ސްކުއިޑްގޭމް ސީރީޒްގެ ޕޯސްޓަރެއް
ސްކުއިޑްގޭމް ސީރީޒްގެ ޕޯސްޓަރެއް
އިންޓަރނެޓް ޒަމާން އައުމުގެ ކުރިން ދެކުނު ކޮރެއާގެ ކުޑަކުދިން ކުޅެމުން އައި ގޭމްތަކުގެ މައްޗަށް ބިނާކޮށް އުފެއްދި "ސްކުއިޑް ގޭމް" އަކީ މިހާރު ދުނިޔޭގެ ސަމާލުކަން ހޯދަމުން އަންނަ ގިނަ ބައެއްގެ މެދުގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ ސީރީޒެކެވެ.

ސެޕްޓެމްބަރ މަހުގެ 17 ވަނަ ދުވަހު ނެޓް ފްލިކްސްގައި ރިލީޒްކުރި މިސީރީޒަށް ގިނަ ބައެއްގެ ސަމާލުކަން ލިބެމުން އަންނައިރު، މި ސީރީޒަކީ 9 އެޕިސޯޑްގެ މައްޗަށް އެކުލެވޭ ސީރީޒެކެވެ. މި ސީރީޒްގެ ބައިވެރިން ކުޅެންޖެހޭ 6 ގޭމަކީ ވެސް ދެކުނު ކޮރެއާގެ ކުޑަކުދިން މީގެކުރިން ކުޅެމުން އައި ގޭމްތައް ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

އެންމެ ފުރަތަމަ އެޕިސޯޑްގައި ފެނިގެންދާ "ރެޑް ލައިޓް، ގްރީން ލައިޓް" އަކީ 1970 އާއި 1980 ގެ އަހަރުތަކުގައި ދެކުނު ކޮރެއާގެ ކުޑަކުދިންގެ މެދުގައި އެންމެ މަގުބޫލުވި އެއް ކުޅިވަރެވެ. ފުރަތަމަ އެޕިސޯޑްގައި ގޭމްގެ ބައިވެރިންނަށް ކުޅެން ޖެހުނީ "ރެޑް ލައިޓް، ގްރީން ލައިޓް" އެވެ. މި ގޭމްގައި ރެޑް ލައިޓް ވުމަށްފަހު އެއްވެސް ހަރަކާތެއް ގެނަސްފި ނަމަ އެމީހަކު ގޭމުން ބޭރުވާނެކަމަށް ވިސްނައިގެން ތިބި މީހުންނަށް ލިބުނީ ހައިރާންކަމެކެވެ. ސަބަބަކީ ރެޑް ލައިޓް ވުމަށްފަހު ހަރަކާތްކުރި މީހާ ގަޔަށް ބަޑިޖަހާ މަރާލުމުންނެވެ. މިއާއެކު ބެލުންތެރިންނަށް ވެސް ލިބުނީ ބިރުވެރި ސިހުމެކެވެ.

ސްކުއިޑް ގޭމްގައި 456 ބައިވެރިން ބައިވެރިވަނީ ފައިސާގެ އިނާމެއް ހޯދުމުގެ ބޭނުމުގައެވެ. ދިރިއުޅުމުގެ އެކި ހާލަތްތަކުގެ ސަބަބުން ފައިސާއަށް އިންތިހާއަށް ބޭނުންވެފައި ތިބި މިމީހުންގެ ތެރޭގައި އުތުރު ކޮރެއާއަށް އުފަން މީހުންނާއި ގޭމަށް ފަންޑުކުރާ މީހުންވެސް ހިމެނެއެވެ. އެމީހުންގެ ފުރާނަ ގުރުބާންކުރަންޖެހޭ މިގޭމް ސީރީޒް ނިމޭއިރު ސަލާމަތުން ހުންނަ މީހާއަށް 38.66 މިލިއަން ޑޮލަރު ލިބެއެވެ.

ނޭވާ ހިފަހައްޓާލަންޖެހޭ އެތައް ވަގުތުތަކަކާއި ބިރުވެރި އެތައް ކަމެއް ފެނިގެންދާ މިސީރީޒަކީ ދެކުނު ކޮރެއާއިން މިހާތަނަށް އުފައްދާފައިވާ ސީރީޒްތަކުގެ ތެރެއިން އެމެރިކާގައި ނެޓް ފްލިކްސްގެ އެންމެ ކުރިން ޖާގަ ހޯދި ފުރަތަމަ ސީރީޒެވެ. މީގެއިތުރުން މުޅި ދުނިޔޭގެ ނިސްބަތުންވެސް އެންމެ ބޮޑު މަގުބޫލުކަމެއް ލިބޭނެ ކޮރެއާގެ ޑްރާމާ ސީރީޒަކަށް މި ސީރީޒް ވެގެން ދިއުމަކީ ވަރަށް ގާތް ކަމެކެވެ.

ނަމަވެސް މިސީރީޒް އުފެއްދި މީހުން މިސީރީޒް އުފެއްދީ މުޅި ދުނިޔޭގައި މިހާބޮޑު މަގުބޫލުކަމެއް މިސީރީޒްއަށް ލިބޭނެކަމަށް އުންމީދުކޮށްގެނެއް ނޫނެވެ. ސީރީޒް އުފެއްދި ކުންފުނީގެ ކޯ ޗީފް އެގްޒެކެޓިވް ޓެޑް ސަރަންޑޯސް ބުނީ މި ގޭމަށް މިހާބޮޑު ތަރުހީބެއް ލިބޭނެކަމަށް ކުރިން ހީނުކުރާކަމަށެވެ. އަދި މިސީރީޒްގެ މަގުބޫލުކަމާއެކު ނެޓްފިލިކްސްއިން ވަނީ ދެކުނު ކޮރެއާއަށް މިއަހަރު 500 މިލިއަން ޑޮލަރު އިންވެސްޓް ކުރުމަށް ނިންމާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން