ރާއްޖޭގައި އެމެރިކާ ޑޮލަރު ލިބުން ދަތިވެ އިންތިހާއަށް މައްޗަށް، ޑޮލަރުގެ އަގު އަރައި ޑޮލަރުގެ ކަޅު ބާޒާރެއް އުފެދި ފާޅުގައި ކަޅުބާޒާރުގައި ޑޮލަރު ގަނެ ވިއްކަމުންދާތާ ތިން އަހަރެއް ވެދާނެއެވެ. މިދެންނެވީ މިހާ ފާޅުގައި ޑޮލަރު ގަނެވިއްކާ ކުދި ގޮޅިތައް ހަދައިގެން މިދެންނެވި ވިޔަފާރި ވަރަށް ފުޅާ ދާއިރާއެއްގައި ކުރާކަން ފާހަގަކުރެވޭތާ ހަމަގައިމުވެސް އެހާކަންހާ ދުވަސް ވެދާނެ ވާހަކައެވެ. ޑޮލަރު ނުވަތަ ބޭރު ފައިސާގެ އަގު އިންތިހާއަށް އުފުލި ޑޮލަރު ލިބުން ދަތިވުމަކީ ދިވެހިންގެ ވަރަށް ބޮޑު ޝަކުވާއެކެެެވެ. ޚާއްސަކޮށް ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނާއި އެކި ބޭނުންތަކަށް ރާއްޖެއިން ބޭރަށްދާ ދިވެހިންްނަށް ޑޮލަރު ލިބުމުގައި އުފުލަންޖެހޭ ތަކްލީފު ބޮޑެވެ މިސަރުކާރަށް މިވީ މުއްދަތުގެ ތެރޭގައި ޑޮލަރުގެ މައްސަަލައަށް އެދެވޭ ހައްލެއް ލިބުނު ކަމަކަށް ދެންނެވޭކަށް ނެތެވެ.

މިކަމުގައި ގިނަ މީހުން އިނގިލި ދިއްކުރަނީ ސަރުކާރަށެވެ. ގިނަ ފަރާތްތަކުން ބުނަނީ މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ޑޮލަރުގެ އަގަށް މިވާ ގޮތެއް ހަމަ ނޭގޭ ކަމަށެވެ. ހަމައަގުގައި ކީއްކުރަން، އެއަގާ ގާތްކުރާ އަގަކަށްވެސް އާންމު ރައްޔިތަކަށް ޑޮލަރެއް ގަންނާކަށް ނުލިބެއެވެ. ނުވިތާކަށް ގައުމީ ބޭންކަށްވެސް އެ ތާށިކަން އައިސްގެން ބޭންކްގެ ކާޑުތަކުގެ ލިމިޓް ކަނޑައަޅައި މަހަކަށް ކާޑުން ބޭނުން ކުރެވޭ މިންވަރުވެސް ވަނީ 250 ޑޮލަރާއި ހަމައަށް ތިރިކޮށްފައެވެ. ވޭތުވެދިޔަ ދޮޅު އަހަރެއްހާ ދުވަސް ފާއިތުވެގެން ދިޔައިރުވެސް، އަބަދުވެސް ޑޮލަރުގެ އަގު އުޅެނީ އާދައިގެ ރައްޔިތެއްގެ އަތް ފޯރާ ފަށަށްވުރެ މާ މަތީގައެވެ.

ޑޮލަރުގެ އަގު 17 ރުފިޔާ ބަޔަށްވުރެ ތިރިއެއް ނުވެއެވެ. ގިނައިން ހުންނަނީ 18 އިން ވެސް މަތީގައެވެ. 19 އާއި 20 އަށްވެސް އަރައިގެން ދެއެވެ. ފާޅުގައި ވައިބަރ ގްރޫޕްތައް ހަދައިގެން އެއަގިތަކުގައި ޑޮލަރު ވިއްކާތާވެސް އެތައް ދުވަހެއް ވެއްޖެއެވެ. ކޮންމެއަކަސް މިހާރު ޑޮލަރުގެ ކަޅު ބާޒާރަކީ ފައިދާ ލިބޭ ބޮޑު ވިޔަފާރިއެކެވެ. ބުނެވޭ ގޮތުގައި މިކަމުގައި ނިކަން ގިނަ ފުންނާބު އުސް ބޭބޭފުޅުންވެސް ބައިވެރިވެ ވަޑައިގެން ޝާމިލުވެ އުޅުއްވައެވެ. އެންމެ ގަދައަށް ރައްޔިތުންގެ ބޮޑުވާ މިފަދަ ކަންކަމާއިމެދު ކަންބޮޑުވެ ވަކާލާތުކޮށް ބަހުސްކޮށް ކުއްލި މައްސަލައާއި ގަރާރުތައް މަޖިލީހަށް ހުށަޅައިގެން ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ އެބުނާ ކަމެއް ކުރާ ޢިއްޒަތްތެރި "ކިބުރުވެރި" މެންބަރުންވެސް އެބުނާ ޢިއްޒަތްތެރި މަޖިލީހުގެ ތަޅުމުގައި މިކަމާއިމެދު ކަންބޮޑުވާތީ އުޅޭތަނެއް ނުފެނެއެވެ. ފަހަރެއްގައި އެއިއްޒަތްތެރީންނަށް އެސްބީއައި މެދުވެރިކޮށް އެގެންނަ ކަމަށް ބުނާ ޑޮލަރުތައް ފަސޭހައިން ގަންނަން ލިބެނީވެސް ތޯއްޗެކެވެ.

މަސްވެރިންގެ ޖީބަށް ސީދާ ޑޮލަރު ލިބޭނެ ކަމުގެ ވައުދާއެކު ވެރިކަމަށް އައި ސަރުކާރުގައި ޑޮލަރުގެ އަގު އަތްފޯރާ ފަށައް ތިރިކުރުމަށް އެކުލަވާލެވުނު ހަރުދަނާ ސިޔާސަތެއް ނެތީބާއެވެ؟ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާޢިދު ތަކާއި އެއްގޮތަށް ނޫނީ އެއްކަމެއްވެސް ކުރިއަކަ ހަމަހިލާ ނުދޭނަމޭ ބުނެ ވެރިކަމަށް އައި ސަރުކާރަށް ކަޅުބާޒާރުގައި އެމީހަކު ހިތުހުރި އަގަކަށް ޑޮލަރު ވިއްކުމަކީ ގާނޫނާ ގަވާޢިދާ ޚިލާފު ކަމަކަށް ނުވަނީބާވައެވެ؟ މިއީ އަޅުގަނޑުމެން ކުރާ ސުވާލު ތަކެއް ނޫނެވެ. މިއީ މިކަމާ ރުޅިގަދަވާ މީހުން މީސްމީޑިއާގެ އޮޅިތަކުގައި ސަރުކާރަށް ބާލާލާ ރުޅިގަނޑުގައި ކުރާ ސުވާލު ތަކެވެ. ގައުމުގެ ވަޒީރު މާލީއާއި ވަޒީރު އިޤުތިޞާދީއާއި މަރުކަޒީ ބޭންކުގެ ގޮރުނުދޯރު ވިދާޅުވަނީ ނިކަން އަވަހަށް މިކަން ހައްލުވާނެ ކަމަށެވެ. އެކަމަކު އާންމު ރައްޔިތުން މިހާރު ބުނަނީ ޑޮލަރުގެ އަގު ހަމައަގަށް ނުވަތަ އަތްފޯރާ ފަށަށް ތިރިކުރުމުގައި ހަމަ ރަނގަޅަށް ވެސް އެވެރިން ތިއްބެވީ "ފެއިލް" ވެފައި ކަމަށެވެ.

އެވެރިން ވަރަށް ރަނގަޅު ބަހަނާއެއް މިކަމުގައި ދައްކަވައެވެ. ކޯވިޑްގެ ބަލިމަޑުކަމާއެކު އައި އިޤުތިޞާދީ ދަތިކަމުގެ ވާހަކައެވެ. އެވަބާއާއި ގުޅިގެން ގައުމަށް ޑޮލަރު ވަންނަ ދޮރާށިތައް ބަންދުކުރަން ޖެހުނު ވާހަކައަކީ ހަމަ ސަތޭކައިގެ ވާހަކައެކެވެ. އެކަމާއި ގުޅިގެން ޑޮލަރު ވަނުން ހުއްޓުނެވެ. ރަންބިސްއަޅާ ކުކުޅު ބިސްނާޅަން ފެށުމުންނެވެ. އެކަމަކު ތިން ހަތަރު މަހެއްގެ ތެރޭގައި ދޮރާށިތައް ހުޅުވާލުމުން ކުކުޅު ރަންބިސް އަޅާން ފެށިއެވެ. މަޑުންމަޑުން ދުވާލެއްގެ މައްޗަށް ބިސް އަޅާ އަދަދު އިތުރު ވަމުންގޮސް މިހާރު ހަމަ ރަނގަޅަށް، ހެއުވަރު ވަރަކަށް އެބަ ބިސް އަޅައެވެ. ކޯވިޑްގެ އާލަމީ ވަބާއާއެކު ރަން ބިސް އަޅާ ކުކުޅު ބިސްއަޅާ މިންވަރު މަދުވިއިރު އެކި މުހުތާދު ތަކުގައާއި ޗުއްޓީއަށް ގައުމުން ބޭރަށް ދިއުމުގެ އާދަ އަށަގެންފައި ތިބި ދިވެހީންވެސް ގައުމުގައި، ރަށުގައި ތިބީ ހަމަ ރަނގަޅަށް ބަންދުވެގެންނެވެ. އެހެންވީމާ އީދަށް، ސައްބީހަށް، އާއަހަރަށް، ބޮޑު ޗުއްޓީއާއި ޓާމް ޗުއްޓީއަށް ގައުމުން ބޭރަށް ޑޮލަރު ގެންދިޔަ ދިވެހީންވެސް ވޭތުވެދިޔަ ދެއަހަރެއްހާ ދުވަހު ޑޮލަރެއް ބޭރަކަށް ނުގެންދެއެވެ. އަނެއްކޮޅުން އުމުރާއާއި ހައްޖުގެ އަޅުކަމަށް ދާ މީހުން ވެސް ތިބީ ގޭގައެވެ. ދެން އެބުނާ ޑޮލަރެއް ބޭރަށް ގެންދިޔައިއްޔާ ގެންދާނީ މިތާގައި އުޅޭ ބިދޭސީ މަސައްކަތް ތެރީންނާއި ބޭރަށް ވަޑައިގަންނާ ޢިއްޒަތްތެރިނާއި ޢިއްފަތްތެރީންނެވެ. ބޮޑުންނާ ވަޒީރުބޭފުޅުންނެވެ.

އެހެންވީމާ ދެން އޮންނާނީ އެބުނާ ގޮޑުދޮށްތަކަށް ފަސްއަޅާށާ ބޮޑުހިލައިގެ ތަރައްގީ ހޯދުމަށް ނަގާ ލޯނުތައް ދެއްކުމާއި ކާޑާއި ތެއުގެނައުމަށް ރަސްމީކޮށް ކުރަންޖެހޭ ޚަރަދުތަކެވެ. އެއީ ކުރީގެ ސަރުކާރުތަކުން ވެސް ކުރަމުން އައި ކަންކަމެވެ. އަޑުއިވޭ ގޮތުގައި ސަރުކާރުގެ ކުންފުނިތަކުން ވެސް ކޮންމެހެން ކުރަންޖެހޭ ބޭރުގެ މުއާމަލާތްތަކަށް ކަޅުބާޒާރުން ނުވަތަ ބޮޑުއަގުގައި ކޮންމެވެސް ވިޔަފާރިވެރިއަކު އަތުން ބޮޑުއަގުގައި ޑޮލަރު ގަންނަނީއެވެ.

މިދެންނެވި ކަޅު ބާޒާރަކީ ބަޔަކު ގަސްތުގައި އުފައްދައިގެން އުޅޭ އެއްޗެއް ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. ގައުމީ ބޭންކް، ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ވަށައިގެން މިހާރު އެފެންނަނީ ޑޮލަރުގެ ބްލެކް މާކެޓް ފިހާރަތަކެެވެ. ޗާނދަނީ މަގު އެއްކޮޅުން އަނެއްކޮޅަށް ހިނގާލުމުން ވެސް އެކަހަލަ ފިހާރަތަކެވެ. ކަޅުބާޒާރުގައި ބޮޑު އަގުގައި ޑޮލަރު ވިއްކުމަކީ ގާނޫނީ ގޮތުން ކުށެކެވެ. ކޮންމެއަކަސް އެއީ ބަޔަކު ސިއްރިޔާތުގައި ކުރާ ކަމެއް ނޫނެވެ. ރާއްޖޭގައި އުޅޭ ބަންގުލަދޭޝް ބޭފުޅުންގެ ފައިކޭޓަށް އަޅައިގެން ބްލެކް މާކެޓްގައި ޑޮލަރު ވިއްކަނީ ފާޅުގައެވެ. މިއީ އިއްޔެއަކު މިއަދަކު ހިނގާކަމެެއް ނޫނެެވެ. މިއީ ހަމަ އާންމުކޮށް ހިނގާކަމެކެެވެ. ވަޒީރު މާލީއާއި ގައުުމުގެ ގޮރުނުދޯރާއި އެކަން ހުއްޓުވައި ގާނޫނާ ގަވާޢިދުތައް ތަންފީޒު ކުރުމުގެ ވާޖިބު އިސްތަށިފުޅާއި ފައިންޕުޅަށް ނަންގަވައިގެން ތިއްބެވި ބޭފުޅުންނާ މުވައްސަސާތައް މިވަނީ ޣާފިލު ކަންމަތީގައި ފުން ނިިިންޖަކުން ނިދާފައެވެ.

ކަންމިހެން އޮތް ނަމަވެސް ވަޒީރު މާލީ ޖައްސަވާ ހިސާބަށް ބަލާއިރު އަވައްޓެރި އިންޑިއާގެ ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ ކަރަންސީ ސްވަޕް އެއްބަސްވުމެއްގެ ދަށުން މިދިޔަ އަހަރު 150 މިލިއަން ޑޮލަރާއި ނިކަން ލުއިލޯނުތަކުގެ ގޮތުގައި ހެސްކިޔާފައި އެގައުމުން އެތައް ސަތޭކަ މިލިއަން ޑޮލަރެއް ހޯދި ކަމަށް ވެއެވެ. އިންޑިއާއިން ހޯދި ޑޮލަރު ދިވެހި ދައުލަތުގެ ޚަޒާނާއަށްލިއެއް ކަމަކު ކަޅުބާޒާރަކަށް ވެސް ޑޮލަރުގެ ތާށި ކަމަކަށް ވެސް އަދި ހައްލެއް ނުލިބެއެވެ. ދިވެހި ރައްޔިތުން ޑޮލަރު ހޯދަން ޖެހެނީ އާދޭސްކޮށް ސަލާންޖަހައިގެ ބޮޑު އަގުގައެވެ. ދިވެހިންނަށް ހަމަ އެނޫންގޮތެެއް އަދި ނެތީއެެވެ.

އިންޑިޔާ އިން ގެނައި ޑޮލަރުތަކުން ދިވެހި އިގްތިސާދަށް ލިބުނު މަންފާއެއް، ލިބުނު ކުރިއެރުމެއް ނެތެވެ. ދައުލަތުގެ ޚަޒާނާއަށް ޑޮލަރުތައް ލައި އިގްތިސާދުގައި ދައުރުކުރާ ކަމަށް ބުންޏަސް ދިވެހިން ޑޮލަރު ހޯދުމަށް އުފުލަންޖެހޭ ތަކުލީފް އެންމެ ތަންކޮޅެއްވެސް ކުޑައެއް ނުވެއެވެ. ދައުލަތުގެ ޚަޒާނާއާއި ބޭންކް ތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންގެ އަތަކު ވެސް ޑޮލަރެއް ނެތެވެ. ކިތަންމެ ބޮޑު މުހުތާދެއް ޖެހުނަސް އާންމު މީހާގެ އަމިއްލަ އެކައުންޓުގައި ހުންނަ ޑޮލަރުކޮޅު ވެސް ލިބެނީ އެއޮންނަ ކޮންޓްރޯލުގެ ތެރެއިން ބޭންކުން ކަނޑައަޅާފައި އޮންނަ ވަރަކަށެވެ.

ރާއްޖޭގެ ކޮވިޑުގެ ހާލަތު ރަނގަޅުވެ ފަތުރުވެރިކަން ކުރީގެ ހާލަތަށް ރުޖޫއަވެ އެތައްހާސް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާއިރު އެ ފަތުރުވެރިން އަތުން ލިބޭ ޑޮލަރުން ދައުލަތަށް ލިބޭ އާމްދަނީ ވެސް މިހާރު އެތައް ގުނައަކަށް ވަނީ އިތުރުވެފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ވަރަަށް ބޮޑަށް ރަނގަޅުވެފައިވާއިރު، އެންމެ ގިނައިން ޒިޔާރަތްކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަނީ އަވައްޓެރި އިންޑިޔާ ފަތުރުވެރިންނެެވެ. މިވަރަށް ފަތުރުވެރިން ޒިޔާރަތް ކުރާއިރު ޑޮލަރު ތިޔާގިވާތަން ނުފެނުމަކީ ވެސް ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ. އަނެއްކާ އިންޑިޔާ ފަތުރުވެރިން ރާއްޖެ އަންނައިރު ގެންނަނީ އެ ފަަތުރުވެރިންގެ އަމިއްލަ ގައުމުގެ ފައިސާ ތޯވެސް މިއީ ދިރާސާކޮށް ބަލަންޖެހޭ ކަމެކެެެވެ.

މިލިއަނުން މިގައުމަށް ފަތުރުވެރިން ޒިޔާރަތް ކުރާއިރު ޑޮލަރު ތިޔާގި ނުވާނަމަ އެފަދަ ސުވާލު ތަކެެއް އުފެއްދުމުގެ ޖާގަ އެބައޮތެވެެ. ޑޮަލަރު ނުލިބުމާއި ޑޮލަރުގެ އަގު އަތް ނުފޯރާ ފަށައް އަރައިގެން ދިޔުން މިއީ އަވަސް ހައްލެއް ގެންނަންޖެހޭ ސީރިއަސް މައްސަލައެކެެވެ.

ގިނަ ދިވެހީން ގަބޫލުކުރަނީ ދިވެހި ގައުމު މިދުވަނީ 21 ވަނަ ގަރުނުގެ ޒަމާނީ ތަރައްގީގެ ދުވެލީގައި ކަމަށެވެ. މިގައުމުގެ ގިނަ މީހުންނަށް ހަމަ ރަނގަޅަށް ހިސާބު ޖަހަންވެސް އެނގެއެވެ. ބައެއް ސިޔާސީ ބޭފުޅުން ޖައްސަވާ ހިސާބު ބައެއް ފަހަރު ދިމާނުވިޔަސް އާމްދަނީ ބޮލަކަށް ޖެހޭ މިންވަރާއި ރަންބިސް އަޅާ ކުކުޅު ގައުމަށް ބޭރުފައިސާ ވައްދާވަރު ގިނަ ރައްޔިތުން ހިތު ހިސާބު ޖަހައިގެން ވެސް އަންދާޒާ ކުރެއެވެ. އެހެންވީމާ ވަރަށް އަވަހަށް ޑޮލަރުގެ މައްސަލައަށް ހައްލެއް ހޯދޭނެއޭ ނޫނީ މިހާރު ހޯދަނިއްޔޭ ވަޒީރު މާލީއާއި ގޮރްނުދޯރް އަޑަށް ބާރުލާފައި ނިކަން ގިނައިން ވިދާޅުވިއެއް ކަމަކު އެކަން ނުވަނީސް މިހާރު ރައްޔިތުން އެކަން ގަބޫލެއް ނުކުރާނެއެވެ. ބޭސް އަޅާ އަޅާވެސް ފާރުގަނޑު ނުހިކެންޏާ ބަލި މީހާ ބުނާނީ ޑޮކްޓަރަށް ބޭސް ނޭނގެނީ ކަމަށެވެ. ހަމަ އެގޮތަށް މި ކުރަނިއްޔާ، މިކުރަނިއްޔޭ ވިދާޅުވިޔަސް އެކަން ނުވަންޏާ ރައްޔިތުން ބުނާނީ ވަޒީރު މާލީއާއި ގޮރުނުދޯރަށް ޑޮލަރު އަގުދަށްކުރާން އެނގިވަޑައި ނުގަންނަވަނީ ކަމަށެވެ.

މިވާހަކަތައް އަޑުއައްސަވާފައި، ވަޒީރު މާލީ ނުކުމެ ވަޑައިގެން، ޑޮލަރުގެ މައްސަލައަކީވެސް ޖީއެމްއާރް އަތުން އެއާޕޯޓް އަތުލުމުން ދިމާވެގެން އުޅޭ ކަމެއް ކަމަށް ވެސް ވިދާޅުވެ ވެދާނެއެވެ. ދެން ހާލަތާއި ވަގުތާ އެއްވެސް ގުޅުމެއް ނެތް، އެކަހަލަ ވާހަކަ ދައްކަވައިގެން ސަރުކާރަށާއި ރައީސުލްޖުމްހޫރިއްޔާއާމެދު މީހުންގެ ނަފުރަތު އުފެދި ރުޅިގަދަވުން ނޫން ކަމެއް އެފަދަ ވާހަކަތަކުން ހާސިލު ނުވާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން