އިދިކޮޅު ފަރާތްތަކުން ބޭނުންވަނީ ތަރައްގީ ނުގެނެސް، ރައްޔިތުން ނިކަމެތިކަމުގައި ބައިތިއްބަންކަމަށް ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ނިހާދު މިހެން ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓު 25 ބިލިއަން ރުފިޔާއަށް ކުޑަކުރަން މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ގޮވާލެއްވުމުންނެވެ.

ސަލީމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން މެމްބަރު ނިހާދު ވިދާޅުވީ އިދިކޮޅުން ބޭނުންވަނީ އެއްވެސް ޕްރޮޖެކްޓެއް ހިންގިޔަ ނުދީ ރައްޔިތުން ނިކަމެތިކަމުގައި ބައިތިއްބައިގެން ވޯޓް ގަންނަންކަމަށެވެ. އަދި ރަށްރަށުގެ ރައްޔިތުންނާއި ހަމައަށް ތަރައްގީ ދިއުމަކީ އިދިކޮޅު ޕީޕީއެމް، ޕީއެންސީން ބޭނުންވާ ގޮތެއް ނޫންކަން އެއީ އެންމެންނަށް އެނގޭކަމެއްކަމަށް ނިހާދު ވިދާޅުވިއެވެ.

"އިދިކޮޅުން ބޭނުންވަނީ އެއްވެސް ޕްރޮޖެކްޓެއް ހިންގިޔަ ނުދީ ރައްޔިތުން ނިކަމެތިކަމުގައި ބައިތިއްބާއިގެން ވޯޓް ގަންނަން. ރަށްރަށުގެ ރައްޔިތުންނާއި ހަމައަށް ތަރައްގީ ދިއުމަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީން ބޭނުންވާ ގޮތެއް ނޫންކަން އެއީ އެންމެންނަށް އެނގޭކަމެއް.. އިންޑިއާއޭ ކިޔަނީވެސް ޕްރޮޖެކްޓް ހުއްޓުވަން." ނިހާދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ބަޖެޓް ބަހުސްގައި ވާހަކަފުޅުދައްކަވަމުން ސަލީމް ވިދާޅުވީ ބަޖެޓުގެ ދަރަނި ބޮޑުވެގެން ގޮސް ޑޮލަރުގެ އަގު ނުހިފިހެއްޓިގެން އުޅޭކަމަށެވެ. އެހެންވީމާ ދަރަނި ކުޑަކޮށް، ދައުލަތުގެ ބަޖެޓު 25 ބިލިއަނަށް ކުޑަކުރުމަށް ސަލީމް ގޮވާލެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު