އަންމަޓީ ހައްޔަރުކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން
އަންމަޓީ ހައްޔަރުކުރުމަށް ގޮވާލާ ބޭއްވި އެއްވުމެއްގެ ތެރެއިން
ހުޅުމާލެއިން ބޯހިޔާވަހިކަން ދޭނެކަމަށްބުނެ ގިނަބަޔަކު ޙާލުގައި ޖެއްސި ސީލައިފް ގްލޯބަލްގެ ވެރިޔާ ވ. ތިނަދޫ، ރެޑްހައުސް، އަހުމަދު މޫސާ (އަންމަޓީ) ގެ މައްޗަށް ކޮށްފައިވާ 42 ދައުވާއަށް އޭނާ އިންކާރު ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ މައްސަލައިގެ އަޑުއެހުމުގައި ވަކި ވަކިން ކޮންމެ ދައުވާއެއްވެސް އިއްވުމުން، އައްމަޓީގެ ވަކީލް، އަދި ކުރީގެ ޕްރޮސިކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިން ވަނީ އަންމަޓީ ދައުވާއަށް އިންކާރު ކުރާ ކަމަށް ވިދާޅުވެފައެވެ. އަންމަޓީގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް އިއްވާފައިވަނީ ދެ އަޑުއެހުމަކަށް ބަހާލައިގެންނެވެ.

މި މައްސަލައިގައި އަންމަޓީގެ ފަރާތުން ދިފާއީ ހެކިން ހުށަހަޅަން ގާޒީ ހަސަން ސައީދު ވަނީ ދެ މަސް ދުވަހުގެ މުއްދަތެއް ދީފައެވެ. ދައުލަތުގެ ފަރާތުން ބުނެފައިވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުން ހުށަހެޅޭނީ ދިފާއީ ހެކިން ހާމަކުރުމުން ކަމަށެވެ.

މިއަދުގެ އަޑުއެހުމުގައި އަންމަޓީގެ ފަރާތުން ވަނީ ކަފާލާތުގެ ދަށުން ބަންދުން ދޫކޮށްދިނުމަށް އެދިފައެވެ. ނަމަވެސް ދަޢުލަތުން ވަނީ އެކަމަށް އިޢުތިރާޒްކޮށް އަންމަޓީ ފިލައިފާނެކަމުގެ އިހުތިމާލް އޮތްކަމަށް ބުނެފައެވެ. އެކަމާގުޅިގެން ޤާޟީ ހަސަން ސައީދު ވަނީ ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި އަންމަޓީގެ ފަރާތުން ފޯމެއް ހުށަހެޅުމަށް އަންގާފައެވެ. ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި ވަކިން ހުށަހެޅުމުން އެކަމަށް ވަކި އަޑުއެހުމެއް ބާއްވާނެ ކަމަށް ގާޒީ ވަނީ ވިދާޅުވެފަ އެވެ.

13 މާރިޗު 2014 ވަނަ ދުވަހު، ހައުސިންގ ޑިވަލޮޕްމެންޓް ކޯރޕަރޭޝަން (އެޗްޑީސީ) އާއި ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 (ތިންހާސް) ހައުސިންގ ޔުނިޓް އެޅުމަށް، ސީ-ލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުުރުމުން، އެ އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިންގ ޔުނިޓްތައް އެޅުމުގެ ޢަމަލީ މަސައްކަތް ފުރިހަމަނުކޮށް، މަކަރާއި ޙީލަތުން އެކި މީހުން އަތުން ބޮޑެތި ޢަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަަމަށް ތުޙުމަތުކުރެވުނު މައްސަލައިގައި، ވ. ތިނަދޫ، ރެޑްހައުސް، އަޙްމަދު މޫސާ މުޙައްމަދުގެ މައްޗަށް 42 ދައުވާއެއް ވަނީ އުފުލާފައެވެ.

އަންމަޓީގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެނަމަ 65 އަހަރު ދުވަހުގެ ޖަލު އަދަބެއް ކަނޑައެޅޭނެކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އަޙްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކުރީ ފެބުރުއަރީ 21 ވަނަ ދުވަހުގެ ރެއެވެ. އައްމަޓީ ލަންކާއިން ހައްޔަރުކޮށް އޭނާ ރާއްޖެ ގެނައުން ލަސްވެފައިވަނީ ލަންކާ ފުލުހުން ބަލަމުންދިޔަ މައްސަލަތަކަކާއި ގުޅިގެންނެވެ. އަޙްމަދު މޫސާ ހޯދުމަށް އިންޓަޕޯލުން ރެޑް ނޯޓިސް ނެރެފައިވަނީ 2019 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގެ އިތުރުން ފައިސާ ނެގުމަށްފަހު ރައްދު ނުކުރުމާއި ފޯޖަރީގެ ތުހުމަތު އަޙްމަދު މޫސާގެ މައްޗަށްކޮށްފައިވާއިރު ސީލައިފްގެ ފްލެޓްތަކުގެ މައްސަލަ ފުލުހުން ތަހުޤީޤްކުރަން ފެށީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމެންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނާތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 300 މީހުންވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 48 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން