މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ އަތޮޅެއްގައި ގާއިމުކޮށް ހިންގާ އެންމެ ބޮޑު ޓާޝަރީ ހޮސްޕިޓަލަކީ އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އެެވެ. ކުރިން އައްޑޫން ނުލިބޭ ސިއްހީ އެތައް އާ ހިދުމަތްތަކަކާއެކު 100 އެނދުގެ ޒަމާނީ ހޮސްޕިޓަލެއްގެ ގޮތުގައި އެ ހޮސްޕިޓަލު ހިންގަން ފެށީ މިދިޔަ އަހަރުއެވެ. މި ހޮސްޕިޓަލަކީ ކުރީގެ އިކްއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) އިމާރާތް ހޮސްޕިޓަލަކަށް ބަދަލުކޮށްގެން ހިދުމަތް ދެމުން އަންނަ ތަނެކެވެ. އައްޑު އަތޮޅުގެ ރަށްޔިތުންގެ އިތުރުން އެސަރަހައްދުގެ އަތޮޅު ތަކުގައި ދިރިއުޅޭ ރައްޔިތުންނާއި އަދި ރާއްޖޭގެ އެކި ސަރަހައްދުތަކުން ސިއްހީ ފަރުވާ ހޯދަން އައްޑޫއަށް ދެއެވެ.

އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދޭނެ ވަސީލަތްތައް ހުރި ނަމަވެސް އެ ހޮސްޕިޓަލާއި މެދު އައްޑޫގެ އާންމު ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އެބަހުއްޓެވެ. ހޮސްޕިޓަލުގެ ޚިދުމަތް ލަސްކަމާއި ފަރުވާ ދޭން ތިބޭ ޑޮކުޓަރުުންނާއި ނަރުހުން އަޅާލުން ކުޑަކަމާއި ފަރުވާކުޑަކަމެެވެ. މިއީ ހަމަ ކޮންމެ ދުވަހަކު ވެސް އެ ހޮސްޕިޓަލަށް ޚިދުމަތް ހޯދަންދާ މީހުން ކުރަންޖެހޭ ތަޖުރިބާއެވެ.

ތިން މަހުގެ ކުއްޖަކު ޑޮކުޓަރަށް ދައްކަން އައްޑޫ އިކްއަޓޯރިއަލް ހޮސްޕިޓަލަށް ދިޔަ މީހަކަށް ދާދިފަހުން ތަޖުރިބާ ކުރަންޖެހުނު ހާދިސާއެއް "ރަސްއޮންލައިން" އާއި ވަނީ ހިއްސާކޮށްފައެވެ. ތިން މަހުގެ ކުޑަ ކުއްޖާގެ ބޭބެ މުހަންމަދު ތާރިގު ބުނީ އެކުއްޖާ، މަންމަގެ ގާތުން ބުއިން ހުއްޓާލުމުން ހޮސްޕިޓަލަށް ދިޔައީ މިމަހުގެ 19 ވަނަ ދުވަހުގެ މެންދުރެއް ހާއިރު ކަމަށެވެ. ހޮސްޕިޓަލަށް ދިޔުުމުން، ކުއްޖާ ގާތުން ބުއިން ހުއްޓާލިކަން އެގޭނީ ޓެސްޓްތަކެއް ހަދައިގެން ކަމަށް ބުނެ އެކުއްޖާ އަށް އެއްވެސް ފަރުވާ ނުދީ ބޭއްވީއެެވެ. އެކުއްޖާ އަށް ފަރުވާ ދޭން ފެށީ އެރޭ އިރާކޮޅު ހޮސްޕިޓަލަށް ގޮސް ހަޅޭލަވައި ގަތުމުން ކަމަށް ތާރިގު ބުންޏެވެ.

އެކުއްޖާއަށް ފަރުވާ ދޭން ހޮސްޕިޓަލުގެ މުވައްޒަފުން އަވަސްވެގަތީ އޭގެ ފަހުންނެވެެ. ތާރިގު ބުނީ އެކުއްޖާ އެގޮތަށް ބޭއްވުމަށްފަހު ހިތުގެ މައްސަލައެއް އުޅޭކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށެވެ. ތިން މަހުގެ ކުއްޖާގެ ނާރެއް ނުފެނިގެން އެތައް މިތަނަށް އިންޖެކްޝަން ޖަހާފައިވާ ކަމަށް ތާރިގު ބުންޏެވެ. އަދި ކުއްޖާ އަށް ފަރުވާ ނުދީ އެތައް އިރަކު ބޭއްވުމަށްފަހު އެންމެ ފަހުން އެކުއްޖާއަށް އަވަސް ފަރުވާ ދިނުމަށް އައިސީޔޫއަށް ލީއެވެ. ހާލު ސީރިއަސްވެ އެ ކުއްޖާ އެމެޖެންސީގައި އިއްޔެ ހަވީރު ވަނީ މާލެ ގެނެސްފައެވެ. ތިން މަހުގެ ކުޑަ ކުއްޖާގެ ބޭބެ މުހަންމަދު ތާރިގު ދެކޭގޮތުގައި އައްޑޫގެ ސިއްހީ ނިޒާމް މިހާރު އޮތީ ފެއިލްވެފައެވެ.

"އައްޑޫގެ ރައްޔިތުން އެދޭފަދަ ޚިދުމަތެއް ހޮސްޕިޓަލަކުން ނުލިބޭ، އައްޑޫގެ ސިއްހީ ނިޒާމް އޮތީ ފެއިލްވެފައި. ހޮސްޕިޓަލުގެ މެނޭޖްމަންޓުން މިހާރު ކުރަމުންދަނީ އެހެންކަމެއް. ހޮސްޕިޓަލު ރަނގަޅަކަށް ނުހިގާ. އާދައިގެ ސްޓާފުންގެ އަތްމައްޗަށް ހޮސްޕިޓަލް އޮންނަނީ ދޫކޮށްލާފައި. ބޮޑުން ތިބެނީ ފިނި ކޮޓަރީގައި ބޮޑު މުސާރަ ކާލައިގެން." ހޮސްޕިޓަލުގެ ޚިދުމަތްތަކާއި ހިތްހަމަ ނުޖެހުން ފާޅު ކުރުމަށް ތޯރިގް ބުނެފައިވެއެވެ.

މިއީ އެންމެ މީހަކަށް ދެމީހަކަށް ދިމާވި ކަމެއް ނޫނެވެ. އެފަދަ ޝަކުވާތަކުން ޝޯޝަލް މީޑިޔާ ފުނިޖެހިފައިވާއިރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން އެކަމަށް އަޅައިނުލާ ކަމަށްބުނެ ގިނަ ބައަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެންމެ ފެންވަރު ރަނގަޅު އެކަށީގެންވާ ވަސީލަތްތައް ހުރެމެ، އެއާއި އެއްވަރަށް ޚިދުމަތް ނުދެވެނީ ކޮން ސަބަބަކާއި ހުރެތޯ ބަލައި އެކަން ހައްލުކޮށް ރައްޔިތުން ސިއްހީ ޚިދުމަތް ހޯދަން އުފުލަންޖެހޭ ތަކުލީފަށް ލުޔެއް ހޯދައިދޭން ސަރުކާރުން މަސައްކަތް ކުރާތަން ނުފެންނަ ކަމަށް އައްޑޫގެ ގިނަ ރައްޔިތުން ބުނެއެވެ. އައްޑޫ ހޮސްޕިޓަލާއި މެދު ރައްޔިތުން ކުރާ ޝަކުވާތައް އިތުރުވީ ކުރިން ރައީސް އޮފީހުގެ ބެލުމުގެ ދަށުން ހިގަމުން ދިޔަ އައްޑޫ ހޮސްޕިޓަލު ހިންގުން ހަރުދަނާ ކުރުމަށް ކަމަށް ބުނެ ހޮސްޕިޓަލް ހިންގުމަށް ސަރުކާރުން ބޯޑެއް އެކުލަވާލިފަހުންކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.

ހިސްޕިޓާ ހިންގަން އުފެއްދި އާ ބޯޑާއެކު ހޮސްޕިޓަލްގެ އާ ސީއީއޯ އަކަށް ޑރ. މުހައްމަދު ސޯލިހު ވަނީ އައްޔަންކުރައްވާފައެެވެ. ސިއްހީ ދާއިރާގައި 25 އަހަރު ހޭދަކުރައްވާފައިވާ ޑރ. ސޯލިހަކީ ރާއްޖޭގައި މަޝްހޫރު ސާޖަން އެކެވެ. އޭނާއަކީ ހޮސްޕިޓަލް މެނޭޖްމަންޓު ދާއިރާއިން މާސްޓާސް ވެސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. އެހެންކަމުން ޑރ. ސޯލިހަކީ މިދާއިރާއަށް އާ ބޭފުޅަކަށް ނުވާނެއެވެ. އެފަދަ ހޮސްޕިޓަލެއް ހިންގުމުގައި އޭނާގެ ގާބިލްކަމާއި ހިންގުންތެރިކަން ހުންނާނެ ކަމަށް ގަބޫލުކުރެވުނު ނަމަވެސް އެކަން ނުފެނުމަކީ ސުވާލު އުފެދޭ ކަމެކެވެ. އައްޑޫ ހޮސްޕިޓަލު ހިންގުމުގެ ޒިންމާއާއި މަސްއޫލިއްޔަތާއި ޑރ. ސާލިޙު ފަދަ ތަޖުރިބާކާރު ބޭފުޅަކު ހަވާލުވެ ހުންނަވާއިރު އާންމު ރައްޔިތުންގެ އުއްމީދުތަކާ އެއްވަރާއި ގާތަށްވެސް ނަތީޖާ ނުފެންނަކަން ގިނަ ރައްޔިތުން ފާހަގަ ކުރުމަކީ ސުވާލުތަކެއް އުފެދޭނެ ކަމެކެވެ. ޑރ. ސޯލިހުގެ މާލިމީ ކަމުގައި ރައްޔިތުން އެދޭފަދަ ޚިދުމަތެއް ފޯރުކޮށް ނުދެވޭނަމަ އޭނާގެ ދުވަސްވީ ތަޖުރިބާއާއި ގާބިލްކަމުން ލިބުނު މޮޅެެއް، ފައިދާއެއް ނެތެވެ.

އައްޑޫގެ ހޮސްޕިޓަލަށް ރައްޔިތުންނަށް އެކަށީގެންވާ ޚިދުމަތެއްް ނުދެވި ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އިތުރުވާނަމަ އޭގެ ހުރިހާވެސް ހުތުރު ނަމެއް ލިބޭނީ ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށެވެ. އެހެންކަމުން މިމައްސަލައަކީ އައްޑޫ ހޮސްޕިޓަލު ހިންގަން ވަކި ބޯޑަކާއި ހަވާލުކުރި ފަހުން ވެގެން އުޅޭ ގޮތެއް ކަމަށް ވާނަމަ އެބޯޑު އުވާލައި ކުރިންވެސް އޮތްގޮތަށް ހޮސްޕިޓަލުގެ ހިންގުން އިއާދަކޮށް ސީދާ ރައީސް އޮފީހުގެ ބެލުމުގެ ދަށައް ހޮސްޕިޓަލުގެ ހިންގުން ގެނަސްގެން ނަމަވެސް ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެނަސް، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތެއް އައްޑޫގެ ރައްޔިތުންނަށް ލިބުމަކީ އެރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ.


ކިޔުންތެރިންގެ ހިޔާލު


5

ޑޮން

24-Oct-2021

އައްޑޫ އެކަނިތަ؟މުޅިގައުމުގެ ހާލަތު.


4

މެހުމާނު

23-Oct-2021

2023 ވަރައް ކާރި ???????????????? ވޯޓު 😣😤😤😤😤😤



ޓްރެންޑިން