އަހުމަދު މަސްނޫމް   7 އޮކްޓޯބަރު 2021 - 19:15
ދުބާއީގައި މިހާރު ކުރިއަށްދާ އެކްސްޕޯ 2020އަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހި އުފެއްދުންތައް ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާޢީލް ވިދާޅުވެއްޖެއެވެ.

ދުބާއީ އެކްޒިބިޝަން ސެންޓަރުގައި "އެކްސްޕޯ 2020 ދުބާއީ" ކުރިއަށްދާނީ މި މަހުގެ 1ވަނަ ދުވަހުން ފެށިގެން 6 މަސްދުވަހުގެ މުއްދަތަށެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛު ފައްޔާޒް އިސްމާއިލް ވިދާޅުވީ، އެކްސްޕޯ އޮންނަ ގޮތުން އެކިއެކި ޤައުމުތަކަށް ފެއާގައި ބައިވެރިވެ އެގައުމެއްގެ އުވެއްދުންތައް ދައްކާލުމުގެ ފުރުސަތު ލިބިގެންދާކަމަށެވެ. އެގޮތުން ދިވެހި އުފެއްދުންތެރިންގެ ތަކެތި އެކްސްޕޯގެ ތެރެއިން ފެންނާނެގޮތަށާއި އަދި ގަނެވޭނެ އިންތިޒާމް ހަމަޖައްސާފައިވާކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"ދެން އެއީ 6 މަސްދުވަހުގެ އެކްސްޕޯއަކަށްވާތީ އަޅުގަނޑުމެން އޭގެ މަޤްބޫލުކަން އޮތްވަރުން އެއްޗެހި ވިކޭކަމަށްވަންޏާ އިތުރު އެއްޗެހި ރާއްޖެއިން ގެންދާނެ. އޭގެ ބޭނުމަކީ އާޓިސްޓުންނަށް އޭގެ ޖާގައެއް ލިބުމުގެ އިތުރުން މުޅި ދިވެހިރާއްޖެ ޕްރޮމޯޝަނެއްގެ ތެރޭގައި އަޅުގަނޑުމެންގެ އަތްތެރި މަސައްކަތާއި މިކަންތައްތައްވެސް ޕްރޮމޯޓްކުރުން." ފައްޔާޒު ވިދާޅުވިއެވެ.

"އެކްސްޕޯ 2020 ދުބާއީ"ގައި ދުނިޔޭގެ 191 ޤައުމަކުން ބައިވެރިވެއެވެ. އަދި އެކްސްޕޯގެ ތެރެއިން ރާއްޖެ އިސްތިހާރުކުރުމަށް ތަފާތު ޙަރަކާތްތައް ބޭއްވުމަށް ނިންމާފައިވާކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އެކްސްޕޯ 2020ގެ ރާއްޖޭގެ ޕެވީލިއަންގައި، ރާއްޖެ ރަމްޒުކޮށްދޭ ރީތި ގުދްރަތީ މަންޒަރުތަކުގެ އިތުރުން، ރާއްޖެ މިއަދާ ހަމަޔަށް ކޮށްފައިވާ ތަރައްޤީގެ ދަތުރުގައި އަބަދުވެސް ބޭނުންކޮށްފައިވާ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމާއި ސިޔާސަތުތަކާއި، ރާއްޖޭގެ ތާރީޚާއި ސަގާފަތް، މުޅި ދުނިޔެއަށް ދައްކާލެވިގެންދާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު