ހިޔާގެ ފްލެޓްގެ ވާހަކަ ސަރުކާރުން ދައްކަނީ އިންޑިއާ ސިފައިންނާއި ދެކޮޅަށް އަޑު އުފުލަން ނުކުތުމުން ރައީސް ޔާމީނާމެދު ނަފްރަތު އުފައްދަންކަމަށް ޕީޕީއެމްގެ ނާއިބު ރައިސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިހެން ވިދާޅުވެފައި މިވަނިީ އިއްޔެ ޕީޕީއެމުން އިސްނަގައިގެން ބޭއްވި ބޮޑު ހިނގާލުމުގައި އެތައް ސަތޭކަ ބަޔަކު ބައިވެރިވެފައިވަނިކޮށް، ކުއްލިއަކަށް ހިޔާ ފްލެޓާ ގުޅޭ އޮޑިޓް ރިޕޯޓެއް ނެރެ ސަރުކާރުން އަނެއްކާވެސް ހިޔާ ފްލެޓްގެ ވާހަކަ ދައްކަން ފެށުމުންނެވެ.



ޝިޔާމް ވިދާޅުވީ ހިޔާ ފްލެޓުގެ ނެގަޓިވް ވާހަކަ ދައްކަން ފެށީ އެއްބަސްވުންތަކެއް ހަދައި ބޭރު ސިފައިން މިޤައުމުގައި ބައިތިއްބައިގެން އެކަމާއި ދެކޮޅަށް ދިވެހިން ނުކުމެ އަޑުއުފުލަން ފެށުމުންކަމަށެވެ. އަދި ހިޔާ ފްލެޓުގެ ނެގަޓިވް ވާހަކަ ހަދައި، ރައްޔިތުންގެ ހިތުގައި ރައީސް ޔާމިނަށް ނަފްރަތު އުފައްދަން ސަރުކާރުން މީޑިއާތަކަށް އަންގާފައިވާކަމަށް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް އެކަމުން ސަރުކާރަށް ލިބޭނެ ކާމިޔާބެއް ނޯންނާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އެއްބަސްވުންތަކެއް ހަދައި ބޭރު ސިފައިން މިޤައުމުގައި ބައިތިއްބައިގެން އެކަމާއި ދެކޮޅަށް ދިވެހިން ނުކުމެ އަޑުއުފުލަން ފެށުމުން ސަރުކާރުން މީޑިއާތަކަށް މިއަންގަނީ ހިޔާ ފްލެޓުގެ ނެގަޓިވް ވާހަކަހަދާ ރައްޔިތުންގެ ހިތުގައި ރައީސް ޔާމިނަށް ނަފްރަތު އުފައްދަން. ތިއެއް ނުހިނގާނެ." ޝިޔާމް ވިދާޅުވިއެވެ.



ޕީޕީއެމްގެ ހިނގާލުން އިއްޔެ ނިމުނު ތަނާހެން އޮޑިޓަރ ޖެނެރަލް ވަނީ ހިޔާ ފްލެޓާއި ގުޅޭ އޮޑިޓް ރިޕޯޓެއް ނެރުއްވާފައެވެ. ރިޕޯޓްގައި މައިގަނޑުގޮތެއްގައި އޮތީ ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން އަތްފޯރާ ހެޔޮ އަގުތަކެއް ކަނޑައެޅީ ގޯސްކޮށްކަމަށެވެ. އަދި ކުރީގެ ސަރުކާރުން ކަނޑައެޅިގޮތަށް ރައްޔިތުންނަށް އަގުހެޔޮކޮށް ފްލެޓް ދީފިނަމަ ސަރުކާރަށް ގެއްލުންވާނޭކަމަށް އެ ރިޕޯޓްގައިއޮތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން