ސްރީލަންކާގައި މާދަމާ ފަށާ "މަހިންދަ ރާޖަޕަކްސަ ޓްރޮފީ" ފުޓްބޯޅަ މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ލަންކާއަށް ވަޑައިގަންނަވާނެ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒު ވިދާޅުވީ މާދަމާ ރައީސް ލަންކާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.



ލަންކާގައި ކުޅޭ މި މުބާރާތުގައި ލަންކާގެ އިތުރުން ވާދަކުރަނީ ރާއްޖެއާއި ބަންގްލަދޭޝް އަދި ސީޝެލްސްއެވެ.

8 ނޮވެމްބަރުން ފެށިގެން 17 ނޮވެމްބަރު ގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ ކޮޅުނބުގެ ރޭސް ކޯޒް ސްޓޭޑިއަމްގަ އެވެ. މި މުބާރާތުގައި ރާއްޖެ ކުޅޭ ފުރަތަމަ މެޗު ކުޅޭނީ މާދަމާ ރޭ ލަންކާއާ ދެކޮޅަށެވެ.

މި މުބާރާތުގައި ދިވެހި ސަޕޯޓަރުންނަށް ފުރަތަމަ ޓިކްޓް ވިއްކާފައިވަނީ 5.000 ރުޕީސް އަށެވެ. ނަމަވެސް ފަހުން ރައީސްގެ އެދިވަޑައިގަތުމަކަށް ޓިކެޓްގެ އަގު 3،000 ރުޕީސްއަށް ވަނީ ކުޑަކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު