ރާއްޖޭގައި މަސައްކަތްކުރާ ފަރާތްތަކަށް ދެވޭނެ އެންމެ ކުޑަ އުޖޫރައަކީ 4500 ރުފިޔާ ކަމަށް ކަނޑައަޅައި ސަރުކާރުން އެކަން މިއަދު އިއުލާންކޮށްފިއެވެ.

ހޮޓެލް ޖެންގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެންމެ ކުޑަ އުޖޫރަ ކަނޑައަޅާ، އެކަމާއި ގުޅޭ ލިޔުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު ފައްޔާޒް އިސްމާއިލެވެ.

މިނިމަމް ވޭޖު ބޯޑުން ދިން ލަފާ ދިރާސާކުރުމަށްފަހު ސަރުކާރުން މިއަދު ކަނޑައެޅި އެންމެ ކުޑަ އުޖޫރަ ނުވަތަ މިނިމަމް ވޭޖުގެ ގޮތުގައި ކަނޑައަޅާފައިވާ 4500 ރުފިޔާއަކީ ކުދި ވިޔާފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މުވައްޒަފަކު މަސައްކަތް ކުރުމުން މަހެއްގެ މައްޗަށް ދޭންޖެހޭނެ މިންވަރެވެ. މެދު ފަންތީގެ ވިޔަފާރިތަކުގައި ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން މަހެއްގެ މައްޗަށް މުވައްޒަފުންނަށް 7000 ރުފިޔާ މުސާރައިގެ ގޮތުގައި ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ. އަދި ބޮޑެތި ވިޔަފާރިތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދުވާލަކު 8 ގަޑިއިރު މަސައްކަތްކުރުމުން، މަހަކު 8000 ރުފިޔާ ދިނުމަށްވެސް ވަނީ ކަނޑައަޅާފައެވެ.

މީގެއިތުރުން ސަރުކާރުގެ އެންމެ މުވައްޒަފުން ގިނަ ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ލިބޭނެ އެންމެ ކުޑަ އުޖޫރަ ނުވަތަ މުސާރައިގެ ގޮތުގައި ކަނޑައަޅާފައިވަނީ 7000 ރުފިޔާއެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުން ދިވެހިރާއްޖޭގައި އެންމެ ކުޑަމިނުން ދެވޭނެ އުޖޫރައެއް ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައް ކުރުމާއި މިނިމަމް ވޭޖް ކަނޑައެޅުމަށް މިނިސްޓަރަށް ލަފާ އެރުވުމަށް ކުރަމުން އައި މަސައްކަތްތައް ނިންމައި، އޮކްޓޫބަރުމަހުގެ ކުރީކޮޅު މިނިމަމް ވޭޖާ ގުޅޭގޮތުން ބޯޑުން މިނިސްޓަރަށް ދޭ ލަފާ ވަނީ ފާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު