ކޮޕް26 ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ކޮޕް26 ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
މިއީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، ބަހަނާ ނުދައްކާ އަމަލީ ގޮތުން ކަންކަން ރަނގަޅުކުރުމަށް މަސައްކަތް ކުރަންވީ ވަގުތުކަމުގައި އދ ގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިހާރު ސްކޮޓްލޭންޑްގެ ގްލާސްގޯގައި ކުރިޔަށްދާ ކޮޕް26 ބައްދަލުވުން ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީ އިންސާނުންނަށް ދިމާވެފައިވާ ބޮޑު ކާރިސާ އަކަށްވެފައިވާ ކަމަށެވެ. އަދި މިކަން ހައްލުކުރުމުގެ ގާބިލުކަމާއި ވަސީލަތްތައް ވެސް އެބަހުރިކަމަށާއި، ނަމަވެސް މިކަން ހައްލުކުރުމަށް އެއްވެސް ކަމެއް ނުކުރާކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިއީ މިހާރު އިންސާނުންނަށް ދިމާވެފައިވާ ބޮޑު ކާރިސާއެއް ކަމުން ކޮންމެ މީހެއްވެސް އެމީހެއްގެ އަމިއްލަ ނަފުސަށާއި އެކަކު އަނެކަކަށް އަދި މުޅި ދުނިޔެއަށް ވެސް ތެދުވެރިވާންޖެހޭކަމަށެވެ. އަދި މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތައް ދައްކަމުންދާ ބަހަނާތައް ދޫކޮށްލަންޖެހޭ ކަމަށް ވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ޝާހިދު ވިދާޅުވީ މޫސުމީ ބަދަލުތަކުގެ ބަހުސްގައި އެތައް އަހަރެއް ހޭދަކޮށްފައިވާ ކަމަށާއި، ހަކަތަ އުފެއްދުމުގައި އިޔާދަކުރަނިވި ހަކަތައަށް ދިޔުމުގެ ވާހަކަތައް ދައްކާތާ އެތައް ދުވަހެއް ވެއްޖެކަމަށެވެ. ނަމަވެސް މިކަން ހާސިލުކުރުމުގެ އަޒުމާއި އެ ހިތްވަރު ހޯދުމުގައި ފެއިލްވެފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. މިއީ ގަބޫލުކުރަން އުނދަގޫ ނަމަވެސް ހަގީގަތްކަމަށް އދ. ގެ އާންމު މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު ވިދާޅުވީ އދ ގެ އާންމު މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވައިގެން އެންމެ ބޮޑަށް އަޑުއައްސަވާފައިވަނީ މޫސުމީ ބަދަލުތަކުގެ ވާހަކަ ކަމަށެވެ. އަދި މި ވާހަކަތަކަށް ބަލާއިރު އެންމެ ގިނައިން އަޑުއައްސަވާ އެއް ވާހަކައަކީ ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީގައި ހިފެހެއްޓުމަށް މަސައްކަތްކޮށް އެ އަމާޒަށް ވާސިލުވުމުގެ ވާހަކައާއި މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށްކުރާ އާބާދީތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ވާހަކަ ކަމަށެވެ.

އެހެންކަމުން މޫސުމީ ބަދަލުތަކަށް އެޑަޕްޓް ވުމުގައި މޫސުމީ ބަދަލުތަކުން އެންމެ ބޮޑަށް އަސަރުކުރާ ގައުމުތަކަށް ދޭންޖެހޭ ސަމާލުކަން އަބަދުވެސް ދެމުންގެންދަންޖެހޭކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެންމެން އެކުގައި މިހާރު ހުރި ވަސީލަތްތަކާއި ގާބިލުކަމެއް ބޭނުންކޮށްގެން ދުނިޔެ ސަލާމަތްކުރުމަށް މަސައްކަތްކުރުމުން ކާމިޔާބުވާނެ ކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން