ދިވެހި ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރާ މީހުންނާ ދޭތެރޭގައި އެއްވެސް ފިޔަވަޅެއް ނޭޅުންކަމަށް އދ. ގެ ސްޕެޝަލް ރެޕަޓުއާ ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެ އިސްލާމްވި ދުވަހާއި ގުޅުވައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދީނުގެ ނަމުގައި އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި އަމަލުތައް، ދީނީ ކަންކަމުގެ ގޮތުގައި ބަޔަކު ފަތުރަން މަސައްކަތް ކުރުން ކަމަށެވެ. ރައީސް ޞާލިޙުގެ މިބަސްފުޅަށް ރައްދު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ އެންމެ ބޮޑު ނުރައްކަލަކީ ދީނުގެ ނަމުގައި އެފަދަ ފިކުރުތައް ފަތުރާ މީހުންނާ ދޭތެރޭގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނޭޅޭ މައްސަލަ ކަމަށެވެ. ދެބޭފުޅުންގެ ވާހަކައިގައިވެސް އެ އިޝާރާތް ކުރަށްވަނީ ދީނުގެ ނަމުގައި ހަރުކަށި ފިކުރުތައް ފަތުރައި އަދި ދީނުގެ ނަމުގައި ލާއިންސާނީ އަމަލުތައް ހިންގާ ފަރާތްތަކަށެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙު ދެއްވި ޚިޠާބުގައި ވިދާޅުވީ ދިވެހި މުޖްތަމައަށް މިއަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތް ފިކުރުތަކާއި އަމަލުތައް، ދީނީ ކަންކަމުގެ ގޮތުގައި، ފެތުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާ ދިއުން ކަމެވެ. އަދި މިކަމުގެ ނަތީޖާއަކީ އެފަދަ ފިކުރުތައް ގަބޫލުކުރާ މަދު ބަޔަކު، މީހުންގެ ފުރާނައާއި މުދަލަށް ގެއްލުންދިނުމުގެ ނިރުބަވެރި އަމަލުތައް ހިންގަން ފެށުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މިސަބަބަށްޓަކައި، ޢިލްމުވެރިންނާއި މުދައްރިސުންވެސް، އިސްލާމް ދީނުގެ ސައްހަ އަގީދާ ރަނގަޅު ގޮތުގައި ދަރިންނަށް ފޯރުކޮށްދެއްވުމަށް، ހާއްސަ ސަމާލުކަން ދޭން ޖެހޭ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރާއްޖޭގައި ހަރުކަށި ފިކުރުގެ މީހުންނާ ދެކޮޅަށް ފިޔަވަޅު ނޭޅޭ ކަމަށް ޑރ. ޝަހީދު ވިދާޅުވެފައިވާއިރު، ދިވެހި މުޖުތަމަޢުގައި މިއަދު ހަރުކަށި ފިކުރާއި އަދި ލާދީނީ ފިކުރުގެ މައްސަލަވެސް ކަންބޮޑުވާ މިންވަރަށް އެބަ އޮތް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު