ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓްގައި ފާހަގަކޮށްފައިވާ މައްސަލަތަކުގެ ތެރެއިން ފިޔަވަޅު އަޅަންޖެހޭ ކަންކަމުގައި ފިޔަވަޅު އަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނެފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ އޮޑިޓަރ ޖެނަރަލްގެ ހިޔާ ރިޕޯޓްގައި ސަރުކާރުން މީގެކުރިންވެސް ފާހަގަކުރި މައްސަލަތައް ވަރަށް ރަނގަޅަށް ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން އެ ރިޕޯޓް ދިރާސާކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކަށް ފިޔަވަޅު އަޅާނެކަމަށް މަބްރޫކް ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ހިޔާ ފްލެޓްތަކަށް މަހަކު ދައްކަން ކަނޑައެޅި އަގަށް ފްލެޓްގެ ކުލި މިސަރުކާރުން ކަނޑައެޅިނަމަ އެޗްޑީސީއަށާއި ސަރުކާރަށް ލިބޭ މާލީ ގެއްލުން ވަރަށް ބޮޑުވާނެކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން އެކުލަވާލި ރިޕޯޓެއްގައި ވަނީ ހާމަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި އެޗް.ޑީ.ސީން މި އަހަރު ކަނޑައެޅި 11000 ރުފިޔާގެ އަގާއި، ކުރީގެ ސަރުކާރުން ކަނޑައެޅި 6600 ރުފިޔާގެ ހިސާބާއި، މާލޭ ސިޓީގެ އައު ކައުންސިލުން ކަނޑައެޅި 5548 ރުފިޔާގެ ހިސާބުގެ އިތުރުން މި ސަރުކާރުން ކަނޑައަޅާފައިވާ 8500 ރުފިޔާގެ ކުލި ނުވަތަ މަހަކު ދައްކަން ޖެހޭ މިންވަރު ކަނޑައެޅުމުގައި ގެންގުޅެފައިވާ އަސާސްތައް ވަނީ ދިރާސާކޮށްފައެވެ.

މި ރިޕޯޓުގައިވާ ގޮތުން 6600 ރުފިޔާއާއި 6500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، ގާތްގަނޑަކަށް ނުވަ ބިލިއަން ދުއިސައްތަ ނުވަ މިލިއަން ނުވަ ލައްކަ ހަތްދިހަ އެއް ހާސް ފައްސަތޭކަ ތިރީސް ދެ ރުފިޔާގެ ދަރަނި އަރާނެއެވެ.

އަދި މިހާރު ކަނޑައަޅާފައިވާ 8500 ރުފިޔާއަށް ޔުނިޓުތައް ވިއްކައިފިނަމަ، 25 އަހަރުގެ މުއްދަތަކަށް ބަލާނަމަ، އެއްވެސް ޑީފޯލްޓެއް ނެތި، ހުރިހާ ޔުނިޓުތަކުން ޖުމްލަ ލިބޭނެކަމަށް އަންދާޒާކުރާ ފައިސާއިން ކުރަންޖެހޭ ޚަރަދުތައް ކެނޑުމުން ނެޓް-ކޭޝްފްލޯގެ ގޮތުގައި އަރާނީ 138 މިލިއަން ރުފިޔާގެ ދަރަންޏެއްކަމަށްވެސް އޮޑިޓަރ ޖެނަރަލް ވަނީ އަންދާޒާ ކޮށްފައެވެ.

މި ރިޕޯޓުގައިވާ ގޮތުން އެޗްޑީސީގެ ހިސާބަކީ އެ ކުންފުނިން މި މަޝްރޫޢަށް ނަގާފައިވާ ލޯނުތަކާއި، މަޝްރޫޢާ ގުޅުންހުރި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ޚަރަދުތަކަށް ރިޢާޔަތްކޮށް، ހަދާފައިވާ ހިސާބެއްކަމަށް ބުނެފައިވެއެވެ. އަދި އެ އަގަށްވުރެ ކުޑަ އަގެއްގައި ޔުނިޓުތައް ސަބްސިޑައިޒްކޮށްގެން ވިއްކާނަމަ، ކުންފުންޏަށް މާލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެކަމަށް އޮޑިޓަރ ޖެނަރަލްވަނީ ލަފާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު


6

އަލީ

24-Oct-2021

ބައްލަވާ މަބްރޫކް.. އޮޑިޓް ރިޕޯތްގައި މިފަހަރަކު ނެތް ކާކަށް ކަމެއް ފިޔަވަޅު އަޅަންވީ ވެސް.. ދެން ކިހިނެއް ތިބުނާ ފިޔަވަޅެއް އަޅާނީ.. ދެން ހޮޅި ވާހަކަ ނުދައްކާ.. ބޭކާރު އަނގަ ތެޅުމަށް ވުރެ ފްލެޓްގަނޑެއް އަޅާފަ ދެވޭތޯ ބަލާބަލަ.. ތިން އަހަރުވީ ތިބުނަ އަގު ހެޔޮ އެންމެ ފްލެޓެއްވެސް އަދި ނޭޅޭ.. ހުސް ހޮޅި ވާހަކަ..



ޓްރެންޑިން