ޝެއިޚް މުހައްމަދު ބިން ރާޝިދް އަދި ޕްރިންސަސް ހަޔާ ބިންތު ހަސަން.
ޝެއިޚް މުހައްމަދު ބިން ރާޝިދް އަދި ޕްރިންސަސް ހަޔާ ބިންތު ހަސަން.
ޑުބާއީގެ އެންމެ އިސްވެރިޔާ، ޔޫއޭއީގެ ނާއިބު ރައީސް އަދި ބޮޑުވަޒީރު، ޝައިޚް މުހައްމަދު ބިން ރާޝިދް އަލް މަކްތޫމް، އެމަނިކުފާނުގެ ކުރީގެ އަނބިކަނބަލުން، ހަޔާ ބިންތު އަލް ހަސަން އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ ގެކޮޅު ކައިރިން ބިމެއް ގަތުމަށް ކުރެއްވި މަސައްކަތް ނާކާމިޔާބު ވެއްޖެއެވެ.

އެކަމަނާ ދިރިއުޅުއްވާ ގެކޮޅާ ކައިރިން ޝައިޚް މުހައްމަދު ބިމެއްބައްލަވައިގަތުމުގެ ވިސްނުންފުޅު މައްސަލައެއްގެގޮތުގައި ހަޔާ ވަނީ ލަންޑަނުގެ ހައިކޯޓުގައި މިހާރުވެސް ހިނގަމުންދާ ދެބޭފުޅުންގެ ވަރިވެވަޑައިގެންނެވުމުގެ މައްސަލައިގެތެރޭގައި ފާހަގަކުރައްވާފައެވެ. ހަޔާ ފާހަގަކުރައްވާފައިވާގޮތުގައި، ޝައިޚް މުހައްމަދު، އެކަމަނާ ދިރިއުޅުއްވާ ގެކޮޅާ ކައިރިން ބިމެއް ބައްލަވައިގަތުމަކީ ބިރުފުޅު ގަންނަވަރުގެ ކަމެކެވެ.

ޝައިޚް މުހައްމަދުގެ ކުރީގެ އަނބިކަނބަލުން، އަދި ޖޯޑަންގެ ޕްރިންސަސް ހަޔާ ބިންތު އަލް ހަސަން ކޯޓުގައި މިކަން ފާހަގަކުރައްވާފައިވަނީ، ދެބޭފުޅުންގެ ކައިވެނި ރޫޅުމަށްފަހު ހަޔާގެ ދިރިއުޅުން އިނގިރޭސިވިލާތައް ބަދަލުކުރެއްވުމާއެކު ޝައިޚް މުހައްމަދުގެ ފަރާތްޕުޅުން ކުރިމަތިވަމުންދާ ބިރުދެއްކެވުމުގެ އަމަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުންވެ. އަދި ޝައިޚް މުހައްމަދު އެބިން ބައްލަވައިގަތްނަމަ، އެކަމަނާއަށް ފާރަލެއްވުމަށް މަގުފަހިވެ، ދަރިކަލުން ވަގަށް ގެންދިއުމުގެ ބިރު އޮތް ކަމަށް ހަޔާ ވަނީ ކޯޓުގައި ވިދާޅުވެފައެވެ.

އެގޮތުން މީގެ ކުރިން ޝައިޚް މުހައްމަދުގެ މައްޗަށް ހަޔާ އަދި ހަޔާގެ ވަކީލުންގެ ފޯނުތައް ހެކް ކުރިކަމުގެ ތުހުމަތުތަކެއްވެސް ކުރައްވާފައިވާ ކަމުގެ ހަބަރުތަކެއްވެސް ވަނީ ފެތުރިފައެވެ.

ލަންޑަނުގެ ހައި ކޯޓުގައި މައްސަލަ ބައްލަވަމުންގެންދަވާ ފަނޑިޔާރު އެންޑްރިއު މެކްފާލޭން ވަނީ ޝައިޚް މުހައްމަދު ބައްލަވައިގަންނަވަން އުޅުއްވި ބިން ބައްލަވައިގަނެފިނަމަ ހަޔާގެެ ދިރިއުޅުމަށް ބިރުވެރިކަން ކުރިމަތިވާނެކަމަށް ފާހަގަ ކުރައްވައި، މިއީ ސީދާ ޝައިޚް މުހައްމަދުގެ އަމިއްލަފުޅު ފައިދާއަކަށް، އަދި ހަޔާއަށް ނަފްސާނީގޮތުން ގެއްލުން ދިނުމަށް ކުރައްވާކަމެއްގެގޮތުގައި މިމައްސަލައިގެ އެންމެ ފަހުގެ އަޑުއެހުމުގައި ވިދާޅުވެފައެވެ.

ޝައިޚް މުހައްމަދު، ހަޔާ ދިރިއުޅުއްވާ ގެކޮޅާ ކައިރިން ބިމެއް ބައްލަވައިގަތުމުގެ ވާހަކަތައް ފެތުރެން ފަށާފައިވަނީ 2019 ވަނަ އަހަރުއެވެ. މިއާއެކު 2020 ވަނަ އަހަރުއްސުރެ ހަޔާގެ ވަކީލުން ދިއައީ މިކަން ޔަގީންކުރުމަށް ޝައިޚްގެ ވަކީލުންގެ އަރިހުގައި ސުވާލު ކުރަމުންނެވެ. ނަމަވެސް މިސުވާލުތަކަށް ޖަވާބު ނުދިނުމުން، ހައިކޯޓުން ވަނީ ޝައިޚްގެ ވަކީލުންގެ އަރިހުގައި ހަޔާ ދިރިއުޅުއްވާ ގެކޮޅާ ކައިރިން ބިމެއްގަތުމުގެ ވާހަކަތަކުގެ ހަގީގަތް ހާމަކޮށްދިނުމަށް އެދިފައެވެ.

ޝައިޚް މުހައްމަދު ބިން ރާޝިދު ބައްލަވައިގަންނަވަން އުޅުއްވި ބިމަކީ 41 މިލިއަން ޑޮލަރުގެ ބިމެކެވެ. އަދި މި ޑީލަކީ ވިޔަފާރީގެ އުސޫލުން ކޮމަރޝަލް ބޭނުމަށް ގަންނަ ބިމެއްްކަމަށް ޝައިޚްގެ ވަކީލުން ކޯޓުގައި ފާހަގަކޮށްފައިވެއެވެ. ނަމަވެސް މައްސަލަ ބައްލަވަމުން ދިޔަ ގާޒީގެ ނިންމެވުން އަޑުއެއްސެވުމަށްފަހު، ފަހުގެ ތާރީހެއްގައި ޝައިޚް މުހައްމަދުގެ އޭޖެންޓުން ވަނީ ބިން ބައްލަވައިގަތުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމުގެ ކުރިން ޑީލް ކެންސަލްކޮށްފައެވެ.

ޝައިޚް މުހައްމަދު ބިން ރާޝިދް ހަ ކައިވެންޏެއް ބައްލަވައިގަނެފައިވާއިރު، ފަސް އަނބިކަނބަލުން ވަރިކުރައްވާފައިވެއެވެ. ޕްރިންސަސް ހަޔާ ބިންތު ހަސަން އަކީ ޝައިޚް މުހައްމަދު ކައިވެނިބައްލަވަގަތް ހަވަނަ އަންހެން ކަމަނާއެވެ. 2019 ވަނަ އަހަރު ޝައިޚް މުހައްމަދު އަދި ޕްރިންސަސް ހަޔާގެ ކައިވެނި ރޫޅިގެން ދިޔައިރު، އެދެބޭފުޅުންގެ ކައިވެންޏަށް ދަރިކަލަކާއި ދަރިކަނބަލަކު ލިބިވަޑައިގެންފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން