މިއީ އަޅުގަނޑު ދެއްކި ވާހަކައެއް ނޫނެވެ. މިއީ މިހާރުގެ ސަރުކާރުގެ ކޯލިޝަން ޕާޓުނަރުންގެ ތެރެއިން ސަރުކާރު ހިންގާ މައިޕާޓީ، އެމްޑީޕީގެ ޚިޔާލާއި ފިކުރަށް ތާއީދު ކުރައްވާ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިއަކު އޭނާގެ ޓްވިޓަރ އެކައުންޓްގައި ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. މިވާހަކައިގެ ތަފުސީލަށް ދިއުމުގެ ކުރިން އަޅުގަނޑު ފަށާނީ މިހާރުގެ މި ޤައުމުގެ ހާލަތުންނެވެ.

ކޮރޯނާ ވައިރަސް އަރައި ޤައުމުތަކުގެ އިޤްތިޞާދު އެއްކޮޅުން އަނެއްކޮޅަށް ދޮވެ ސާފުކުރަމުންދާ މިދަނޑިވަޅަކީ ރާއްޖެފަދަ ކުދި އަދި އިޤްތިޞާދީ ގޮތުން ބަލިކަށި ޤައުމުތައް، އެހީތެރިކަމުގެ ދީލަތި އަތްތަކަށް ބޭނުންވެފައިވާ ވަރަށް ހައްސާސް ދަނޑިވަޅެކެވެ. މި ނުރައްކާތެރި ރޯގާބަލިމަޑުކަމުގެ އާފާތުން ވީހާ ވެސް އަވަހަކަށް މިންޖުވުމަކީ އަޅުގަނޑުމެން އެންމެގެ ދުޢާއެވެ. އެދުމެވެ. އެކަމަކު މި ރޯގާ ބަލިމަޑުކަން ފައިބައިގެން ދާއިރު މިގައުމުގެ އިޤްތިޞާދީ ކުރިއެރުން ސޮއްސައިގެންދާނީ ކިތައް އަހަރުގެ ފަހަތަށް ކަމެއް އަދި ހަމަ ޚިޔާލަށް ފިކުރަށްވެސް ނުގެނެވެއެވެ. ނުވެސް ގެނެވޭނެއެވެ.

މި ބަލިމަޑުކަމުން އަރައިގަތުމަށް ދިވެހި ޤައުމު ކުރާ މަސައްކަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ އިޤްތިޞާދުގައި އަޅަމުންދާ ބޮޑެތި ބިޔަ ބާގަނޑު ތަކެވެ. މުޅި ޤައުމުގެ އިޤްތިޞާދު ވެސް ރައްޔިތުންގެ ކޮންމެ ދުވަހެއްގެ ބަނޑުފުރާނެ މުއްތި ކުރުމާއި ޒަރޫރީ މުހުތާދު ތައްވެސް ބިނާވެފައި އޮތީ ބޭރު ޤައުމުތަކުގެ މައްޗަށެވެ. ކާޑުކޮޅެއް ލިބެނީ ބޭރު ޤައުމަކުން ވިއްކިއްޔާއެވެ. ގަންނާނެ ލާރި ނެތިއްޔާ ދީލަތިކަމުން ދިނިއްޔާއެވެ. މިއަދު މިއޮތް ހާލަތުން އަރައި ނުގަނެ އިތުރު އެންމެ މަހަކު މިހަނގުރާމަ ކުރަން ޖެހުނަސް ދެންވާނެ ގޮތް ހިތައް އެރުމުން އަޅުގަނޑު މެންގެ ނިކަމެތިކަން ހިތުތެރެއަށް ވަދެ ދެލޮލުން ކަރުނަ އޮހޮރެއެވެ.

މި ރޯގާ ބަލިމަޑުކަމުން އަވަހަކަށް މިންޖުވާނެ ކަމަކަށް ދުނިޔޭގެ މާހިރުން ލަފައެއް ނުކުރެއެވެ. އެހެންވީމާ މިވަގުތަކީ ބޮޑުބޭބެ އެހީދޭނެ ކަމަށް ނޫނީ ބޮޑުބޭބެ ރުޅި އަތުވެދާނެތީ ބޮޑުބޭބެ ނުރުހޭ ޤައުމަކުން އެހީތެރިކަން ނުހޯދައި ތިބެންވީ ވަގުތެއް ނޫނެވެ. މިއަދު އެހީ ހޯދަންވީ އަވަހަށް އެންމެ ރަނގަޅަށް އެންމެ “ބޯކޮށް” އެހީދެވޭނެ، އެހީދޭނެކަން ކަށަވަރުވާ ބައެއްގެ އަތުންނެވެ. ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ބަޔަކު ރައްޔިތުންނަށް ހެޔޮއެދޭ، ޤައުމު ދެކެ ލޯބިވާ ބަޔަކު ވަކި ބަޔަކު ރުޅި އަތުވެދާނެތީ ވަކި މީހަކު ނުރުހިދާނެތީ ވަކި ޤައުމަކުން އެހީ ހޯދަން ޖެހިލުންވެ ފަހަތަކަށް ނުޖެހޭނެއެވެ.

ޗައިނާއަކީ މިފަހަކަށް އައިސް މިސަރަހައްދުގެ ޤައުމުތަކަށް އެންމެ ގިނަ ފައިސާ އަޅަމުންދާ އެއްޤައުމެވެ. ޤައުމުތަކުގައި ބިޔަ މަޝްރޫޢުތައް ހިންގުމަށާއި ޤައުމުތަކުގެ އިޤްތިޞާދު ކުރިއަށް ގެންދިއުމަށެވެ. އެންމެ ކުޑަ އިންޓްރަސްޓާއެކު އެންމެ ދިގު މުއްދަތަށް ލޯނު އެހީވެސް ދޭ ޤައުމަކީ ޗައިނާއެވެ. މިއީ އެހެން އަވަށްޓެރިއަކަށް ބުނާ ކުޑައިމީސް ބަހެއް ނޫނެވެ.

ނިމިދިޔަ ރައީސް ޔާމިންގެ ދައުރުގައި ރާއްޖެއަށް ޗައިނާ އެހީދީފައިވަނީ މިއިން ޒަމާނެއްގައި އެއްފަހަރާ އެއް ޤައުމަކުން އެހީ ނުދޭހާ މިންވަރަށެވެ. އެސަރުކާރުން ބިޔަ މަޝްރޫޢުތައް ހިންގީ ޗައިނާގެ އެހީގައެވެ. މިތާގައި އަޅުގަނޑު އެއްގޮތަކަށްވެސް ދަންނަވަން މިއުޅެނީ ރައީސް ޔާމިންގެ ސަރުކާރުން ގޯސްކޮށް ކަންތައްތަކެއް ނުކުރާ ވާހަކައެއް ނޫނެވެ. އަދި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ނުވާ ވާހަކައެއް ވެސް ނޫނެވެ. އަދި އެ ސަރުކާރުން ބަޔަކަށް އަނިޔާވެރިވި ކަމަށް ދައްކާ ވާހަކައަކީވެސް ދޮގެކޭ ނޫނެވެ. މިދަންނަވަނީ ލިބޭތާ ލިބިގަތުމުން އެކަމުގެ ފައިދާވެސް ޤައުމަށާއި ރައްޔިތުންނަށް ކުރި ވާހަކައެވެ.

ދެން މިސަރުކާރުގެ ބައެއް ބޮޑުން ނޫނީ ނަގާކިޔާ އިސް ވެރިން ޗައިނާއާއި ނުރެހޭކަން ވެސް ގަބޫލުކުރަމެވެ. ޗައިނާއިން ދީފައިވާ އެހީތަކާއި މެދު ސުވާލު އުފައްދައި ވަރަށް ބޮޑަށް ފާޑުކިޔާކަން ވެސް ގަބޫލު ކުރަމެވެ. އަދި ޗައިނާއިން އެހީތަކެއް ދިނީ ފަހަތުގައި އެހެން ހީލަތްތެރި ކަންތައްތަކެއް ހުރެގެން ކަމުގައި ބުނެ ޗައިނާއަށް ފާޅުގައި ފާޑުވިދާޅުވާ އެންމެ އިސް ފަރާތަކީ މި ސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެއްކަން ވެސް އެނގެއެވެ. އަދި އެކަން އެގޮތަށް ކުރައްވަނީ ކީއްވެގެންކަން ވެސް އެނގެއެވެ.

މި ސަރަހައްދުގެ ގައުމުތަކަށް ޗައިނާއާއި ގާތްވެވެނީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ. ޗައިނާ އެހީތެރވެދީގެން މަދު ދުވަސްކޮޅެއްގެ ތެރޭގައި ޤައުމުތަކުން ތަރައްޤީއާއި ކުރިއެރުން އެވަނީ ދައްކައިދީފައެވެ. ޕާކިސްތާނާއި ހަމައިން ފަށަމާ ހިނގާށެވެ. އެޤައުމުގެ އާ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވީ އެޤައުމު އިޤްތިޞާދީ ގޮތުން އަޑިއަށް ގޮސް އާނުގަނޑުގައި ޖެހިފައި އޮއްވާ އެހީތެރިކަމުގެ އަތެއް ދިއްކޮށްލި ބަޔަކީ ޗައިނާ ކަމަށެވެ. މުޅި އިޤްތިޞާދު ނަގާ ކޮޅަށް ޖެހުމަށް އެހީތެރިވެދިނީ ޗައިނާ ކަމަށެވެ.

އެއަށްވުރެ ގާތުން އަވަށްޓެރި ސްރީލަންކާ ވެސް މިއީ ހަމަ އެކަމުގެ ނަމޫމާ މިސާލެކެވެ. ޗައިނާގެ އެހީގައި އެބުނާ ބިޔަ ބަނދަރެއް ތަރައްޤީ ކޮށްފައި ވަނިކޮށް ދެން އައި ސަރުކާރަށް އެކަން ކަމު ނުގޮސްގެން ދުވަސް ކޮޅަކު ތުން ފިއްތައިގެން އުޅުނެވެ. އެކަމަކު މިހާރު އެޖެހުނީ ހަމަ ޖެހިވަޅަށް ޖަހާށެވެ. މިއަދު އެޤައުމަށް 500 މިލިއަން އެމެރިކާ ޑޮލަރުގެ އެހީދީ ލަންކާ ހެއްވާލިއިރު މިދަނޑިވަޅަކީ މި ސަރަހައްދުގެ ހުރިހާ ޤައުމަކުން ވެސް އެފަދަ ދީލަތިކަމުގެ އަތްތަކަށް އެދިއެދި ތިބި ދުވަސްވަރެކެވެ. މިދަންނަވަނީ މީގެތެރޭގައި އަޅުގަނޑުމެންގެ ބައެއް މީހުން ބޮޑުބޭބެ ކިޔާ އިންޑިޔާ ނުހިމަނައެވެ.

އަޅުގަނޑުގެ މި ލިސްޓުން އިންޑިޔާ އުނިކުރީ ހަމަ ގަސްތުގައެވެ. ސިޔާސީ ގޮތުންނާއި ބިމުގެ ގޮތުންނާއި އާބާދީގެ ގޮތުން މިސަރަހައްދުގެ އެންމެ މުއްސަނދި ގައުމަކީ އިންޑިޔާއެވެ. އެކަމަކު ގައުމުގެ 240 މިލިއަން މީހުން ތިބީ ކަރަންޓު ނެތި ކަނު އަނދިރީގައެވެ. 76 މިލިއަން މީހުންނަކަށް ސާފު ފެންފޮދެއް ނުލިބެއެވެ. އިންޑިޔާގެ 1.3 ބިލިއަންގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ ރަނގަޅު ފާޚާނާގެ ނިޒާމާ ނުލައި ދިރިއުޅޭ މީހުންނެވެ. ބޮޑުވަޒީރު މޯދީ މިކަމަށް ހައްލު ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވަނީ 110 މިލިން ފާޚާނާ ހައްދަވައި ދެއްވައިގެންނެވެ. އެކަމަކު މިގޮތަށް ހަދާ ފާޚާނާ ތަކުގެ ބޭނުން އާންމުން ކުރާނެ މިންވަރަކާއި ދެމެހެއްޓެނެވި ގޮތެއްގައި އެތަންތަން ބެލެހެއްޓޭނެ ކަމާއިމެދު ބައެއް ފަރާތްތަކުން ސުވާލު އުފައްދައެވެ.

މިތާގައި އަޅުގަނޑު މިއުޅެނީ އިންޑިޔާއާއި ބަޔަކާ އަޅާ ކިޔާކަށް ނޫނެވެ. އެޤައުމު ރަނގަޅަށް ސިފަކޮށްލެވޭނީ މިފަދަ ތަފާސް ހިސާބުތައްވެސް އެނގިގެންތާއެވެ.

ކަންމިހެން އޮތް ނަމަވެސް ސަރަހައްދީ ޕޮލިޓިކްސްގައި އެންމެ ބޮޑު ރޯލެއް ކުޅެނީ އިންޑިޔާއިންނެވެ. އެ ރޯލު ކުޅެން، މިސަރަހައްދު ބެލެހެއްޓުމަށް ދުނިޔޭގެ ބޮޑެތި ޤައުމުތަކުން ބުރަވަނީވެސް އިންޑިޔާއަށެވެ. އެހެން ވީމާ މި ސަރަހައްދުގެ އެއްވެސް ޤައުމަކަށް ޗައިނާއިން އެހީވާން އިންޑިޔާއިން ނުރުހެނީއެވެ. ހަސަނަށް ހީވާނީ ފުޅަށް ބުޑުންދަންޏާ ކެޔޮގަނޑު ކަނޑާލަން އުޅޭހެންތާއެވެ؟ އިންޑިޔާއަށް މިވަނީ އެކަހަލަ ގޮތެކެވެ. ޗައިނާ ކައިރިވާއިރަށް އެވެރިންނަށް ހީވަނީ މިސަރަހައްދަށް އަތްގަދަ ކުރާން ޗައިނާ އުޅޭ ހެންނެވެ. އެހެންވެސް ނުވެދާނެއެކޭ ނުވަތަ އެމީހުން ހިތުގައި ނެތެކޭ ދަންނަވަނީއަކީ ނޫނެވެ. އަދި ހަމަ ގައިމުވެސް އެމީހުން އެއްވެސް ޤައުމެއްގެ ދާޚިލީ ކަންކަމާއި ބެހި ގޮތްކިޔައި ހަދާތީއަކީ ނުފެނެއެވެ.

ޗައިނާއިން ރާއްޖެއަށް އެހީވާތީއާއި އިންޑިޔާގެ ގޮނޑިކޮއްކޮއަކަށް ރައީސް ޔާމީންގެ ސަރުކާރު ނުވާތީ އިންޑިޔާގެ ސިޔާސީ ވެރިން އައީ އަމަށަކު ރުޅިއެއްނޫނެވެ. ޓީވީ ތަކަށް އަރައި ރާއްޖެ ހިފާންވެސް ގޮވިއެވެ. ޖީއެމްއާރުން ރާއްޖޭގެ މައި އެއަރޕޯޓު ހިންގިއިރު އެތަނުގައި މިލިޓަރީ މީހުން ބޭތިއްބި ނަމަ ޔާމީނަށް ބޭނުން ގޮތެއް ހަދާ ނުލެވުނީސް ކަމަށްވެސް ލައިވް ޓީވީ ޕްރޮގްރާމެއްގައި އިންޑިޔާގެ ކުރީގެ ޑިޕްލޮމެޓިކަކު ވިދާވާތީ އަޑު އެހީމެވެ. އެއީ އިއްޔެގެ ވާހަކައެވެ. އެއީ ތާރީޚެވެ. އެކަމަކު ތާރީޚުން ފިލާވަޅު ނަގަން ޖެހޭނެއެވެ.

މިއަދު މިވަނީ ރާއްޖެއަށް، ދިވެހި ރައްޔިތުންނަށް ދީލަތި އަތްތަކުގެ ބޭނުން ޖެހިފައެވެ. ކޮރޯނާ ވައިރަސް ޤައުމަށްއަރައި މުޅި އިޤްތިޞާދު ސުންނާފަތި ކޮށްލައިފިއެވެ. މުޅި ޤައުމުގެ އިޤްތިޞާދު ބަރޯސާވެފައި އޮތް ފަތުރުވެރިކަން ވަޅުޖެހި އިނދަޖެހިއްޖެއެވެ. އަގުބޮޑު ރިޒޯޓުތައް ފަޅުވެއްޖެއެވެ. މުވައްޒިފުންގެ ވަޒީފާތައް ގެއްލިއްޖެއެވެ. އަދިވެސް ގެއްލެނީއެވެ. ރައްޔިތުން ގޭބަންދުގައެވެ. ނޫނީ ރަށު ބަންދުގައެވެ. ދިވެހީންގެ ގިނަ މީހުންނަކީ އެންމެ ދުވަހަކު މަސައްކަތް ނުކޮށް ތިބެން ޖެހުނަސް އަނގަޔާ އަތާ ދިމާނުވާ ހާލުގައި ތިބި މީހުންނެވެ. މިއަދުގެ މިހާލަތުން އަރައިގަތުމަށް ރައްޔިތުންނަށް، ޤައުމަށް ބޭނުންވަނީ ދީލަތި އެހީތަކެވެ. ލުއި ފަސޭހަ ލޯނު އެހީއެވެ. ވިޔަފާރިވެރިން ކޮޅަށް ނެގުމަށެވެ. ޤައުމު ހުއްޓުނަ ނުދިނުމަށެވެ. ދޮންވެލި ގޮނޑުދޮށް ތަކަށް ފައިސާ އޮއްސައިގެން ތިބި ބޮޑެތި ކުންފުނިތައް ބަނގުރޫޓުވިޔަ ނުދިނުމަށެވެ.

މިޙާލަތުގައި ރާއްޖެ އޮއްވާ އިއްޔެ އަޑުއިވުނީ އަވަށްޓެރި ސްރީލަންކާއަށް ޗައިނާއިން 500 މިލިއަން އެމެރިކާ ޑޮލަރު، ލުއި ލޯނެއްގެ ގޮތުގައި ދިން ވާހަކައެވެ. ލަންކާ ސަރުކާރުގެ އެދުމަކަށް ދިން ދީލަތި އެހީއެކެވެ. މިކަމާއި ގުޅިގެން ސޯޝަލް މީޑިޔާގެ ތެރޭގައި ކޮންމެވެސް ވަރަކަށް ބަހުސް ހިނގާފައިވެސް ވެއެވެ. ޚާއްޞަކޮށް ބައެއް ވިޔަފާރިވެރިން ފާޑުކިޔާލިތަން ފެނުނެވެ. އެކަމަކު ގިނަ މީހުން ފާޑުކީ ހަމަ ހެޔޮހިތިންނެވެ. އެމްޑީޕީގެ ފިކުރަށް ތާއީދުކުރައްވާ ޓްވީޓްތައް ކުރައްވާފައިވާ ވިޔަފާރިވެރިޔާ އަހުމަދު އާރިފް ނުވަތަ އާއްޓޭ މިކަމާ ގުޅިގެން ކުރައްވާފައިވާ ޓްވީޓަކީ މިފަދަ ފާހަގަކޮށްލެވުނު ޓްވީޓެކެވެ. އޭނާ ވިދާޅުވެފައި ވަނީ ޗައިނާއިން ލަންކާއަށް ލުއިލޯނެއްގެ ގޮތުގައި ދިނީ 500 މިލިއަން ޑޮލަރު ކަމަށެވެ. މިދަނޑިވަޅުގައި އިންޑިޔާއިން ރާއްޖެއަށް ދިނީ 20 މިލިޓަރީ ޑޮކްޓަރުން ކަމަށެވެ.

އާއްޓެ މި ވިދާޅުވާ ވާހަކައަކީ މިދަނޑިވަޅުގައި ރާއްޖެއަށް އެހީދޭން ޗައިނާއިން އުޅުނުކަމަށް ދައްކާ ވާހަކައަށް ބާރުދޭ ވާހަކައަކަށްވެސް ވެދާނެއެވެ. ނުވަތަ ރާއްޖޭގެ ޚާރިޖީ ވަޒީރާ ޗައިނާގެ ސަފީރު ބައްދަލު ކުރެއްވުމުން ދެފަރާތުން ދެކެވުނު ވާހަކައިގެ ޖަޒުބާތު ކަމުގައިވެސް ވެދާނެއެވެ. ހަމަގައިމުވެސް މިއަޑުތައް އިވެމުންދަނިކޮށް ޗައިނާ ސަފީރު ރާއްޖޭގެ ޚާރިޖީ ވަޒީރާ ބައްދަލު ކުރެއްވިއެވެ. އެބައްދަލު ކުރެއްވުމުގައި ދެކެވުނީ ރާއްޖެއަށް މިވަގުތު އެހީދޭނެ ދާއިރާތަކުން ލިސްޓެއް އެކުލަވާ ލުމުގެ ވާހަކަ ކަމަށް ދޭހަވެއެވެ.

ނަމަވެސް ސުވާލަކީ ޗައިނާ ކަހަލަ ޤައުމެއްގެ ސަފީރަކާ ބައްދަލުކޮށް މިއަދު ރާއްޖޭގެ ޚާރިޖީވަޒީރު ދައްކަވަން ޖެހޭނީ އެހީބޭނުންވާ ދާއިރާތައް ބަލައި ލިސްޓެއް ހައްދަވާ ވާހަކަ ހެއްޔެވެ؟ މިހިރީ ޚާރިޖީ ވަޒީރު ދެއްކެވިޔަސް ތާކުންތާކު ނުޖެހޭ “ހޮޅި” ވާހަކައެވެ. މިއަދު ރައްޔިތުންގެ ހައްގުގައި މި އަޑިގަނޑުން އަރައިގަތުމަށް މިވެނި މިންވަރެއްގެ އެހީއެއް ދިނުމަށް ނުވަތަ މިވެނި ކަމެއް ކޮށްދިނުމަށް ތިމަންނާ އެދިވަޑައި ގަތީމޭ ވިދާޅުވި ނަމަ އެކަން ރައްޔިތުން ބަލައިގަތީސްކަން ކަށަވަރެވެ. ޗައިނާއިން އެހީދޭން ނުވަތަ ބޭނުންވާ އެހީއަކީ ކޮބައިތޯ ބަލަން ދިއުމުން ބޭނުންވާ އެހީގެ ލިސްޓެއް ހަދާ ވާހަކަ ދެއްކުމަކީ މިއަދު ހަމަ “ހޮޅި” ވާހަކައެވެ. ޗައިނާއިން އޮތީ ރާއްޖެއަށް އެހީވާން ތައްޔާރަށެވެ. މިއީ ކަށަވަރުވެ ޔަގީންވާ ކަމެކެވެ.

ބޮޑުބޭބެ ދެކެ ބިރު ގަންނާން ވާނީވެސް ވަކި ވަރަކަށެވެ. އަނގަޔާ އަތާ ދިމާނުވެގެން އުޅޭ އިރު ބޮޑުބޭބެއަށް އެއްޗެއް ދިއްކޮށް ނުލެވޭތާނގައި އެހެން ގާތް އެކުވެރިއަކު އެއްޗެއް ދޭން ނޭދޭނީ ނުވަތަ މިހާލަތުގައި ބޮޑުބޭބެ ދެކެ ބިރުން ރަހުމަތްތެރިޔާ ދޭ އެހީގައި ހިފަން ނުކެރޭނީ ހާދަހާވަރަކަށް ބޮޑުބޭބެގެ ދަށުވެ "ނަގޫ" ފިތިފައި ތިބީމާތާއެވެ.


ކިޔުންތެރިންގެ ހިޔާލު


12

އަޅުވެތިކަން

21-Mar-2020

ދިވެހިންގެ މައި ސަރުކާރުގެ ރައީސް މޯދީ ގާތު އަހަފަދޯ ލިސްޓު ނިންމޭނީ? އެހންވީމ ޖެހޭނީ ވަގުތު ހޯދާ ލިސްޓް ހަދަންތާ!


19

ޢަހު

20-Mar-2020

އެހެންނޫންވާނީ އޮށް ނެތް ބަރަބޮލެއްބިއްޔާ ވެެިކަމައް ގަދަކަމުން ގެނެސްފަ މިހިރީ ތަނެއް ދޮރެއް އިނގެނީކީ ނޫން



ޓްރެންޑިން