19 ވަނަ އެޕިސޯޑް

==========

[ޝާޢިރާ މިތާ ކީއްތިކުރަނީ. މިރޭ ކައިފިންތަ؟] ކޮޓަރިން ނުކުތް ވަގުތު، ޝާޢިރާ ބޭރުގައި ހުއްޓާ ފެނުމުން ނާޒިމާ އެއްސެވެ.

[އަހަރެން މެންދުރުވެސް ކައިފިން. ވަރަށް ބައިވަރު ކައިފިން.] މިހެން ބުނެފައި ޝާޢިރާ މޮޔަ ޙަރަކާތާއެކު އެދިމާގައި ހުރި ސޯފާ ގޮނޑިއެއްގައި ދެފައި ދަމާލާފައި އޮށޯތެވެ.

ނާޒިމާ ހިނިތުންވެލަމުން ގޮސް އެތަނުން ނުކުމެއްޖެއެވެ. ވަގުތުން ޝާޢިރާ ތެދުވެއްޖެއެވެ. ވަށައިގެން ހޯދާ ބަލައިލުމަށްފަހު، އޭނާ ގޮސް ނާޒިމާމެން ނިދާ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. އެއަށްފަހު އޭނާ ވިހަ ހިނިތުންވުމަކާއެކު ދެއަތަކަށް ބޯހޫރާލިއެވެ.

ނާޒިމާ އެނބުރި އައިސް ކޮޓަރިއަށް ވަނީ ޝާޢިރާ އެނދުގެ ބެޑްޝީޓް ނެގުމަށްފަހު، ގޮދަޑިން އޭނާ ފަޅާލާފައިވާ ތަނަށް ތަވީދުލާން ގުދުވެގެން އޮއްވައެވެ. ނާޒިމާ ވަން އަޑާއެކު ޝާޢިރާ ސިއްސައިގެން ގޮސް ތެދުވިއެވެ. އެވަގުތު އޭނާގެ އަތުގައި އޮތް ތަވީދުވެސް ބިންމައްޗަށް ވެއްޓުނެވެ.

[ޝާޢިރާ!...ކީއްތިކުރަނީ؟] ޝާޢިރާގެ ޙަރަކާތަށް ބަލަން ހުރެފައި ނިކަން ހަރުއަޑުން ނާޒިމާ ހަޅޭއްލަވައިގަތެވެ. ނާޒިމާގެ އަޑަށް އެތަނަށް އިލްޔާސާއި، އެގޭގައި ގެންގުޅޭ ބައެއް މީހުންގެ އިތުރުން ޝާޢިރާގެ ދަރިފުޅު ނަޝާވެސް އެތަނަށް އަތުވެއްޖެއެވެ.

[ކިހިނެއްވީ؟ ނާޒިމާ!] އިލްޔާސް، އެކޮޓަރިއަށް ވަންނަމުން އެއްސެވެ. އެވަގުތު އޭނާއަށް ގޮދަޑިން ފަޅާލާފައިވާ ތަނާއި، އެތާ ތެރެއިން ކަރުދާސްގަނޑެއްގެ ބައެއް ނުކުމެފައިވާ މަންޒަރު ފެނުނެވެ. އޭނާ ވަގުތުން ނާޒިމާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި އެދިމާއަށް ހިނގައިގެންފިއެވެ. ޝާޢިރާގެ އަތުން ވެއްޓުނު ތަވީދު، އޭނާއަށް ފެނުނީ އެވަގުތެވެ. އޭނާ ގުދުވެ، އެތަވީދު ނަގައި އެނިއުޅާލިއެވެ. އެއާއެކު އޭނާގެ ދެލޯ ބޮޑުވިއެވެ.

އޭރު ޝާޢިރާ ހުރީ އޭނާގެ ޙަޤީޤަތް ހާމަވެއްޖެކަން އެނގުމާއެކު، ނިކަން ބިރުގަނެ ހާސްވެފައެވެ.

[އަހަންނަށް މަޢާފްކުރޭ...އަހަންނަށް މިގޭގައި ދިރިއުޅެވެންޏާ، އެކަހަލަ ކަމެއް ދެން ނުކުރާނަން.] ހާސްވެފައި ހުރި ޝާޢިރާ ކުށަށް އިޢްތިރާފްވަމުން އަނެއްކާވެސް މަޢާފަށް އެދުނެވެ.

އެހިނދު ނުހަނު ރުޅިއައިސްފައި ހުރެމެ، އިލްޔާސް އައިސް ޝާޢިރާގެ ކުރިމައްޗަށް ހުއްޓުނެވެ. އެއަށްފަހު ފެނުނީ ހޫނު އެތިފަހަރެއް ޝާޢިރާގެ ކަންކަށިމަތީގައި އިލްޔާސް ޖެހިތަނެވެ.

[އައްދިޔޯއި...އަހަންނަށް ތިހެން ނަހަދާ އިލްޔާސް. އަހަންނަށް މަޢާފް ކުރޭ....] އިޙްސާސް ކުރެވުނު ދިލަ ހޫނާއެކު ޝާޢިރާއަށް ބާރަށް ރޮއިގަނެވުނެވެ.

[ކަލެއަކަށް އަހަރެންގެ މަޢާފް ލިބޭނޭ ހަމަ އެއްވެސް ގޮތެއް ނޯންނާނެ. ކަލޭގެ އެއްވެސް ފަންޑިތައެއް ދެން ކާމިޔާބެއް ނުކުރެވޭނެ. އެކަން ކުރާކަށް ނުވެސް ކެރޭނެ.] އިލްޔާސް އަނެއްކާވެސް ބާރު އެތިފަހަރެއް ޝާޢިރާގެ ކަންކަށިމަތީގައި ޖަހައިފިއެވެ. އޭނާހުރީ އަމިއްލައަށް ކޮންޓްރޯލް ނުކުރެވޭ ވަރަށް ރުޅިއައިސްފައެވެ. ވުމާއެކު، ތިންވަނަ އެތިފަހަރުވެސް އޭނާ ޝާޢިރާގެ މޫނުމަތީގައި ޖަހައިފިއެވެ. އިލްޔާސްގެ ގައިގައި ނާޒިމާމެން ހިފެހެއްޓީ އެއަށްފަހުގައެވެ.

[އިލްޔާސް، ތިރުޅި ކޮންޓްރޯލް ކުރަން މަސައްކަތްކޮށްބަލަ. ތިޔަވަރަށް ރުޅި އިސްކުރާކަށް ނުވާނެ.] ނާޒިމާމެން ހިފެހެއްޓި ކަމުގައިވީނަމަވެސް، އޭނާ އަދިވެސް ޝާޢިރާއަށް ޙަމަދިނެވެ.

[ކަލޭމެން އަހަރެންގެ ގައިން ދޫކުރޭ. އަހަރެން ބޭނުންވަނީ އޭނާގެ ދުވަސް ދުއްވާލަން. އޭނާ މިދުނިޔޭގައި ހުރިހާ ހިނދަކު، މިޢާއިލާގެ ތެރެއިން އޭނާގެ ތުރާތަކެއް ފުހެވިގެން ނުދާނެ.] ދެންވެސް އިލްޔާސް އުޅެނީ ޝާޢިރާއާ ދިމާއަށްދާށެވެ. ނަމަވެސް މިހާރު ނާއިލްވެސް އައިސް، އޭނާގެ ބައްޕަގެ ގައިގައި ހިފަހައްޓައިފިއެވެ.

[ބައްޕާ....ރުޅިމަޑުކުރޭ ބައްޕާ.....އަހަންނަށް ފުރަތަމަވެސް ޝާޢިރާ މަންމައާމެދު މޮޔަ ނޫން ކަމަށް ޝައްކު ކުރެވުނު. އިހަކަށްދުވަހު އަހަންނަށް ޔަޤީން ކުރެވުނު، ފޯނުން ކޮންމެވެސް މީހަކާ ވާހަކަ ދައްކަން ހުރިތަން. އަހަންނަށް ފެނުނު ހިސާބުން ޝާޢިރާ މަންމަގެ ވިސްނުން އަހަންނަށް ޔަޤީން ކުރެވުނު.] ނާއިލް، ބައްޕަގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. އޭރުވެސް އޭނާ ރުޅިއައިސްގެން ތުރުތުރުއަޅަނީއެވެ.

[އޭނާ އަލުން މިގެއަށް ގެނައި މީހަކީ ނާޒިމާ. ހަމަ މިހާރު ނާޒިމާ ޖެހޭނެ، އޭނާ މިގެއިން ނެރެން. މިގެއަކުން އޭނާއަކަށް ދެނެއް ޖާގައެއް ނުދެވޭނެ. ޝާޢިރާއަކީ ދުވަހަކުވެސް ވިސްނޭނެ މީހެއް ނޫން.] އިލްޔާސް ބުންޏެވެ.

ޝާޢިރާގެ މޫނަށް ނާޒިމާ ބަލައިލިއެވެ. އޭރު ޝާޢިރާ ރޮނީއެވެ. އޭރު އޭނާގެ ދަރިފުޅު ނަޝާވެސް ރޮމުން ދަނީއެވެ. އޭނާ ރޮމުން ދަނީ އޭނާގެ މަންމަގެ ސަބަބުން އޭނާއަށް ލިބިފައިވާ ނިކަމެތިކަން ހިތަށްވަނީމައެވެ. ކުއްލިއަކަށް ދެން ފެނުނީ ނަޝާ ދުއްވައިގަތް ތަނެވެ. އޭނާ ރޮމުން ގިސްލަމުން ގޮސް ހުއްޓުނީ އެގެއަށް ވަންނަ މައިމަގާ ދިމާއަށް ހުންނަ ކުޑަދޮރު ކައިރިއަށެވެ. އޭނާގެ ފަހަތުން ނާޒިމާ ދިޔަވެސްމެއެވެ.

ކުރިން ނުހަނު އުފާވެރި ދިރިއުޅުމެއްގައި އުޅެމުން އައި ނަޝާއާއި އޭނާގެ ބޭބެ ނާއިޝް ނިކަމެތިވީ، އޭނާގެ މަންމަގެ އަމިއްލަ އެދުންތަކުގެ ސަބަބުންނެވެ. އެމަންމަ ޤަޞްދުކުރީ އެހެން ބައެއްގެ ޙައްޤުތަކަށް އަރައިގަނެ، އެޙައްޤުތައް އެފަރާތްތަކުން ނިގުޅައިގަތުމަށްފަހު، އެދެބެންނަށް ދޭށެވެ. ނޫނީ އެމަންމަގެ މިލްކިއްޔާތަށް ގިނަކުރާށެވެ.

އެ އަމިއްލަ އެދުންތަކުގެ ހިތްދަތި ނަތީޖާ މިއަދު އެދެބެންނަށް ފެންނަނީ ބަރުދާސްތު ނުކުރެވޭފަދަ ހިތްދަތިކަމާ އެކުގައެވެ.

[ދަރިފުޅާ ނަޝާ...މަޑުކުރޭ...ދަރިފުޅާމެދު މަންމަމެންގެ ހިތުގައި އެއްވެސް ހިތްހަމަނުޖެހުމެއް ނެތް.] ނަޝާގެ ފަހަތުން ހިނގައިގަންނަމުން ނާޒިމާ ބުންޏެވެ.

[ނޫން...ބޮޑު މަންމާ...އެމަންމަގެ ސަބަބުން އަހަރެމެން މުޅި ދުނިޔެއިންވެސް ބާކީވެއްޖެ. ނުލާހިކު އުފާވެރި ޙަޔާތެއް ވޭތުކުރަމުން އައި ޢާއިލާ މުޅިން ބަރުބާދު ވެއްޖެ....އަހަރެންގެ މަންމައެއް....ބައްޕައެއް ނެތް...ކިތަންމެ ހިތްހަމަޖައްސަން އުޅުނަސް، އެކަމެއް ކުރެވޭކަށް ނެތް...] ނަޝާ ބާރުބާރަށް ރޮމުން ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓި ބޭރު ބަލައިލިއެވެ. އެއީ މަގުމަތީގެ ކާރޫބާރޫ އެންމެބޮޑު އެއް ވަގުތުވެސްމެއެވެ. އޭނާ އަދިވެސް ވިސްނަމުން ދަނީ މަންމަގެ އެ ކެހިވެރި ޢަމަލުތަކާ މެދުގައެވެ. ޝާޢިރާގެ ސަބަބުން އޭނާގެ ޙަޔާތުގައިވެސް ވަނީ ދުވަހަކުވެސް ފިލައިގެން ނުދާނޭފަދަ ލައްގަނޑެއް ޖެހިފައެވެ.

[އަހަރެން މިހާރު މިދުނިޔޭގައި އުޅެންވެސް ފޫހިވެއްޖެ. ފޫހިވެއްޖެ. އަހަންނަށް މިދުނިޔެއިން އެއްވެސް އުފަލެއް ލިބިދާނެ ކަމަކަށް އަހަރެން ނުދެކެން.] އެއީ ނަޝާގެ ދުލުން ބޭރުވި ފަހު ޖުމްލައެވެ. ދެން އެފެނުނީ އެ ހަތަރުބުރި ޢިމާރާތުގެ ކުޑަދޮރުން އޭނާ ބޭރަށް ފުންމާލި މަންޒަރެވެ. އެއީ އެއްވެސް މީހަކު ވިސްނިވެސް ކަމެއް ނޫނެވެ.

މަގުމަތީގެ ކާރުބާރު ބޮޑުވި ވަގުތު ކަމަށްވުމާއެކު، ނަޝާގެ ހަށިގަނޑު ބިންމަތީގައި ޖެހުނު ވަގުތު، ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ކާރުވެސް ދިޔައީ ނަޝާގެ ލެއިން ކަޅިވެފައިވާ ހަށިގަނޑު މަތިންނެވެ.

ނަޝާ ފުންމާލިތަން ފެނުމާއެކު، [މަގޭ ދަރިފުޅޭ] ކިޔާ ގޮވަމުން އިލްޔާސާއި ނާޒިމާ އަދި ޝާޢިރާވެސް ދުއްވައިގެންފިއެވެ.

ކާރު ދުއްވަން އިން ޑްރައިވަރުގެ އެއްވެސް ކުށެއް ޙަޤީޤަތުގައި ނެތެވެ. ނަމަވެސް ކަންދިމާވި ގޮތުން، ޑްރައިވަރަށްވެސް ލިބުނު ސިހުމާއި ބިރުވެރި ކަމާއެކު، އޭނާއަށްވެސް ކާރު ކޮންޓްރޯލް ނުވެގެން ގޮސް އިތުރު ނުރައްކާތެރި އެކްސިޑެންޓަކާ ކުރިމަތިވެ، ޑްރައިވަރަށް ވަރަށް ބޮޑެތި އަނިޔާތަކެއްވެ، އަދި ކާރަށްވެސް ވަރަށްބޮޑު ގެއްލުންވިއެވެ. އެކާރު ގޮސް ޖެހުނީ އެދިމާގައި ހުރި ގެއެއްގެ ފާރެއްގައެވެ. އެފާރުގެވެސް ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ. ކާރުވެސް އޮތީ އަލުން ބޭނުންކުރެވޭ ވަރަށްވުރެން ބޮޑަށް ހަލާކުވެ ސުންނާފަތިވެފައެވެ.

ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ނަޝާގެ ފުރާނައެއް ނެތެވެ. އޭނާގެ ސިފަވެސް ވަކިނުކުރެވޭވަރަށް މޫނުމައްޗަށާއި، ހަށިގަނޑުގެ އެކި ގުނަންތަކަށް ވަނީ ގެއްލުންވެފައެވެ.

އެޙާދިޘާއަކީ އެކްސިޑެންޓެއް ކަމަށް، ބައެއް ފަރާތްތަކުން ސިފަކުރި ކަމުގައިވިޔަސް، އެޙާދިޘާގެ ޙަޤީޤަތް، އެގޭތެރެއިން ބޭރުވެ، ބައެއް ފަރާތްތަކަށް އިވި، އިސާހިތު މުޅި ރާއްޖޭގެ ކަންކޮޅުތަކަށް ފެތުރިއްޖެއެވެ.

އެއީ މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އެއް ޙާދިޘާ ކަމުގައި ބައެއް މީޑިއާތަކުން ސިފަކޮށްފައިވެއެވެ. މިޙާދިޘާގެ އިތުރުން ރާއްޖޭގައި ހިނގި އެންމެ ނުރައްކާތެރި އެކްސިޑެންޓް އަދި އެންމެ ހިތްދަތި ޙާދިޘާގެ ގޮތުގައި ގިނަ ނޫސްތަކުން ފާހަގަކޮށްފައިވަނީ އައްޑޫ ލިންކް ރޯޑްގައި، އެއް ޢާއިލާއެއްގެ މަންމައަކާއި ދަރިފުޅާއި، ދެމާމަ ދަރިން ދަތުރުކުރި ކާރެއް ހޮޅިދަނޑިއެއްގައި މުޑިއަރައިގެން ހިނގި ހިތާމަވެރި ޙާދިޘާއެވެ. އެޙާދިޘާގައި ނިޔާވެފައިވަނީ ހިތްތިރި އޯގާތެރި މަންމައެކެވެ. އެއީ ބައްޕައެއްގެ އެހީތެރިކަމާނުލާ އެކަނިމާއެކަނި ސާދަ ކުދިން ބަލައި ބޮޑުކޮށްފައިވާ ތެދުވެރި، އަވަށްޓެރިން، އެހުރިހާ މީހުންގެވެސް ދައްތައެއްގެ ގޮތުގައި ސިފަކުރަމުން އައި އަވަށްޓެރިންނާ ގުޅޭ، އެމަންމަ ނިޔާވުމާ ގުޅިގެން މުޅި އަވަށަށް ފަޅުކަމާއި ހިތްދަތިކަން ލިބިގެންދިޔަ މަޔެކެވެ.

އަދި އަދަށް ދާންދެންވެސް އެ އެކްސިޑެންޓްގެ ހަނދާންތައް، އެޢާއިލާގެ މީހުންނާއި އަވަށްޓެރިންގެ ހިތަކުން ފިލައިގެނެއް ނުދެއެވެ.

ހަމަ އެގޮތަށް ނަޝާގެ މިޙާދިޘާއަކީވެސް ދިގުދެމިގެންދާނޭ ހަނދާންތަކެކެވެ. މިޙާދިޘާގައި ނިޔާވީ ހަމައެކަނި ނަޝާއެއް ނޫނެވެ. ހޮސްޕިޓަލްގައި ފަރުވާދެމުންދާތާ ތިންގަޑިއެއްހާއިރުތެރޭ ކާރު ޑްރައިވަރުވެސް ނިޔާވިއެވެ.

ނަޝާގެ މަރާ ގުޅިގެން ޝާޢިރާއަށް ލިބުނު ޝޮކާއެކު އޭނާ ގަނޑުވިއެވެ. ޙަޤީޤަތުގައި ޝާޢިރާއަށް މިހާރު ލިބިފައި އެވަނީ އޭނާގެ ކުށުގެ އަދަބެވެ. މީގެކުރިން އޭނާ އުޅެމުން އައިސްފައިވަނީ މޮޔައެއްގެ ސިފަ ޖެހިގެންނެވެ. ނަމަވެސް، ކަންދިމާކުރި ގޮތުން، ނަޝާގެ މަރުގެ ޙާދިޘާއަށްފަހު، އޭނާ މިހާރު ވެފައިވަނީ ޙަޤީޤަތުގައިވެސް ސިކުނޑި އުނި މީހެއްގެ ގޮތުގައެވެ. އެއީ އޭނާއަށް ލިބުނު ފިލާވަޅެކެވެ. ޢިބްރަތެކެވެ. އަނިޔާވެރި ކޮންމެ އިންސާނަކަށްވެސް އަމިއްލަ ކުށް އިޙްސާސް ކުރެވި، ޢިބްރަތް ލިބޭނެ ދުވަސް ފެންނާނެއެވެ.

[އަހަރެންގެ ބަނޑުން އުފަން ނުވިޔަސް، ނަޝާއަކީ އަހަރެންގެ އުފަން ދަރިއެއް ފަދައިން އަހަރެން ދެކޭ ކުއްޖެއް. އެމަންޖެވެސް ޝާޢިރާގެ ސަބަބުން ދުނިޔެ ދޫކޮށް އެދިޔައީ.....] ނަޝާގެ މަރާ ގުޅިގެން އެންމެ ބޮޑަށް ހިތާމަކުރާ އެކަކީ ނާޒިމާއެވެ. އޭގެފަހުން ދެހަފްތާ ފާއިތުވެގެންދިޔައިރުވެސް ނާޒިމާ ހަމައަކަށް ނޭޅެއެވެ.

[ނާޒިމާ...ދެން ހިތާމަކުރިޔަސް، ކިތަންމެ ވަރަކަށް ރުޔަސް، އެމަންޖެއެއް ނާންނާނެ. އަހަންނަށްވެސް އަސަރު ނުކުރާތީއެއް ނޫނޭ މިހެން ކޮއްޅަށް މިހުންނަނީ. އެކަނިވާ ކޮންމެ ވަގުތެއްގައިވެސް އަހަންނަށް އެދަރިފުޅުގެ މަތިން ހަނދާންވެ، ލޮލުން ކަރުނަ އާދޭ...] ނާޒިމާގެ ދެލޯ ފޮހެދެމުން އިލްޔާސް ބުންޏެވެ. އޭރު އޭނާގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.

އެހިތާމަވެރި ޙާދިޘާގެ ސަބަބުން ނާއިލާއި ޒޭނާގެ ކައިވެނިވެސް، ވަކި މުއްދަތެއް ނެތި ފަސްކުރެވުނެވެ. އެއީ ޒޭނާއާއި ނާއިލްވެސް ބޭނުންވި ގޮތެވެ.

[އަޞްލު ޝާޢިރާ މަންމަގެ މަކަރުވެރި ރޭވުންތަކުގެ ސަބަބުން ނަޝާއަށް މާބޮޑަށް ހިތްދަތިކަން ލިބުނީ. އެހިތްދަތިކަން އޭނާއަށް ބަރުދާސްތު ނުކުރެވުނީ.] ނާއިލް ވާހަކަ ދެއްކީ އޭނާގެ ލޯބިވެރިޔާ ޒޭނާއާއެވެ.

[އޭގެ ފުރިހަމަ ޒިންމާ، ޝާޢިރާ މަންމަ ނަގަންޖެހޭނެ. މިޢާއިލާ ހަލާކުކުރި މީހަކީ އެއީ....އަހަރެންގެ ހިތަކު ނެތް ދުވަހަކުވެސް އޭނާއަށް މަޢާފް ކުރާކަށް. ޙަޤީޤަތުގައި އަހަރެން ބޭނުމެއް ނޫން، އޭނާ މިގޭގައި ބައިންދާކަށްވެސް. އެކަމަކު މަންމަގެ ހެޔޮކަން ބޮޑުކަމުން އެކަމެއްވެސް ނުކުރެވޭނެ.] ނާއިލް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

[ޙަޤީޤަތުގައިވެސް ނާއިލް މަންމައަކީ ވަރަށް ހެޔޮ އޯގާތެރި، މަޢާފް ކުރަން ދަންނަ، އިސްލާމީ ރިވެތި އުޞޫލު ގެންގުޅޭ، ޚުލްޤު ހެޔޮ މީހެއް. އެނޫން އެހެން އެއްވެސް މީހަކު ޝާޢިރާ މަންމަފަދަ މީހަކަށް މަޢާފެއް ނުކުރާނެ.] ޒޭނާވެސް ނާއިލްގެ ވާހަކައަށް ތާއީދު ކުރިއެވެ.

މިހާރުވެސް ޝާޢިރާ އުޅެމުން ދަނީ އެގޭގައެވެ. ޝާޢިރާގެ ދަރިފުޅު ނާއިޝްވެސް ހީކޮށްގެން ހުންނަނީ ޝާޢިރާ މިހާރުވެސް މޮޔައެއްގެ ސިފަޖެހިގެން އުޅެނީ ކަމަށެވެ. ނަމަވެސް، ޙަޤީޤަތަކީ އެއީއެއް ނޫނެވެ. އޭނާގެ ކަމަކީ މިހާރު އަބަދުވެސް ނަޝާގެ ފޮޓޯގަނޑަކަށް ބަލަންހުރެ ރުއިމެވެ. މަދު ފަހަރެއްގައި ނޫނީ އެއްވެސް އެއްޗެއް ނުކައެވެ. އެހެންވުމުގެ ސަބަބުން ދުވަހެއް ދުވަހަކަށް އޭނާގެ ހަށިގަނޑުވެސް އައީ ނިކަމެތިވެ އަނަރޫފަވަމުންނެވެ.

[އިލްޔާސް، ޝާޢިރާ ޑޮކްޓަރަކަށް ދައްކަން ވެއްޖެހެން ހީވަނީ. އޭނާގެ ހަށިގަނޑުވެސް ވަރަށް ނިކަމެތިވެއްޖެ. އޭނާ އަހަރެމެންނާ ދޭތެރޭ ކިތަންމެ ނިކަމެތިކޮށް ކަންތައް ކުރި ކަމުގައިވިޔަސް، އަހަރެމެން އެގޮތަކަށް ޢަމަލުކުރާކަށް ނުވާނެ. އެއީ އަހަރެމެންގެ މާތްވެގެންވާ އިސްލާމީ އުޞޫލާ ޚިލާފު ކަމެއް.] ނާޒިމާ، އިލްޔާސާ ވާހަކަ ދެއްކީ އިލްޔާސް ރިސޯޓްގައި ހުރެފައި ގެއަށް އައިސް ވަނުމާ އެކުގައެވެ.

[ނާޒިމާ އަމިއްލައަށް ތިކަން ކުރަންޏާ ކުރޭ. ތިކަމުގައި އަހަރެން ޝާމިލް ކުރުވަން އުޅޭނެ ކަމެއް ނެތް.] އިލްޔާސް ވަރަށް ފަރުވާކުޑަ ރާގަކަށް މިހެން ބުނެފައި ގޮސް ކޮޓަރިއަށް ވަނެވެ.

އެދުވަހު ނާޒިމާ ނިންމީ ރަނގަޅު ޑޮކްޓަރަކު އެގެޔަށް ގެނެސް ޝާޢިރާއަށް ފަރުވާކުރާށެވެ. އެކަމުގައި އޭނާ ނާއިލްގެ ލަފައެއްވެސް ނުހޯދައެވެ. އެއީ ނާއިލް ރުހޭނޭ ކަމެއް ނޫންކަން އެނގޭތީއެވެ.

އޭނާގެ ކޮއްކޮ އަދި ޒޭނާގެ ބައްޕަ ޔޫސުފްވެސް އެކަމުގައި ނާޒިމާއަށް އެހީތެރިވާކަށް ބޭނުމެއް ނުވިއެވެ. އޭނާ ބުނަނީ ދެންވެސް ޝާޢިރާގެ ޞިއްޙީ ޙާލު ރަނގަޅުވުމާއެކު، ޙީލަތްތެރިކަން އޭނާގެ ބޮލަށް ސަވާރުވާނޭ ކަމަށެވެ. ޝާޢިރާ އިޞްލާޙްވެދާނޭ ކަމަށް ޤަބޫލުކުރާކަށްވެސް އޭނާ ބޭނުމެއް ނޫނެވެ. އޭނާ އެކަންޏެއް ނޫނެވެ. އެޢާއިލާގެ އެއްވެސް މީހަކު އެކަން ޤަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ.

[އޭނާ ބަދަލުނުވިޔަސް، އޭނަޔަށް ގޯސް ހަދާނޭ ފުރްޞަތު، މިގޭތެރެއިން ނުލިބެންޏާ، އޭގެ ފައިދާއެއް ނުކުރާނެ. މިހާރު އެޒަމާން ހިނގައްޖެ.] ޔޫސުފާ ވާހަކަ ދައްކަމުން ނާޒިމާ ބުންޏެވެ.

ނާއިލްގެ ކައިވެނި ފަސްވެއްޖެކަން އެނގުމާއެކު، ޢައިޝާ މިހާރު ހިސާބަކަށް އެގެއަށް އައިސް ނާއިލާ ފޯނުން ގުޅައިގެން ވާހަކަ ދައްކާ ހަދައެވެ. އެހެން ނަމަވެސް ލޯބީގެ ވާހަކައެއް އޭނާ އެއްވެސްއިރެއްގައި ނުދައްކައެވެ. އެކަމަކު މިހާރު އަނެއްކާވެސް އޭނާގެ މަޤްޞަދަކީ އޭނާގެ ލޯބި ޙާޞިލް ކުރުމެވެ. އެގޮތުން ޒޭނާއާ ވާހަކަ ދައްކާނޭ ވަގުތު މަދުކޮށް، އެފުރްޞަތު ހަނިވޭތޯ އޭނާ ވަރަށް ބޮޑަށް މަސައްކަތް ކުރަން ފެށިއެވެ.

[އަހަރެން މިދަނީ ޒޭނާއާއެކު މިރޭ ޑިނަރއަކަށް ދާން. ކުއްލިއަކަށް ކިހިނެއްވީ ޢައިޝާ.....] ނާއިލް ވާހަކަ ދެއްކީ ޢައިޝާއާއެވެ. ފޯނުންނެވެ.

[އަޅެ ދުވަހަކުވެސް އަހަންނަށް ކަމެއް ކޮށްދެންޏާ، ބީޗްގާޑްން ރެސްޓޯރެންޓަށް އައިސްބަލަ ހަމަ މިހާރު އިނގޭ....] ޢައިޝާ އެދުނެވެ.

[އަހަރެން ޒޭނާއަށް ގުޅާފައި ބުނަން އެބަޖެހޭ...މިފޯނުގެ ޗާޖްދަނީ.....] އެހާ ހިސާބުން ނާއިލްގެ ފޯނު ކެނޑުނެވެ. ޗާޖް ހުސްވެގެން ފޯން އޮފްވީއެވެ. އޭރު އޭނާ ހުރީ އެގޭގެ ދޮރުމަތީގައެވެ. ވުމާއެކު، އޭނާ ކާރަށް އަރައިގެން ފުރަތަމަ ދިޔައީ ޢައިޝާ ބުނި ރެސްޓޯރެންޓަށެވެ. އޭނާ ޒޭނާއަށް ގުޅީ އެ ރެސްޓޯރެންޓްގައި ހުރެ ޢައިޝާ ފޯނުންނެވެ.

[މިރޭ ޑިނަރ ކެންސަލް...ދޮގެއް ތަންކޮޅެއް ފަހުން ދާނަން އިނގޭ. އަހަރެންގެ ފޯނު ޗާޖް ހުސްވެގެން ނިވިފައި އޮތީމާ، ޢައިޝާ ފޯނުން މިގުޅީ....] ނާއިލްގެ ވާހަކައިން ޒޭނާއަށް ހިސާބެއްގެ ސިހުމެއް ލިބުނެވެ.

[ޢައިޝާގެ ފޯނުން؟ ކޮންތާކުބާ އެއުޅެނީ.] ނާއިލް ފޯނު ބޭއްވީމާ ޒޭނާއަށް ހިތާހިތާ ސުވާލުކޮށްލެވުނެވެ. އެވަގުތު ޒޭނާ ވަރަށް ފުންކޮށް ވިސްނިއެވެ. ކުއްލިއަކަށް ޢައިޝާއާއެކު ނާއިލް ތަނަކަށް ދާންޖެހުނީ ކީއްވެގެންބާއޭ އޭނާގެ ހިތަށްއެރިއެވެ. ނަމަވެސް، ނާއިލްގެ ފޯނު އޮތީ އޮފްކޮށްފައެވެ. ވުމާއެކު، ދެން އޭނާ ގުޅީ ޢައިޝާގެ ފޯނަށެވެ. ޒޭނާ ގުޅާކަން އެނގުމާއެކު، ފޯނު ބިޒީކޮށްލުމަށްފަހު، ޢައިޝާ ސައިލެންޓަށްލިއެވެ. އެއަށްފަހު ފޯނު އަތްދަބަހަށްލާ ފޮރުވިއެވެ.

ޢައިޝާ ފޯނަށް ޖަވާބު ނުދިނުމުން ޒޭނާ ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވިއެވެ. ޙަޤީޤަތުގައި އޭނާއާއި ނާއިލްގެ ލޯތްބަށް ހުރަސްއެޅޭނޭ އެއްވެސް ކަމެއް މެދުވެރިވުމަކީ، އޭނާ އެދޭ ކަމެއް ނޫނެވެ. ތަކުރާރުކޮށް އެތައްފަހަރަކު އޭނާ ގުޅީމާވެސް ޢައިޝާ ފޯނެއް ނުނެގިއެވެ.

އެހެން ނަމަވެސް، އެހާވަރަކަށް އޭނާ އަދި ނާއިލަކަށް ޝައްކެއް ނުކުރެއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި ނާއިލަކީ ތެދުވެރި ވަފާތެރިއެކެވެ. ފަސޭހަ ގޮތެއްގައި ނާއިލް ބަދަލު ނުކުރެވޭނޭކަންވެސް އޭނާއަށް އެނގެއެވެ. ނުވަތަ އޭނާ އެގޮތަށް ޤަބޫލު ކުރެއެވެ. ޙަޤީޤަތުގައި އޭނާއާއި ނާއިލްގެ ލޯބި ފެށިގެން އައި ގޮތުންނާއި، މިއަދާ ހަމައަށް ނާއިލް ދައްކާދީފައިވާ ނަމޫނާއެއްގެ ސަބަބުން އެކަން އެގޮތަށް ޤަބޫލުކުރަން އޭނާއަށް މަޖުބޫރުވާ ކަހަލައެވެ.

[ނާއިލަށް އަހަރެން ޝައްކެއް ނުކުރަން. އެއްވެސް މީހަކަށް އަހަންނާ ނާއިލްގެ ލޯތްބަށް ހުރަހެއްނޭޅޭނެ. ނާއިލް އަހަރެންދެކެ ވަނީ ތެދުވެރި ލޯތްބެއް.] ޒޭނާއަށް ހިތާހިތާ ކިޔާލެވުނެވެ. ނާއިލްގެ ލޯތްބާމެދު އޭނާގެ ހިތުގައި ކުޑަކޮށްވެސް ޝައްކެއްނެތެވެ.

އެހެން ނަމަވެސް، އެއްވެސް މީހަކަށް މާބޮޑަށް އިތުބާރު ކުރުމަކީ، ބައެއް މީހުނަށް ކުރެވޭ މޮޔަކަމެކެވެ. އިތުބާރު ކުރަންވެސްވާނީ ވަކި މިންވަރަކަށެވެ. މާބޮޑަށް އިތުބާރުކޮށް، އަނެކަކު ގެއްލުމުގެތެރެއަށްދާ ވަރަށް ތަޢުރީފު ކުރާކަމަށްވާނަމަ، ވަރަށްގިނަފަހަރު އެއިތުބާރާއި ތަޢުރީފުގެ ފައިދާ، ނާޖާއިޒު ގޮތުގައި ނަގަމުންދަނީކީވެސް މަދު ބައެއް ނޫނެވެ. އެއީ ދުނިޔަވީ ޙަޔާތުގައި ލިބޭ ކުޑަކުޑަ މުއްދަތުގައި ޢާންމުކޮށް ހިނގާ ކަންތައްތަކެވެ. އެންމެ ބުއްދިވެރި މީހާއަކީ އެފަދަ ކަންކަމަކީވެސް ހިނގާފާނެ ކަމެއް ކަމަށް ޤަބޫލުކޮށް، ދިރިއުޅުން ބައްޓަންކުރާ މީހާއެވެ.

ހަމަގައިމުވެސް ޒޭނާ، އޭނާގެ ޙަޔާތުގައި އެފަދަ ކަމެއް ދިމާވެދާނޭ ކަމަކަށް ކުޑަކޮށްވެސް ނުވިސްނައެވެ. ޙަޤީޤަތުގައި ޒޭނާ އެކަންޏެއް ނޫނެވެ. ނާއިލްވެސް އޭނާ އެހެން މީހެއްގެ ދަލުގައި ޖެހިދާނޭ ކަމަކަށް ނުވިސްނައެވެ. އޭނާ ދެކޭގޮތުގައި އޭނާއަކީ ޒޭނާއަށްޓަކައި ދުނިޔެއަށް އައި މީހެކެވެ.

ޒޭނާ ނޫން މީހަކަށް އޭނާގެ ލޯތްބެއް ނުވެސް ދެވޭނެއެވެ. ނުވެސް ހޯދޭނޭ ކަމަށްވެސް އޭނާ ދެކެއެވެ. ނަމަވެސް، ދުނިޔޭގެ ކަންކަން އެނބުރެމުން ބަދަލުވަމުންދާއިރު، ކަމެއް ފުރޮޅާލުމަކީވެސް ހިނދުކޮޅެއްގެ ކަމެކެވެ.

ޤުދްރަތުގެ ރޭވުމަކީ އެއްވެސް އިންސާނަކަށް ބާރުފޯރުވޭނޭ ކަމެއް ނޫނެވެ. ޤުދްރަތުން ކުރަހާލާ ކޮންމެ ގޮތަކީ އެއީ ކޮންމެ މީހަކުވެސް ޤަބޫލުކުރަންޖެހޭނެ ގޮތެވެ.

(ނުނިމޭ)


ކިޔުންތެރިންގެ ހިޔާލު


5

ސިޔާދު

18-May-2020

އަޅެ ނަޝާ މަރުނުވިނަމަ މިފަހަރު ހަމަ އަސްލަށް ވެސް ތި ޝާއިރާ މޮޔަވެފަ ބަ؟ ނުލަފާ އަމިއްލަ އެދުން ބޮޑު އަންހެނެއް އިންޑިއާ ފާޑު މީހެއް


4

ސަމާ

18-May-2020

މިފަހަރު މާ އަވަސް ޝާއިރާ ބަސްޓް ވީލެއް ދުވަސް ކޮޅެއް ނެގިނަމަ ފައްކާވީސް ނަޝާ މަރުވީމާ އަހަރެން ވެސަ ވަރަށް ރުއިން ދެރަވެސް ވޭ އަދިވެސް


15

ޖުވޭ

18-May-2020

ހަބޭސް މިބައި ވެސް


13

ސަމާ

18-May-2020

ޖުމުލަކޮށް ވަރަށް ފުރިހަމަ ވާހަކަ އެއް މީ ޝައުގުވެރިކަން ނުގެއްލި އެބަކިޔާލެވޭ މޫސާސާއިދުގެ މަށަށް އެއްމެ ރީތި އެއް ވާހަކަ މީ ސަރާ އެކަމަކު ސަރާ ވަރެއް ނުވޭ



ޓްރެންޑިން