ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި މިހާރު ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ހޯދައިދިނުމަށްޓަކައި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ހުޅުމާލެ ދެވަނަ ފިޔަވައްސައް ބަހުގެ ޚިދުމަތް ފުޅާކުރުމަށް އެމްޓީސީސީން ނިންމައިފިއެވެ.

މިފަދަ ނިންމުމެއް އެމްޓީސީސީން ނިންމާފައިވަނީ، ސަރުކާރުން މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި އަދި އެމްޓީސީސީއާއެކު ކުރެވުނު މަޝްވަރާތަކަށްފަހުއެވެ.

މިމަޝްވަރާތަކަށްފަހު، އެމްޓީސީސީން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނަށް ދެމުންދާ ބަހުގެ ޚިދުމަތް ފުޅާކޮށް މި ޚިދުމަތް ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ރައްޔިތުންނަށްވެސް ދެވޭނެ ގޮތަށް މިހާރުވަނީ ބަސް ރޫޓަށް ބަދަލުގެނަސްފައެވެ. މިގޮތުން ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގުޅުވައިދޭ މި ބަސް ރޫޓުން މާލެ އަދި ހުޅުލޭ އެއަރޕޯޓް ބަސް ރޫޓްތަކާއި، ހުޅުމާލެ ފެރީއާއި ގުޅުވައިދޭ ބަސްހުއްޓިތަކަށް ހުއްޓާނެއެވެ.



ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގުޅުވައިދޭ މި ބަސް ރޫޓުގެ ބަހުގެ ހިދުމަތަށް ނަގާނީ 5 ރުފިޔާކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

ބަހުގެ ޚިދުމަތް އެކަށީގެންވާ ފެންވަރެއްގައި ދިނުމަށް ބޭނުންވާނެ ބަސްތައް ގެނައުމާއި، އެއާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް އެމްޓީސީސީން ކުރަމުންދާކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.

މިފަދަ ޚިދުމަތްތަކާއެކު އެމްޓީސީސީގެ އަމާޒަކީ ގްރޭޓަރ މާލެ ސަރަޙައްދުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު