއް ވަނީ ހުށައަޅާފައެވެ. ނަމަވެސް މިދިޔަ އަހަރުގެ ފުރަތަމަ ހަމަސް ދުވަހާ އަޅާބަލާއިރު މިއީ 177 ކުދިން މަދު އަދަދެއްކަން ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

ރިޕޯޓްގައި ބުނެފައިވާގޮތުން ރޫޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންނާއި ޝަރުއީ ބައްޕަ ނެތް ކުދިންގެ މައްސަލަތައް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ގިނަކަން ފާހަގަކުރެވުނަސް، ވޭތުވެދިޔަ އަހަރުތަކުގައި (2011 އިން 2018 އަށް) ކުށުގެ ވެށީގައި އެންމެ ގިނަ ކަމަށް ފާހަގަވެފައި ވަނީ ގުޅިފައިވާ އާއިލާތަކަށް ނިސްބަތްވާ ކުދިންނެވެެ.

ރިޕޯޓްގައި ބުނެފައިވަނީ މައިންބަފައިން ކުށްކުރުމާއި ކުށުގެ ވެށީގައި އުޅުމާއި މަސްތުވާތަކެތި ބޭނުންކުރުމާއި މަސްތުވާތަކެއްޗާއި ބަނގުރަލުގެ ވިޔަފާރިކުރުމާއި އަދި ހަށިވިއްކުން ފަދަ ބޮޑެތި މައްސަލަތަކުގެ ތެރޭގައި އުޅޭތީ ބައެއް ކުދިން ވެސް މިފަދަ މައްސަލަތަކުގެ ތެރެއަށް ހުށަހެޅިފައިވާ ކަމަށެވެ. އަދި އާއިލީ ހާލަތުގެ ސަބަބުން ކުދިންނަށް ޖިންސީ އަދި ޖިސްމާނީ އަނިޔާ ލިބުމާއި ބޮޑެތި އިހުމާލުވުމާއި އަދި އަޅާލުން ކުޑަވުމުގެ މައްސަލަތައް ވެސް ހިމެނޭ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

ޑީޖޭޖޭގެ ރިޕޯޓްގައި ބުނީ ހުށަހެޅުނު މައްސަލަތަކުގެ ތެރޭގައި ޖުމްލަކޮށް އެންމެ ގިނައީ ކުޑަކުދިން މަސްތުވާތަކެތި ބޭނުންކުރުމާއި އެ އެއްޗެހި ގެންގުޅުމާއި މީހުންގެ މުދަލަށް ގެއްލުންދިނުމާއި އަދި ޖެހުން/ މާރާމާރީ ފަދަ މައްސަލަތައް ކަމަށެވެ. މި މައްސަލަތަކުގައި އެންމެ ގިނައިން ޝާމިލު ވަނީ ފިރިހެން ކުދިންނެވެ. އަދި ގަސްތުގައި މީހަކު މަރާލުމުގެ ދެ މައްސަލައެއް ވެސް ހުށަހަޅާފައިވާ ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

އަންހެން ކުދިންނާ ގުޅޭގޮތުން ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ޝަރުއީ ކައިވެންޏަކާއި ނުލާ ބަލިވެއިނުމާއި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާއި އަދި ބޭ އަދަބީ ގޮތުގައި އައުރަ ހާމަކުރުން ފަދަ މައްސަލަތައް ކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާ ގުޅޭ މައްސަލަތައް ބަލައި އެ ކުދިން ހެޔޮ ގޮތުގައި މުޖުތަމައަށް އަނބުރާ ނެރުމުގެ ޒިންމާ ހަވާލުކޮށްފައިވާ އިދާރާއަކީ ޑީޖޭޖޭ އެެވެ.



ކިޔުންތެރިންގެ ހިޔާލު