މަސްތުވާތަކެތީގެ މައްސަލައެއްގައި ނާކޮޓިކްސް ބިއުރޯއިން މިދިޔަ އާދިއްތަ ދުވަހު ހައްޔަރުކުރު ހިންދުސްތަން ފިލްމީ ދުނިޔޭގެ ސުޕަރ ސްޓާ، ޝާހް ރުކް ޚާންގެ ދަރިފުޅު އާރްޔަން ޚާންގެ ލޯޔަރަކަށް ސަތީޝް މަނެންޝިންޑެ ހަމަޖައްސައިފިއެވެ.

ސަތީޝްއަކީ އިންޑިއާގެ އެންމެ އަގުބޮޑު ކްރިމިނަލް ލޯޔަރކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރަމުން ދާއިރު، ސަތީޝް ވަނީ ބޮލީވުޑްގެ ގިނަ ތަރިންތަކެއްގެ މައްސަލަތަކުގައި ވަކާލާތުކޮށް، ކޭސްތައް ކާމިޔާބުކޮށްފައެވެ.

އާރްޔަން ޚާން އެންބީސީގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ކުރޫޒް ލައިނަރއެއްގައި ކުރިއަށް ދިޔަ ރޭވް ޕާޓީއެއްގައި ގާނޫނާ ޚިލާފަށް ޑްރަގް ބޭނުން ކޮށްފައިވާ ކަމުގެ ތުހުމަތުގައެވެ. މި ރެއިޑްގައި އެންސީބީން ވަނީ 13 ގްރާމް ކޮކެއިން، 5 ގްރާމް އެމްޑީއެމްއޭ، 21 ގްރާމް ހޭޝް، 22 އެކްސްޓަސީ ޕިލްސް، އަދި 1.3 ލައްކަ ރުޕީސް ހޯދާފައެވެ.

މިކަމާ ގުޅިގެން އާރްޔަންގެ ދިފާއުގައި ކޯޓުގައި ވަކާލާތުކުރަމުން، ސަތީޝް ބުނެފައިވަނީ މި ކްރޫޒްޝިޕްގައި ބޭއްވި ރޭވް ޕާޓީ ރޭވުމުގައި އާރްޔަން ބައިވެރި ވެފައި ނުވާނެކަމާށާއި، އާރްޔަން މި ޕާޓީއަށް ގޮސްފައިވަނީ އާރްޔަނަށް ލިބުނު ދައުވަތަކަށް ކަމަށެވެ. އެގޮތުން، އާރްޔަންގެ އަތުން މަސްތުވާތަކެތީގެ އެއްވެސް ބާވަތެއް ފެނިފައި ނުވާނެ ކަމަށާއި، އޭނާ ޑްރަގް ބޭނުންކުރި ކަމުގެ އެއްވެސް ހެއްކެއްވެސް ނެތްކަމަށް ސަތީޝް ވަނީ ބުނެފައެވެ.

މި މައްސަލައާ ގުޅިގެން، އާރްޔަންގެ ފޯނުން ވަނީ ވަރަށް ހައިރާން ކުރުވަނިވި ކަންތައްތަކެއް ފާހަގަ ވެފައި ކަމަށް ބައެއް މީޑިއާތަކުން ދަނީ ރިޕޯޓްކުރަމުންނެވެ. އަދި މިކަމާ ގުޅިގެން ކޯޓުގައި އަމިއްލަ ނަފްސުގެ ދިފާއުގައި އާރްޔަން ބުނެފައިވަނީ، އެހެންބައެއްގެ އަތުން ޑްރަގް ފެނުމުން އޭނާ ކަސްޓަޑީގައި ބެހެއްޓުމަކީ އެއްވެސް އިންސާފެއް ނޫންކަމަށާއި، އިނޓަރނޭޝަނަލް ޑްރަގް ޓްރެފިކިންގެ ތުހުމަތުގައި ހައްޔަރު ކުރާއިރު ދައްކާނެ ހެއްކެއް ވެސް އޮންނަން ޖެހޭނެކަމަށެވެ.

އޮކްޓޯބަރ 7 ވަނަ ދުވަހާ ހަމަައަށް އާރްޔަން އެންސީބީގެ ކަސްޓަޑީގައި ބަހައްޓަން ހަމަޖެހިފައިވާކަމަށް އިންޑިއާގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން