2020 ވަނަ އަހަރުގެ މިސްޔުނިވަރސް މުބާރާތުގެ ތެރެއިން.
2020 ވަނަ އަހަރުގެ މިސްޔުނިވަރސް މުބާރާތުގެ ތެރެއިން.
ރީތީގެ ރާނީން ހޮވާ މިސްޔުނިވަރސް މުބާރާތުގައި ފުރަތަމަ ފަހަރަށް ޔޫއޭއީގެ އަންހެނަކު ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ކުރިއަށް އޮތް މިސްޔުނިވަރސް މުބާރާތުގައި ޔޫއޭއީ ތަމްސީލުކޮށްދޭނެ ފަރާތެއް ހޮވާނީ ނޮވެމްބަރު މަހު ޔޫއޭއީގައި ބާއްވާ ރީތީގެ ރާނީން ހޮވުމުގެ މުބާރާތަކަށް ފަހުއެވެ. ޔޫއޭއީގެ އަލް ހަބްތޫރު ސިޓީގައި ބާއްވާ މިމުބާރާތުގައި އެކި ރަންވޭ ހިނގުން ދައްކާލުމަށް ހަމަޖެހިފައިވާއިރު، ސްވިމްވެއަރއަށް ހާއްސަ ކުރާ އެއްވެސް ބައެއް ނުހިމެނޭނެކަމަށްވެއެވެ.

މިސްޔުނިވަރސް މުބާރާތުގައި ޔޫއޭއީ ތަމްސީލުކޮށްދޭނެ ފަރާތެއް ހޮވުމަށް ޔޫއޭއީގައި ބާއްވާ ރީތީގެ ރާނީ ހޮވުމުގެ މުބާރާތުގައި ބައިވެރިވާ ފަރާތްތަކުން، ފެޝަންޝޯ އަދި އެކި ރަންވޭ ޗެލެންޖު ތަކާއި އިސްތިހާރު ކުޅުމުގެ ހުނަރު ދައްކާލުމަށް ހަމަޖެހިފައިވާކަމަށް ވެއެވެ.

މިމުބާރާތުގައި ޔޫއޭއީގައި ދިރިއުޅޭ 18 އަހަރާއި 28 އަހަރާއި ދެމެދުގެ ކޮންމެ ރައްޔިތަކަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އަދި މިމުބާރާތުގައި ރީތީގެ ރާނީއަކަށް ހޮވޭ ކަނބަލަކީ ކޮންމެ ގައުމަކަށް ނިސްބަތްވާ ކަނބަލަކަށް ވިޔަސް، މިސްޔުނިވަރސް މުބާރާތުގައި ޔޫއޭއީ ތަމްސީލުކުރާނީ އެ ކަނބަލަކު ކަމަށް މިސް ޔުނިވަރސް ޔޫއޭއީ އިން ހާމަކޮށްފައިވެއެވެ. މިމުބާރާތައް މުހިންމީ ހަމައެކަނި ރީތިކަމާއި ވިސްނުންތޫނުވުން ނޫންކަމަށާއި، އެންމެ މުހިންމީ ކަނބަލުންގެ ހިތުގައިވާއެއްޗެއް ކަމަށް، މިސް ޔުނިވަރސް ޔޫއޭއީއިން ހާމަކޮށްފައިވެއެވެ.

މިއީ މިފަދަ ރީތީގެ ރާނީން ހޮވުމުގެ މުބާރާތެއް ޔޫއޭއީގައި ބާއްވާ ފުރަތަމަ ފަހަރެވެ. މިމުބާރާތުން އެއްވަނަ ލިބޭ ފަރާތްވާނީ ބައިނަލް އަގުވާމީގޮތުން ސިލްސިލާކޮށް ބާއްވަމުންދާ މިސްޔުނިވަރސް މުބާރާތުގައި ފުރަތަމަ ފަހަރަށް ޔޫއޭއީ ތަމްސީލުކޮށްދޭނެ އަންހެން ކަނބަލަށެވެ.

ކޮވިޑާ ގުޅިގެން ފަސްކުރި 2020 ވަނަ އަހަރުގެ މިސްޔުނިވަރސް މުބާރާތް ބާއްވާފައިވަނީ މިއަހަރުގެ މެއިމަހު، އެމެރިކާގެ ފްލޮރިޑާގައެވެ. 2021 ވަނަ އަހަރުގެ މިސްޔުނިވަރސް މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެމްބަރ މަހު، އިސްރާއީލްގައެވެ. މިއަހަރުގެ މުބާރާތްވެގެންދާނީ ސިލްސިލާކޮށް ބާއްވަމުންދާ މިސްޔުނިވަރސްގެ 70 ވަނަ މުބާރާތަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން