ވަޒީފާ އަދާނުކުރާ މީހުންނަށް އެލަވަންސް ދޭ ސްކީމް ނުވަތަ އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމެއް ރާއްޖޭގައި ވަރަށް އަވަހަށް ތައާރަފް ކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

މިނިމަމް ވޭޖް އިއުލާން ކުރުމަށް މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ ވަޒީފާ ނެތް މީހުންނަށް އެލަވަންސެއް ދިނުމަށް ސަރުކާރުން ދަނީތައްޔާރުވަމުން ކަމަށެވެ. އެގޮތުން ރާއްޖޭގައި ވަރަށް އަވަހަށް އަންއެމްޕްލޯއިމަންޓް އިންޝުއަރެންސް ސްކީމެއް ތައާރަފް ކުރެވިގެން ދާނެ ކަމަށްވެސް މިނިސްޓަރ ވަނީ މި ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.

މިއަދު އިކޮނޮމިކް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކަށް ބަލާއިރު، މިވަގުތު ރާއްޖޭގައި ވަޒީފާއަށް ދާ އުމުރުގެ 317،482 މީހުންގެ ތެރެއިން، ރާއްޖޭގެ ލޭބަރ ފޯސްގެ ތެރޭގައި ހަރަކާތްތެރިވަނީ 191،270 މީހުންނެވެ. މިއީ ވަޒީފަ އަދާކުރާ އުމުރުފުރާގެ 60 އިންސައްތައެވެ. ވަޒީފާ އަދާކުރާ އުމުރުފުރައިގެ 40 އިންސައްތަ އަކީ ލޭބާ ފޯސްގެ ތެރޭގައި ހަރަކާތްތެރި ނުވާ ނޫނީ ވަޒީފާއެއް އަދާނުކުރާ ފަރާތްތައް ކަމަށް އިކޮނަމިކް މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކުން ދައްކައެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ އަންއެމްޕްލޮއިމެންޓް އިންޝުއަރެންސް ސްކީމް ތައާރަފްކުރުމަށް ވޯލްޑް ބޭންކާއެކު ދަނީ މަސައްކަތްކުރަމުން ކަމަށެވެ. އަދި މިހާރު މިކަމާ ގުޅޭ ދިރާސާތައް ގާތްގަނޑަކަށް ނިމިފައިވާ ކަމަށް މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރ މިއަދު ވިދާޅުވީ މިނިމަމް ވޭޖަށް ގެނެވުނު ބަދަލުތަކާއެކު ރާއްޖޭގެ ވަޒީފާގެ މާޙައުލަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޤަބޫލްކުރާ ކަމަށެވެ.

ވަޒީފާ އަދާނުކުރާ މީހުންނަށް އެލަވަންސެއް ދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދެކެވެ. އެކި މުނާސަބާތަކުގައި މިވާހަކަ ދެކެވުނު ނަމަވެސް އަދި އެކަމާބެހޭ އަމަލީ މާބޮޑު މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު