އިންޑިއާގައި ރާއްޖޭގެ ޓޫރިޒަމްގެ އެކި ޕްރޮޑަކްޓުތައް އިޝްތިހާރުކުރުމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މަސައްކަތްތަކެއް ފަށައިފިއެވެ.

މި ހަރަކާތްތައް ފެށުމުގެ ގޮތުން "ޓްރެވަލް ޓު ކަނެކްޓް"ގެ ނަމުގައި ރައުންޑް ޓޭބަލް މަޝްވަރާތަކެއް އިއްޔެ ވަނީ ބާއްވާފައެވެ. މި މަޝްވަރާގައި އިންޑިއާގެ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނާއި ޓްރެވަލް ލިޔުންތެރިންގެ އިތުރުން، އޯޓީއެމް މުމްބާއީގެ އިސް ފަރާތްތަކާއި ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ކަމާއިބެހޭ އިދާރާތަކުން ވަނީ ބައިވެރި މަޝްވަރާކޮށްފައެވެ.

މި މަޝްވަރާތައް ފެށުމުގެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތޮއްޔިބު މުހައްމަދު ބައިވެރިވެވަޑައިގަތެވެ.



މި ހަރަކާތުގެ ތެރެއިން ޕްރޮމޯޓްކުރަމުންދަނީ ލަގްޒަރީ އަދި ނީޝް ޓޫރިޒަމާއި މައިސްއާއި ގެސްޓްހައުސް އަދި ފިލްމް ޕްރޮޑަކްޝަނެވެ. އަދި މަޝްވަރާތަކަށްފަހު އިންޑިއާގެ ޑެލިގޭޝަން ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ރަށްތަކަށް ދަތުރުކުރާނެއެވެ.

މި ހަރަކާތްތައް ފެށުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވަނީ ރާއްޖެ އިޝްތިހާރުކުރުމަށް އިންޑިއާއިން ފެށި މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މިކަމުގެ ސަބަބުން އިންޑިއާއިން ރާއްޖެއަށް އަަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެ، ރާއްޖޭގެ އިގްތިސާދަށް އޭގެ ފައިދާކުރާނެކަމަށެވެ.

އިންޑިއާ އަކީ މިވަގުތު ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ޓޫރިސްޓުން އަންނަ ޤައުމެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން