ހިޔާ ފްލެޓްގެ އަގުބޮޑުވެ، ދައުލަތަށް ގެއްލުން ބޮޑުވީ މި ސަރުކާރުގެ ސަބަބުންކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ އަދި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުއިއްޒު މިހެން ވިދާޅުވީ ހިޔާ ފްލެޓްގެ އަގުތައް ކުރީ ސަރުކާރުން ކަނޑައެޅީ ގޯސްކޮށްކަމަށް ބުނެ އޮޑިޓަރ ޖެނަރަލް ރިޕޯޓެއް އާއްމު ކުރެއްވުމުންނެވެ. އެ ރިޕޯޓުގައި މައިގަނޑު ގޮތެއްގައި އޮޑިޓަރ ޖެނަރަލް ވިދާޅުވެފައި ވަނީ ރައްޔިތުންނަށް އަގުހެޔޮކޮށް ފްލެޓް ދިނުމަށް ކުރީ ސަރުކާރުން ކަނޑައެޅި އަގުގެ ސަބަބުން ދައުލަތަށް ބޮޑު ބުރައެއް އުފަލަން ޖެހުނީސްކަމަށެވެ.

މިކަމާއި ގުޅޭގޮތުން ރަސް އޮންލައިނުން ސުވާލު ދެންނެވުމުން މުއިއްޒު ވަނީ އެކަމާއި ގުޅޭ ތަފްސީލީ ލިޔުންތަކެއް ފޮނުއްވާފައެވެ. އެ ލިޔުންތަކުގައިވާ ގޮތުން ކުރީ ސަރުކާރުން ހިޔާ ފްލެޓްގެ އަގު ހަދާފައިވަނީ ފިނިޝިންވެސް ހިމެނޭގޮތަށް އަދި އެޗްޑީސީއަށް ފައިދާވެސް ވާނެ ގޮތަށެވެ. އޭގެ ބަދަލުގައި މި ސަރުކާރުން 4 ޕަސެންޓުގައި ހުރި ލޯނުގެ އިންޓްރެސްޓް 7 ޕަސެންޓުގައި ޖަހައިގެން ކުލި ބޮޑުކޮށްފައިވާކަމަށް މުއިއްޒު ހިއްސާކުރެއްވި ލިޔެކިޔުންތަކުން އެނގެއެވެ.

މީގެއިތުރުން ހިޔާ ފްލެޓްތައް ހަވާލުކުރުން އެތައް ދުވަހެއް ލަސްވުމުންވެސް ފްލެޓްތަކުގެ އިންޓްރެސްޓަށް 12 މިލިއަނެއްހާ ޑޮލަރު އިތުރުވެފައިވާއިރު، އެއީވެސް ރައްޔިތުންނަށް މި ސަރުކާރުން ޖެއްސި ބުރައެއްކަމުގައި މުއިއްޒު ވިދާޅުވެފައި ވެއެވެ.

މިކަންކަމުގެ އިތުރުންވެސް މި ސަރުކާރުން ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އެއްބަސްވުންތަކަށް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުންވެސް އެކަމުގެ ގެއްލުން ދައުލަތަށް ކުރިމަތިވާނޭކަމަށް އެލިޔެކިޔުންތަކުން އެނގެއެވެ.

ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށްދިނުމަށް އެދި މަޖިލިހަށް ހުށަހެޅި ޕެޓިޝަނުގެ މައްސަލައިގައި ކުރިޔަށްދިޔަ ކޮމިޓީ ބައްދަލުވުމުގައި މީގެކުރިން މުއިއްޒު ވަނީ ކުރީ ސަރުކާރުން ޖެހި ހިސާބު ދިފާއުކުރައްވާފައެވެ. އަދި މި ސަރުކާރުން ހަތަރު ޕަސެންޓުގައި ހުރި ލޯނުގެ އިންޓްރެސްޓް ހަތް ޕަސެންޓުގައި ޖެހުމުން ކުލި ބޮޑު ވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

"ނެގި ލޯނުތަކުގެ އިންޓްރެސްޓް ރޭޓު ހުންނާނީ ހަތަރު ޕަސެންޓުގައި. މި ސަރުކާރުން އިންޓްރެސްޓް ރޭޓު ގެންގުޅެނީ ހަ ޕަސެންޓާ ހަތް ޕަސެންޓުގަ. އެހެންވީމަ އަގު ބޮޑު ވާނެ ނޫންތޯ؟" މުއިއްޒު ވިދާޅުވިއެވެ.

އޮޑިޓް ރިޕޯޓްގައިވާ ގޮތުން އެޗް.ޑީ.ސީން މި އަހަރު ކަނޑައެޅި 11000 ރުފިޔާގެ އަގާއި، ކުރީގެ ސަރުކާރުން ކަނޑައެޅި 6600 ރުފިޔާގެ ހިސާބާއި، މާލޭ ސިޓީގެ އައު ކައުންސިލުން ކަނޑައެޅި 5548 ރުފިޔާގެ ހިސާބުގެ އިތުރުން މި ސަރުކާރުން ކަނޑައަޅާފައިވާ 8500 ރުފިޔާ ކަނޑައެޅުމުގައި ގެންގުޅެފައިވާ އަސާސްތައް ވަނީ ދިރާސާކޮށްފައެވެ.

މި ރިޕޯޓުގައިވާ ގޮތުން 6600 ރުފިޔާއާއި 6500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، ގާތްގަނޑަކަށް ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފަސް ސަތޭކަ ތިރީސް ދެ ރުފިޔާގެ ދަރަނި އަރާނެއެވެ.

ކުރީ ސަރުކާރުން ހިޔާ ފްލެޓް އިމާރާތް ކުރި އެންމެ މުހިއްމު މަގްސަދަކީ ކުދިކުދި ތަންތަންކޮޅުގައި އުޅެމުންދިޔަ ނިކަމެތި މީހުންނަށް ރަނގަޅު ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމެވެ. އަދި އެތަންތަނަކީ ސޯޝަލް ހައުސިންގއަށް ފެތޭ، އަދި އަތްފޯރާ އަގުގައި ލިބޭނެ ތަނެއްކަން ރައީސް ޔާމިންގެ ސަރުކާރުން އޮތީ ކަށަވަރުކޮށްދީފައެވެ.

އެގޮތުން ފިނިޝިންގ މަސައްކަތާއެކު 6000 ވަރަކަށް ރުފިޔާ މަހަކު ދައްކާ އަގު ޚަލާސް ކުރާގޮތަށް ފްލެޓްތައް ދިނުމަށް ނިންމައި އެކަން އިޢުލާންކޮށްފައި ވަނިކޮށް، ރައީސް ސާލިހުގެ ސަރުކާރުން އެތަންތަނުގެ ކުލި 8500 ރުފިޔާއަށް ބޮޑުކުރުމަށްފަހު ހަވާލުކުރީ ފިނިޝިންގ މަސައްކަތް ނުނިންމައެވެ. މިސަރުކާރުން ކުރިން ބުނެފައިވަނީ ހިޔާ ފްލެޓްގެ އަގު 11 ހާހުން މައްޗަށް އަރާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން