ރާއްޖެގެ ސިޔާސި މަސްރަހުގައި މިހާރު އެންމެ ވަރުގަދައަށް ބަހުސް ކުރެވެމުންދާ އެއް ވާހަކައަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އިންޑިއާގެ ޖީއެމްއާރު ކުންފުންޏަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް 25 އަހަރަށް ކުއްޔަށް ނުވަތަ ހިންގަން ދިން ވާހަކައެވެ. ވަރުގައަށް އަނދަމުން ދިޔަ ސިޔާސީ ހުޅުގަނޑެއް އަނދާހުލިވެ އަޅިއަށް ވެގެން ގޮސް މިހާރު އޭގެ އަސަރެއްވެސް ނެތްތާ އެތައް ދުވަހެއް ފަހުން އަނެއްކާ އެ ހުޅުގަނޑު ފަޅައިގެން މިދިޔައީ ފިނޭންސް މިނިސްޓަރ އަމީރު ޖެއްސެވި ހިސާބެއް އާންމު ކުރެއްވުމާއި ހިސާބުންނެވެ.

ރާއްޖޭގެ މައި ދޮރާށި ބޭރު ބަޔަކަށް، ހާއްސަކޮށް މިސަރަހައްދުގެ ވެރިކަމަށް ދައުވާ ކުރާ އިންޑިއާގެ ކުންފުންޏަކަށް ދިނުން ވެގެންދިޔައީ ގިނަ ދިވެހީންނަށް ހަޖަމްކުރެވުނު ކަމަކަށް ނޫނެވެ. އެކަން ގިނަ ދިވެހިން ސިފަކުރީ އެންމެ 70 މިލިއަން ޑޮލަރުގެ ބޭނުމުގައި ރައީސް ނަޝީދުގެ ސަރުކާރުން ނިންމި "ފީކަޅާ" ނިންމުމެއްގެ ގޮތުގައެވެ. މިކަން ބޮޑު ސިޔާސީ ބޮމަކަށްވެ އެގޮވައިގެން ދިޔަ ބާރުމިނުގައި ދައުރު ހަމަނުވާނީސް ރައީސް ނަޝީދުގެ ވެރިކަން ނިމިގެންދިޔަ މައިގަނޑު އެއް ސަބަބަކީވެސް ޖީއެމްއާރް މައްސަލަ ކަމަށް ބައެއް މީހުން ސިފަކުރެއެވެ.

ކޮންމެއަކަސް އަނެއްކާވެސް ޖީއެމްއާރުގެ ވާހަކަ ބޮޑުވެގެން އަޑުގަދަވެ ބޮޑު ބަހުސަކަށް ވެގެން މި އުޅެނީ ހުވަދުއަތޮޅު ދެކުނުބުރިއަށް ނިސްބަތްވެވަޑައިގަންނަވާ މިސަރުކާރުގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ދެއްކެވި ވާހަކަފުޅެއްގެ ސަބަބުންނެވެ. އަމީރު މިވާހަކަ ދެއްކެވުމުގެ ދުވަސް ކޮޅެއް ކުރިއަށް ޖެހިލާއިރު އަމީރަކީ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ހެއުފަތުން" ޖާގަ ގެއްލި އިތުބާރު ގެއްލިފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.

އިހަކަށް ރޭ ތަންކޮޅެއް ދަންގަޑިއެއްގައި އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލުމަކީ ރާއްޖޭގައި ހިންގި އެންމެ ބޮޑު އިގްތިސާދީ ޖަރީމާކަމަށެވެ. އަދި އެކަން އެގޮތަށް ނުކުރިނަމަ ރާއްޖޭގައި މިހާރު އޮންނާނީ 10 ބިލިއަން ޑޮލަރުގެ އިގްތިސާދެއްކަމަށެވެ.



ކޮންމެއަކަސް އަމީރު ދެއްކެވި މިވާހަކަފުޅާއެކު ބައެއް ސިޔާސީ ބޭފުޅުންނާއި އިކޮނޮމިސްޓުންނާއި ދީނީ ދަންނަބޭކަލުންނާއި މީސްމީޑިއާ އެކްޓިވިސްޓުން ކެކި އަރައިގަތެވެ. ޖީއެމްއާރު އަތުން އެއަރޕޯޓް އަތުލުމަކީ އިގްތިޞާދީ ގޮތުންނާއި، ސަލާމަތީ ގޮތުންނާއި އިޖްތިމާއިގޮތުންވެސް ރާއްޖެއަށް ކިހާ މުހިއްމު ނިންމެވުމެއްކަން އެބޭފުޅުން ވިދާޅުވެދެއްވާން ފެއްޓެވިއެވެ. އަދި އެއަރޕޯޓް އަތުލުމަށް ކިތަންމެ ބޮޑު އަގެއް ދައްކަންޖެހުނު ނަމަވެސް އެކަމަކީ ރާއްޖެއަށް ކޮންމެހެންވެސް މުހިއްމުކަމެއްކަން އަމީރުގެ ވާހަކަފުޅަށް ރައްދުދެއްވަމުން ދިޔަ ބޭފުޅުން ފާހަގަކުރައްވަމުން ގެންދެވިއެވެ. މިވާހަކަތައް ދެއްކެވި ބޭފުޅުންގެ ތެރޭގައި ރައީސް ނަޝީދުގެ ވެރިކަމުގެ ވަޒީރުންވެސް ހިމެނިވަޑައިގަންނަވާކަން ފާހަގަކޮށްލެވެއެވެ.

އަނެއްކޮޅުން ރައީސް ނަޝީދު ނޫނީ އަމީރުގެ ވާހަކަފުޅަށް ތާއީދުކުރަށްވައި ވާހަކަދެއްކެވި ސިޔާސީ ހަރުދަނާ ލީޑަރެއް ނެތްކަންވެސް ފާހަގަކޮށްލެވެއެވެ. ނަމަވެސް މިސަރުކާރުގެ ދެވަނަ ޓުއަރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް މިއަދު ވަނީ އަމީރުގެ ވާހަކަފުޅާއި ގުޅުވައިގެން އެވާހަކައަށް ތާއީދުކުރަށްވާ މޭރުމަކުން ޓްވީޓެއް ކުރައްވާފައެވެ. މާލީ ވަޒީރު އަމީރު ކުރެއްވި ޓްވީޓާއެކު އޭނާ ހޫނުފެނަށް ވެއްޓި ރޯފިލަމުން ދަނިކޮށް ހަމަ އެމައުޟޫގައި ޑރ. މައުސޫމް ކުރެއްވި ޓްވީޓާއެކު އޭނާވެސް ވަނީ ގާތްގަނޑަކަށް ހަމަ އެ ފެންގަނޑަށް ވެއްޓިފައެވެ.

މައުސޫމް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ‏މިނިސްޓަރ އަމީރު ވިދާޅުވި ބަސްކޮޅު ސިޔާސީ ނަޒަރުން އެއްކިބާކޮށް އިގުތިސާދީ ނަޒަރަކުން ފަހުމު ވެލުން މުހިންމުކަމަށެވެ. އެގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުގެ ‎ތޮއްޖެހުން އެއީ މިއަހަރު އަދި އަންނަ އަހަރުވެސް ފަތުރުވެރިކަަން އޮމާންކަމާއެކު ކުރިއެރުމަށް އޮތް "މާސިންގާ" ގޮންޖެހުމެއްކަމަށް މައުސޫމް ވިދާޅުވިއެވެ.



ހަގީގަތަށް ދަންނަވާނަމަ ޖީއެމްއާރު "އައުޓް" ކުރަން ނުވަތަ "ޖީއެމްއާރް ގޯ" ކެމްޕޭންގައި ބައިވެރިވެ ޑީއާރުޕީ މަސައްކަތްކުރިއިރު އެ ޕާޓީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގެންނެވި މައުސޫމް މިހާރު މިދައްކަވާ ވާހަކަފުޅެއް މާބޮޑަށް ފަހުމް ނުވާކަން ގިނަ ބޭފުޅުންގެ ވާހަކައިން އެނގެ އެވެ. ތަންކޮޅެއް ރަނގަޅަށް އެވާހަކަ ދައްކާލެއްވިނަމަ ފަހުމްވީހެވެ. ނަމަވެސް މައުސޫމްގެ ވާހަކަފުޅަށް ރައްދު ދެއްވި ބައެއް ބޭފުޅުން ވަނީ އެ ބޭފުޅުންނަށް މިނިސްޓަރ އަމީރުގެ ވާހަކަފުޅު ފަހްމުވެޑައިގެންނެވި ގޮތް މައުސޫމަށް ވަރަށް ސާފުކޮށް ވިދާޅުވެދެއްވާފައެވެ.

މައުސޫމްގެ އެވާހަކަތަކަށް ރައްދުދެއްވަމުން ސައިރިކްސް ކޮލެޖުގެ ޗެއަރމަން އަހުމަދު ޝަރީފް ވިދާޅުވީ ‏އޭނާއަށް އަމީރުގެ ވާހަކަފުޅު ފަހުމްވީ، އެއްވެސް ދިރާސާއަކަށް ނުބަލައި، އަދި ޖީއެމްއާރުފަދަ މަލްޓިނެޝަނަލް ކުންފުންޏަކުން މިކުޑަކުޑަ ރާއްޖޭގެ އިގްތިސާދު ފޫއަޅުވާލައި، ސަރުކާރުގެ ވެރިން ޖީއެމްއާރުގެ ފައިސާތަކަށް ކުޑަކަކޫ ޖައްސުވާލި ހާދިސާ، އަމީރުގެ "މާސްޓަރ" ހިތްހަމަ ޖައްސާލަން ބުނެދިން ވާހަކައެއްގެ ގޮތުގައިކަމަށެވެ.



ޖީއެމްއާރާއި ގުޅޭގޮތުން ދައްކާ ވާހަކަތައް ފޯރިގަދަވަމުންދާއިރު، މީގެ ފަހަތުގައި އޮތީ ކޮންކޮން ކަންތައްތަކެއްތޯ ވެސް އެއީ މިހާރު ގިނަ ބަޔަކު ސުވާލުކުރަމުންދާކަމެކެވެ. ބައެއް މީހުން ތުހުމަތުކުރާގޮތުގައި ސަރުކާރުން އުޅެނީ ޖީއެމްއާރަށް ރާއްޖޭގެ އެއަރޕޯޓެއް ދިނުމަށެވެ. އެއީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ނުވިޔަސް، ޖީއެމްއާރަށް ދޭނީ ރާއްޖޭގެ މުހިއްމު ސަރަހައްދަކުން ކަމަށްވެސް ބައެއް ފަރާތްތަކުން ދަނީ ތުހުމަތުކުރަމުންނެވެ. ނަމަވެސް ސަރުކާރުން މިހާތަނަށް މިފަދަ އެއްވެސް ވާހަކައެއް ދައްކާފައިނުވުމުން، މިކަމުގެ ހަގީގަތެއް ނޭނގެެއެވެ.


ކިޔުންތެރިންގެ ހިޔާލު


6

އިއްބެ

23-Oct-2021

ތިކަމުގެ އަސލު ފަޅާލެވޭނީ ހަމަ އުމަރު ނަސީރައް މީވަގު ސަރުކާރެއް



ޓްރެންޑިން