ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހަށް، ރައްޔިތުންގެ މަޖިލިީހުގެ ރައީސް، މުހައްމަދު ނަޝީދު ޝުކުރު އަދާކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހަންމަދު ނަޝީދު، ރައީސް އިބްރާހިމް މުހަންމަދު ސާލިހާ މިއަދު ވަނީ ރައީސް އޮފީހުގައި ބައްދަލުކުރައްވާފައެވެ. ރައީސް އޮފީހުން ބުނީ މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވި ކަމަށެވެ. އެ ބައްދަލުވުމަށްފަހު އެމްޑީޕީގެ ރައީސް، ރައީސް މުހަންމަދު ނަޝީދު ވަނީ ރައީސް ސާލިޙު އެމަނިކުފާނާ ބައްދަލުކޮށްލެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.



"އިރާދަކުރެއްވިޔާ ހުރިހާ ކަމެއް ވެސް ދާނީ ރަނގަޅަށް." ރައީސާއި ބައްދަލު ކުރެއްވުމަށްފަހު އުއްމީދީ މެސެޖެއް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ރައީސް ސާލިޙާއި ދެމެދު އެންމެ ބޮޑަށް ޚިޔާލު ތަފާތުވުން އުފެދުނީ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މައްސަލައިގައެެވެ. ނިޒާމް ފޮރުޅާލައި ބޮޑުވަޒީރަކަށް ވެވަޑައިގަތުމުގެ ޝައުގުވެރިކަން ރައީސް ނަޝީދު ވަނީ ފާޅުކުރައްވާފައެވެ. އެހެންނަމަވެސް ރައީސް ސާލިޙު ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ. އަދި މިއީ އެފަދަ ކަމެއް ކުރުމަށް އެކަށޭނަ ވަގުތެއްވެސް ނޫން ކަމަށެވެ. އެމަނިކުފާނުގެ ހުރިހާ ވިސްނުންފުޅަކާއި މަސައްކަތްޕުޅެއް ވެސް އަމާޒުކުރަށްވާފައިވަނީ ވެވަޑައިގެންނެވި ވަޢުދުތައް ފުއްދެވުމަށް ކަމަށެވެ.

ރައީސް އޮފީހުން ބުނީ މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދާއި ރައީސް ސާލިޙު ރާއްޖޭގެ އިޤްތިޞާދީ ދާއިރާގެ ކަންކަމާ ބެހެގޮތުންނާ އަދި ތިމާވެއްޓަށް އަންނަ ބަދަލުތަކާއި، ތިމާވެށި ޙިމާޔަތްކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާފައިވާ ކަމަށެވެ.

ރައީސް ނަޝީދާއި ރައީސް ސާލިހު ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައި މިވަނީ ދެ ބޭފުޅުންގެ ގުޅުން ގޯސްވެފައި އޮތުމަށްފަހު އަނެއްކާވެސް އެ ގުޅުން ރަނގަޅުވަމުންދާކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ބޭސް ފަރުވާއަށްފަހު ރައީސް ނަޝީދު މާލެ ވަޑައިގަތުމުން އެއަރޕޯޓުން ރައީސް ނަޝީދަށް މަރުހަބާ ވިދާޅުވީ ސީދާ ރައީސް ސާލިހެވެ.

ދެބޭފުޅުންގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއެކު ރައީސާއެކު އޮތް ސިޔާސީ ގުޅުން ކަނޑުއްވާލެއްވި ކަން ދާދިފަހުން އިއުލާންކުރެއްވުމަށްފަހު ރައީސް ނަޝީދު ފަހުން ވިދާޅުވެފައިވަނީ ރައީސް އާއެކު ސިޔާސީ މަސައްކަތް ކުރެއްވޭނެ ކަމަށެވެ. އަދި ސަރުކާރުގެ އެކި ކަންކަމާއި މަޖިލީހަށް ހުށައަޅާ ބިލްތަކާއި ގުޅޭގޮތުން ރައީސްގެ މަޝްވަރާއާއި ޚިޔާލު ހޯއްދަވާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން