ރާއްޖެއާ ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
ރާއްޖެއާ ލަންކާ ބައްދަލުކުރި މެޗުގެ ތެރެއިން
ދެކުނު އޭޝިއާގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް 2021 ގައި މިއަދު ހަވީރު ކުޅުނު މެޗުން ސްރީ ލަންކާ ބަލިކޮށް ރާއްޖެއިން ފައިނަލަށް އޮތް އުއްމީދު އާކޮށްފިއެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުރިއަށް ދިޔަ މި މެޗުގައި ލަންކާ އަތުން ރާއްޖެ ކުރި ހޯދީ 0-1 ގެ ނަތީޖާ އަކުންނެވެ.

މި މެޗު ފަށައިގެން ފަސްވަނަ މިނިޓުގައި ލަންކާގެ ޗަލަނަ ޗަމީރާ ވަނީ ބޮލުން ޖަހާ ރާއްޖޭގެ ގޯލަށް ބޯޅައެއް ފޮނުވާލާފައެވެ. ނަމަވެސް، ކުޅުންތެރިޔާ އޮފްސައިޑްގައި ހުރުމުން ރެފްރީ ނިންމީ އޮފް ސައިޑް ލަނޑެއް ކަމަށެވެ.

އޭގެ މިނެޓެއް ފަހުން ރާއްޖެއިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗުގެ ލީޑު ނަގާފައެވެ. ރާއްޖެއަށް މި ލަނޑު ކާމިޔާބު ކޮށްދިނީ ހައިޝަމް ހަސަން ނަގައިދިން ހުރަހަކުން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އަދި އޭގެ ފަހުން މެޗުގެ 14 ވަނަ މިނެޓުގައި އޭރިއާ ތެރެއިން އަލީ ފާސިރު (ސެންޓޭ) އަށް ވެސް ގޯލެއް ކާމިޔާބު ކުރާނެ ވަރަށް ރަނގަޅު ފުރުސަތެއް ވަނީ ލިބިފައެވެ. ނަމަވެސް ސެންޓޭ ފޮނުވާލި ހަމަލާ އެރީ ސީދާ ހުރަސް ދަނޑިއަށެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ރާއްޖޭގެ ގޯލްކީޕަރު މުޙައްމަދު ފައިސަލަށް އަނިޔާވުމުން އޭނާގެ ބަދަލުގައި ދެން ކުޅެން ނެރުނީ މުޙައްމަދު ޝަފީއު (ޗެކް) އެވެ. މިއީ ގައުމީ ޓީމަށް ޗެކް ކުޅުނު ފުރަތަމަ މެޗެވެ.

މި މެޗުގެ ދެވަނަ ހާފުގައި ލަންކާއިން ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. މި ހާފުގައި އެ ޓީމުގެ ޑިލޯން ޑި ސިލްވާއަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި، ބޭކާރުވެފައެވެ. ދެވަނަ ހާފުގައި ރާއްޖެއަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވި ނަމަވެސް، ރާއްޖެއިން ވަނީ ރަނގަޅު ޑިފެންސިވް ކުޅުމެއް ދައްކާފައެވެ.

މި މޮޅާއެކު ރާއްޖެ މިހާރު ވަނީ ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ނަމަވެސް ތާވަލުގެ އެއްވަނައިގައި އޮތް ނޭޕާލާއި ރާއްޖެ މިހާރު ވަނީ 6 ޕޮއިންޓާއެކު ޕޮއިންޓްގެ ގޮތުން އެއްވަރުވެފައެވެ. ތާވަލުގެ ތިންވަނައިގައި ހަތަރު ޕޮއިންޓާއެކު ބަންގްލަދޭޝް އޮތްއިރު ދެ ޕޮއިންޓާއެކު ތިންވަނައިގައި އޮތް އިންޑިއާގެ ފަހަތުން ތާވަލުގެ އެންމެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ލަންކާއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން