ސްޓެލްކޯގެ ސީއެސްއާރުގެ ދަށުން ކ. ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މަރާމާތުކޮށްދީފިއެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ފަސްވަނަ ބްލޮކް މަރާމާތުކޮށް ނިންމައި މިއަދު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއާ ހަވާލުކޮށްފައިވާކަމަށެވެ.

މިކަމާއި ގުޅޭ އެއްބަސްވުމުގައި ޖެންޑަރ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޖެންޑަރ މިނިސްޓަރ އައިޝަތު މުހައްމަދު ދީދީއެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީއެވެ.

ޖެންޑަރއިން ބުނީ މަރުކަޒު މަރާމާތުކުރުމާއި ގުޅިގެން އެމަރުކަޒަށް 28 ޖާގަ އިތުރުވެފައިވާކަމަށެވެ.

ސްޓެލްކޯއިން ކުރިއަށްގެންދިޔަ މަރާމާތުގެ މަސައްކަތްތަކުގެ ތެރޭގައި، އިމާރާތުގެ ފާޚަނަތަކާއި ފްލޯގެ ތަށިމުށި ބަދަލުކުރުން، ބަދިގެ މަރާމާތުކޮށް ތަށިމުށި ޖެހުމާއި ކަބަޑު ސެޓެއް ހަރުކުރުން، އިމާރާތްތަކުގައި ރެނދުލާ ހަލާކުވެފައިވާ ތަންތަން މަރާމާތުކުރުން، ކުލަލުމާއި ފަންކާތައް ބަދަލުކުރުމާއި ފާޚާނައަށް ބޭނުންވާ ސާމާނާ އިމާރާތަށް ބޭނުންވާ ބައެއް ސާމާނު ހަމަކުރުން ވެސް ހިމެނެވެ.



ޖެންޑަރ މިނިސްޓަރ އާއިޝަތު މުޙައްމަދު ދީދީ ވިދާޅުވީ، ޚަރަދުގެ ގޮތުން ބަލާއިރު މިއީ ކުޑަ އަދަދެއް ނަމަވެސް، މި މަސައްކަތުގެ ސަބަބުން އެތައް ބައެއްގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުވެގެން ހިނގައްޖެކަމަށެވެ.

ސްޓޭލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން މުޣުނީ ވިދާޅުވީ، ސްޓެލްކޯގެ އިޖުތިމާއީ ޒިންމާގެ ދަށުން އަބަދުވެސް މަސައްކަތްކުރަނީ، މުޖުތަމަޢުގައި ތިބި އެންމެ ބޭނުންޖެހިފައިވާ މީހުންނަށް އެހީވުމަށްކަމަށެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، އުޅޭނެ ތަނެއް އަދި ބަލާނެ ބަޔަކު ނެތް ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދަޢުލަތުގެ ބެލުމުގެދަށަށް ގެނެސް ބަލަހައްޓަމުންދާ މަރުކަޒެވެ. އެމަރުކަޒުގައި މީހުން ބަލަހައްޓާތާ 45 އަހަރު ވަނީ ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން