ކަނޑުގެ ޤާނޫނާބެހޭ ބައިނަލް އަޤްވާމީ ޓްރައިބިއުނަލަށް މޮރިޝަސްއިން ހުށަހަޅާފައިވާ ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ކަނޑުގެ ސަރަޙައްދު ބައިކޮށް ވަކިކުރުމާބެހޭ މައްސަލައަކީ ވަރަށް ސީރިއަސް އަދި އެހާމެ މުހިއްމު ޤައުމީ މައްސަލައެއް ކަމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

އައްޑުއަތޮޅުގެ ދެކުނުން ދިވެހިރާއްޖޭގެ އިޤްތިޞާދީ ސަރަޙައްދު މޮރީޝަސްގެ ސިޔާދަތުގެ ދަށުގައިވާ ޗާރގޯސް އާރކިޕެލާގޯގެ ކަނޑުގެ ސަރަޙައްދާ ފުށުއަރާކަމަށްބުނެ ކަނޑުގެ ޤާނޫނާބެހޭ ބައިނަލްއަޤްވާމީ ޓްރައިބިއުނަލަށް މައްސަލަ ހުށަހަޅާފައިވަނީ މޮރިޝަސްއިންނެވެ.

ދެޤައުމުގެ ދެމެދުގައި ކަނޑުގެ ސަރަޙައްދު ބައިކޮށް ވަކިކުރުމަށްޓަކައި މޮރިޝަސްއިން އެމައްސަލަ ހުށައެޅީ 2019 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައެެވެ. އެކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ކުރީގެ ބަންޑާރަނައިބް ޑރ މުނައްވަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މި މައްސަލައަކީ ދިވެހިރައްޔިތުންނާއި ދިވެހި މަސްވެރިން، އަދި ޚާއްޞަކޮށް ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ މަސްވެރިން ފުންކޮށް ވިސްނައި، ކަންބޮޑުވާންޖެހޭ މައްސަލައެއް ކަމަށެވެ. 

މުނައްވަރު ވިދާޅުވީ މި މައްސަލަ ހުށަހެޅި، ހިނގަމުން އަންނަތާ ދެ އަހަރު ދުވަހަށްވުރެ ގިނަ ދުވަސްވެ، ކައިރި ތާރީޚެއްގައި ދިވެހިރާއްޖެއިން މި މައްސަލައިގައި ޖަވާބުދޭން ޖެހިފައިވާއިރު މިފަދަ މުހިންމު މައްސަލައަކަށް ދޭންޖެހޭ އަހުމިއްޔަތާއި ސަމާލުކަން ދިވެހި ސަރުކާރުން މިމައްސަލައިގައި ދޭތަނެއް ނުފެންނަ ކަމަށެެވެ.

"މިއީ އަޅުގަނޑުމެން ދިވެހީން، އަޅުގަނޑުމެންގެ މި މަސްކަނޑުތަކަށް އަޅުގަނޑުމެންގެ ދިރިއުޅުން ބަރޯސާކޮށްގެން ދިރިއުޅެމުންއަންނަ މީހުން ވަރަށްކަންބޮޑުވާންޖެހޭ ކަމެކެވެ." މުނައްވަރު ނެރުއްވި ބަޔާނުގަައި ބުނެފައިވެއެވެެ.

މުނައްވަރު ނެރުއްވި މި ބަޔާނުގައި މި މައްސަލައަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް ބަދަލުތަކެއް އައިސް، އަޅުގަނޑުމެންގެ މަސްވެރިކަމަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ބިރުއޮތް މައްސަލައަކަށްވާތީ މިމައްސަލައިގެ މަޢުލޫމާތު ރައްޔިތުންގެ މަޖިލީހާއި ދިވެހިރައްޔިތުންނާއި ފުރިހަމައަށް ޙިއްޞާކުރުމަށް ދިވެހިރާއްޖޭގެ ބަންޑާރަނާއިބަށާއި މިނިސްޓަރ އޮފް ފޮރިންގ އެފެއާރޒަށާއި މިނިސްޓަރ އޮފް ޑިފެންސްއަށްވަނީ ގޮވާލައްވާފައެވެ.

"މި މައްސަލައިގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދަށް އެއްވެސް ނޭދެވޭ ބަދަލެއް ނުވަތަ އަސަރެއް ކޮށްފާނެ ފަދަ ނުވަތަ ދިވެހި މަސްވެރިންގެ އެއްވެސް ޙައްޤަކަށް އުނިކަމެއް ލިބިދާފަދަ އެއްވެސްކަމެއް ނުކުރުމަށް ދިވެހި ސަރުކާރަށް އިލްތިމާސް ކުރަމެވެ." ޑރ މުނައްވަރު ނެރުއްވި ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު