ޒަހީނުއްދީން ސަޢީދު   25 އޮކްޓޯބަރު 2021 - 0:42
ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި ކުރިއަށްދާ އެކްސްޕޯ 2020 ގައި ބައިވެރިވެވަޑައިގެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު، ރަސްމީ ދަތުރުފުޅެއްގައި ދުބާއީއަށް ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން ދުބާއީއަށް ފުރާވަޑައިގެންނެވީ މިއަދު ހަވީރުއެެވެ. ރައީސްގެ މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި މަތީ ފަންތީގެ ވަފުދެއް ބައިވެރިވެ ވަޑައިގެންނެވިއެވެ. އެގޮތުން މި ވަފުދުގައި ކެބިނެޓް މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ވެރިންނާއި، ސަރުކާރުގެ އިދާރާތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސްގެ މިދަތުރުފުޅުގައި، އެކްސްޕޯގައި ފާހަގަކުރުމަށް ހަމަޖެހިފައިވާ ރާއްޖޭގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ޝަރަފުގައި ޔޫ.އޭ.އީގެ ސަރުކާރުން ދެއްވާ ޖާފަތެއްގައި ބައިވެރިވެވަޑައިގެންނެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 26 އޮކްޓޫބަރު 2021 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމްގައި ކީނޯޓް ސްޕީކާއެއްގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އެއަށްފަހު ސުވާލާ ޖަވާބު ޕެނަލެއްގައި އެމަނިކުފާނު ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޔޫ.އޭ.އީގައި ދިރިއުޅޭ ރާއްޖޭގެ ޑިޕްލޮމެޓުންނާއި ރާއްޖޭގެ އާއިލާތަކާއި ބައްދަލުކޮށްލެއްވުމަށްވަނީ ހަމަޖެހިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުބާއީއަށް މި ކުރައްވާ ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމުން އެމަނިކުފާނުގެ އަނބިކަނބަލުން އެދުވަހު ވަޑައިގަންނަވާނީ ދިވެހިރާއްޖެއަށެވެ. އަދި 27 އޮކްޓޫބަރު 2021 ވާ ބުދަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ދުބާއީއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ، ސްކޮޓްލެންޑްގެ ގްލާސްގޯގައި ބާއްވަން ހަމަޖެހިފައިވާ ކޮޕް 26 ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވުމަށެވެ. އަދި މިދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީސްގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވެސް ބައިވެރިވެވަޑައިގެންނެވުމަށްވަނީ ހަމަޖެހިފައެވެ.

އެކްސްޕޯ 2020 އަކީ މުޅި ދުނިޔެއަށް އަމާޒުކޮށް ކޮންމެ ފަސް އަހަރަކުން ބާއްވާ އިވެންޓެކެވެ. މި އިވެންޓް މިފަހަރު ކުރިއަށްގެންދަނީ 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 އަށް ދުބާއީގައެވެ. މި ފަހަރު މި ބާއްވާ އެކްސްޕޯ 2020 ދުބާއީ ގެ ޝިއާރަކީ "ކަނެކްޓިންގ މައިންޑްސް އެންޑް ކްރިއޭޓިންގ ދަ ފިއުޗަރ" އެވެ. ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އެކްސްޕޯގައި މުޅި ދުނިޔެއިން 192 ޤައުމު ބައިވެރިވާނެ ކަމަށް މައުލޫމާތު ލިބިފައި ވެއެވެ. 


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން