1959 ވަނަ އަހަރު ސީރިއާއަށް އުފަންވި ފާތިނާ އަލް ބީތަރ އަކީ ފުރަތަމަ އަރަބި އަންހެން ޕައިލެޓެވެ. ފުރަތަމަ އަރަބި އަންހެން ޕައިލެޓުގެ އިތުރުން، އުމުރުން އެންމެ 14 އަހަރުގައި ޖައްވުގައި ފިޔަޖަހަންފެށި ފާތިނާ އަކީ މުޅި ދުނިޔެއިންވެސް ފާހަގަކޮށްލެވުނު އެންމެ އުމުރުން ހަގު ޕައިލެޓުވެސްމެއެވެ.

އުމުރުން އެންމެ ތިންމަހުން ފެށިގެން އެކުވެރި ޢަރަބި ޢިމާރާތުގައި ދިރިއުޅެމުން އަންނަ ފާތިނާއަކީ ކުޑައިރުއްސުރެ ޕައިލެޓަކަށްވުމުގެ އުއްމީދުގައި މަސައްކަތްކުރަމުން އައި ކުއްޖެކެވެ. މިގޮތުން ފާތިނާ މިދާއިރާއިން ކުރިއަށް ދިއުމަށް މަތީ ތަޢުލީމު ހާސިލުކޮށްފައިވަނީ އިނގިރޭސީންގެ ބާރުގެދަށުން އަރަބި ގައުމެއްގައި އެޅި ފުރަތަމަ ފްލައިންގ ސްކޫލުންނެވެ. ފާތިނާ ފްލައިންގ ސްކޫލުން ޕައިލެޓުކަމުގެ ލައިސެންސް ނަގައި އުދުހުމުގައި 700 ގަޑިއިރު ފުރިހަމަކޮށްނިންމީ ކްލާހުގައި އިން ހަމައެކަނި އަންހެން ކުއްޖާގެ ގޮތުގައެވެ.

މިއާއެކު ފުރަތަމަ އަރަބި އަންހެން ޕައިލެޓުގެ ގޮތުގައި މުޅި ދުނިޔެއިން ފާތިނާއަށް ސަމާލުކަން ލިބިގެންދިޔައެވެ.

ޕައިލެޓެއްގެގޮތުގައި ފާތިނާގެ ފުރަތަމަ މަންޒިލްތަކުގެ ގޮތުގައި އޭނާ ފާހަގަކޮށްފައިވަނީ އަބޫދާބީ، ޝާރްޖާހް، ފުޖައިރަރ، ޕާކިސްތާން އަދި ބަހްރައިނެވެ.

ނަމަވެސް ކައިވެނި ކުރުމަށްފަހު ދިރިއުޅުމަށް އައި ބަދަލުތަކާއެކު، ޕައިލެޓުކަންކުރުން ދޫކޮށްލަން ފާތިނާ އިޚުތިޔާރުކުރިއެވެ. އެއަށްފަހު އޭނާ އިޚުތިޔާރު ކުރީ ތަޢުލީމީ ދާއިރާއިން ކުރިއަށް ދިއުމަށެވެ. ތަޢުލީމީ ދާއިރާއިންވެސް އެތަކެއް ކާމިޔާބީއެއް ހާސިލުކުރި ފާތިނާ އަކީ މިހާރު އޫއޭއީގެ ޝާރްޖާ ސިޓީގެ އަލްބަޔާން ސްކޫލްގެ ޕްރިންސިޕަލެވެ.

މިއާއެކު، ވަރުގަދަ އަޒުމަކާއެކު ގަދަ އަޅައި މަސައްކަތްކޮށްފިނަމަ ކޮންމެ ދާއިރާއަކުންވެސް ކުރިއަށްދެވޭނެކަމުގެ ނަމޫނާ ފާތިނާ ވަނީ ދައްކައިދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން