ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް
ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާ ދެކޮޅަށް ބޭއްވި މުޒާހަރާއެއް
ގަލޮޅު ސްކޫލްގައި ތަޢުލީމް ހާސިލް ކުރަމުން ދިޔަ ހަތަރު އަހަރުގެ އަންހެންކުއްޖަކަށް ޖިންސީ ގޯނާ ކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކަމާބެހޭ އިދާރާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފިއެވެ.

މިއަދު އޮތް މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގައި ކޮމީޓިގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ މި މައްސަލައާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑަރ މިނިސްޓްރީގެ އިތުރުން، ފުލުހުން ވެސް ބުދަ ދުވަހު އޮންނަ ކޮމިޓީގެ ބައްދަލުވުމަށް ޙާޟިރުކުރުމަށް ހުށައަޅާފައެވެ. އަދި ކޮމިޓީން ވަނީ އެގޮތަށް އެކަން ކުރުމަށް ފާސްކޮށްފައެވެ.

އޭގެ އިތުރުން އެ މައްސަލައިގެ ތަހުގީގު ހިނގާ ގޮތް ބެލުމަށް ޓަކައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ވެސް ލިޔުމުން ހުށަހަޅާނެކަމަށް ޖީހާން ވިދާޅުވިއެވެ.

ގަލޮޅޫ ސްކޫލްގެ ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލާގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ މިއަދު މަޖިލީހަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. އެ މައްސަލައިގެ މައުލޫމާތު ސްކޫލަށް ހުށަހެޅުމާއެކު އެކަން ތަޢުލީމީ ވުޒާރާއިންވެސް ސީރިއަސް މައްސަލައެއްގެ ގޮތުގައި ގެންދަނީ ބަލަމުންނެވެ. އެގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާފައިވާ ކަމަށާއި، މައްސަލަ ބަލާ ނިމެންދެން އެކަމުގައި ތުހުމަތު ކުރެވޭ ފަރާތް ސަސްޕެންޑު ކޮށްފައިވާ ކަމަށްވެސް ތަޢުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މާލޭގެ ސްކޫލެއްގައި ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަމުންދާކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

އެމައްސަލާގައި ޢެޢަމަލު ހިންގި މީހަކު ކަށަވަރުވެފައި ނުވާތީ 29 އޮކްޓޯބަރު 2021 ވީ ހުކުރު ދުވަހުން ފެށިގެން ގަލޮޅު ސްކޫލުގައި މަސައްކަތު މީހުންގެ ގޮތުގައި އުޅޭ ހުރިހާ އަންހެން މުވައްޒަފުން ވަނީ ވަޒީފާގެ މަސްޢޫލިއްޔަތުތަކުން އެކަހެރި ކޮށްފައެވެ. ހަމައެއާއެކު ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލުގެ 18 ސަރަހައްދެއްގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކޮށްފައިވާ ކަމަށްވެސް އެ ސްކޫލުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން